ސިންގަޕޯ އެއާލައިންސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އަންނަ މަހުން ފެށިގެން އިތުރުކުރަން ނިންމައިފި އެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ އެއް އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމިއިރު ކަރަންޓީނުވުމަކާ ނުލައި ރާއްޖެއާއި ސިންގަޕޫރާ ދެމެދު ދަތުރުކުރެވޭނެ ގޮތް ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން މިހާރު ހަފްތާއަކު 7 ދަތުރުކުރާ އެއާލައިނުން އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން 10 ދަތުރަށް އިތުރުކުރަން ވަނީ ނިންމައިފަ އެވެ.

ކޮވިޑް-19 ޕެންޑެމިކްގެ ހާލަތުގައި މާލެއާއި ސިންގަޕޫރާ ދެމެދު ކުރާ ދަތުރުތައް މިދިޔަ އަހަރުގެ މާޗް މަހު ހުއްޓާލި އެވެ. ނަމަވެސް މި ޑިސެމްބަރު މަހުން ފެށިގެން ކުރިއެކޭ އެއްގޮތަށް އަލުން ދަތުރުތައް ވަނީ ފަށާފަ އެވެ.

ސިންގަޕޫރަށް ދަތުރުކުރުމުގައި ދިވެހިންނަށް ލުއިތަކެއް ދޭން ނިންމީ ރާއްޖޭގައި ކޮވިޑްގެ ހާލަތަށް ރިޔާއަތްކުރުމަށްފަހު ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުންޏެވެ. މީގެ އިތުރުން ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލާފައިވާކަން ވެސް ސިންގަޕޫރުގެ ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެ އެވެ.

ވެކްސިނޭޓެޑް ޓްރެވެލް ލޭން (ވީޓީއެލް)ގެ ދަށުން މި މަހުގެ 16ވަނަ ދުވަހުން ފެށިގެން ވެކްސިން ޑޯޒް ފުރިހަމަކޮށްފައިވާ ދިވެހިން، ކަރަންޓީނުވުމަކާ ނުލައި ސިންގަޕޫރަށް ދެވޭނެ ގޮތް ވަނީ ހަމަޖައްސައިފަ އެވެ. މި ޓްރެވެލް ލޭން އެކުލަވާލާފައި ވަނީ ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ، ހެލްތު މިނިސްޓްރީ އަދި ސިންގަޕޫރުގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓާ މަޝްވަރާކުރުމަށްފަހު އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދޫކޮށްފައިވާ ކޮވިޑް-19 ޑިޖިޓަލް ވެކްސިން ސްޓްފިކެޓް އޮންނަ ކޮންމެ ދިވެއްސަކަށް، ކަނޑައެޅިފައިވާ ވީޓީއެލް ފްލައިޓްތަކުން ކޮވިޑް ނެގެޓިވް ނަތީޖާއާއެކު ދަތުރުކުރެވެ އެވެ. މިދަތުރުތަކަށް ކޮވިޑް ޓެސްޓުކުރަން ޖެހެނީ ދަތުރަށް ފުރުމުގެ 48 ގަޑިއިރުގެ ކުރިންނެވެ.