އިންޑިއާގެ ގޯއެއާގެ ދަތުރުތައް އަލުން ރާއްޖެއަށް މިއަދު ފަށައިފި އެވެ.

ގޯއެއާގެ ދަތުރުތައް އަލުން ފަށައި، ފުރަތަމަ ފްލައިޓް ރާއްޖެ އައީ މިއަދު މެންދުރު އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ގޯއެއާއިން ހަފްތާއަކު 11 ފްލައިޓް ތިން މަންޒިލަކުން ރާއްޖެ އަންނާނެ ކަމަށެވެ. މި ދަތުރުތައް ކުރާނީ އިންޑިއާގެ ދިއްލީ، ބެންގަލޫރު އަދި މުންބާއީންނެވެ.

އިންޑިއާގެ ގޯއެއާއިން އައި ފަސިންޖަރުން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފައިބަނީ. އިންޑިއާއިން މިހާރު ތިން އެއާލައިނެއް ރާއްޖެއަށް ދަތުރުކުރޭ. ފޮޓޯ: އެމްއޭސީއެލް

ގޯއެއަރއިން އެންމެ ފުރަތަމަ ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް ޑިމާންޑް ދަށްވެގެން އެ އެއާލައިންއިން ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް 2019 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ވަނީ ވަގުތީ ގޮތުން މެދުކަނޑާލި އެވެ. އެކަމަކު ކްރިސްމަސް އަދި އާ އަހަރާ ދިމާކޮށް މިދިޔަ ޑިސެމްބަރު މަހު އެ އެއާލައިނުން އަލުން ދަތުރުތައް ފެށި އެވެ. އެ އެއާލައިނުން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލީ ކޮވިޑް-19 އާއި ގުޅިގެން މާޗް މަހުގެ ތެރޭގަ އެވެ.

އިންޑިއާއިން މިހާރު ރާއްޖެއަށް ތިން އެއާލައިނަކުން ދަތުރުކުރެ އެވެ. އެއީ ގޯ އެއާގެ އިތުރުން އެއާ އިންޑިއާ އަދި އިންޑިގޯ އެވެ.