ރާއްޖެ އާއި ތައިލެންޑާ ދެމެދު އެއާ އޭޝިއާގެ ދަތުރުތައް މިމަހުގެ 22 ވަނަ ދުވަހު އަލުން ފެށުމާ ގުޅިގެން ބޭއްވި ހާއްސަ ވާޗުއަލް އިވެންޓެއްގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީ (ވިޒިޓް މޯލްޑިވްސް) އިން ބައިވެރިވެއްޖެ އެވެ.

އެއާލައިނުން ނިންމާފައި ވަނީ ބެންކޮކްގެ ޑޮންމުއާން އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ހަފުތާއަކު ދެ ދަތުރުކުރާ ގޮތަށެވެ.

ތައިލެންޑަށް ދަތުރުތައް އިތުރުކުރުމާ ގުޅިގެން ބޭއްވި ހާއްސަ އިވެންޓްގައި ވިޒިޓް މޯލްޑިވްސްއިން ވަނީ ކޮވިޑަށް ފަހު ރާއްޖެއަށް ދަތުރުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ހިއްސާ ކޮށްފަ އެވެ.

މީގެ އިތުރުން ފްލައިޓް ކަނެކްޓިވިޓީ އާއި ޓިކެޓް ޕްރޮމޯޝަނާ ބެހޭ މައުލޫމާތު ވެސް ހިއްސާކުރި އެވެ.

މި ހަރަކާތުގައި ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބް މުހައްމަދު ވިދާޅުވީ ތައިލެންޑްގައި ދަތުރުފަތުރުކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކުރުމާ ގުޅިގެން އަނެއްކާ ވެސް އެ ގައުމުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އައި ފަތުރުވެރިންނަށް މަރުހަބާ ކިއުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށް ތޮއްޔިބް ވިދާޅުވި އެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދެކުނު އިރުމަތީ އޭޝިއާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި މިންވަރު ވަނީ އިތުރުވެފަ އެވެ.

2019 ވަނަ އަހަރު ދެކުނު އިރުމަތީ އޭޝިއާއިން 87,636 އަށްވުރެ ގިނަ ފަތުރުވެރިންނަށް ރާއްޖެ އިން ވަނީ މަރުހަބާ ކިޔާފަ އެވެ.

ވިޒިޓް މޯލްޑިވްސްއިން މިމާކެޓްގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ވެބިނާތަކާއި، ރޯޑް ޝޯތައް އަދި ޖޮއިންޓް މާކެޓިން ކެމްޕެއިންތަކާއި، އެކި ފެއާތަކުގައި ބައިވެރިވުން ހިމެނެ އެވެ.

ވިޒިޓް މޯލްޑިވްސްގެ މާކެޓިން ސްޓްރެޓަޖީގައި އެންމެ ބޮޑެތި މާކެޓްތަކާއި ކުރިއަށް އަރަމުންދާ މާކެޓްތަކަށް އަމާޒުކޮށް އެމާކެޓްތަކުން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ އަދަދު އިތުރުކުރުމަށް މަސައްކަތްކުރެވެ އެވެ.