ދިރާގު ހައިސްޕީޑް ފައިބަ އިންޓަނެޓްގެ ޚިދުމަތާއެކު ދިރާގު ޓީވީގެ ޚިދުމަތް ގއ. ގެމަނަފުށީގައި ރަސްމީކޮށް އިފްތިތާހްކޮށްފި އެވެ.

މުއާސާލާތީ އެންމެ ބޮޑު ކުންފުނިން މިއަދު ބުނީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ދަށުން މި ދެ ޚިދުމަތް އެ ރަށަށް ރަސްމީކޮށް އިފްތިތާހުކޮށް ވަނީ ޚާއްސަ އޮފާތަކާއެކު ކަމަށެވެ. އެގޮތުން، ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖަށް އެޕްލައިކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބާ ގުޅައިދިނުމުގެ އިތުރުން ފައިބާއަށް ބޭނުންވާ ޚާއްސަ ރައުޓަރު ނުވަތަ އޯއެންޓީ ވެސް ހިލޭ ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މިއީ އެންމެ ހަލުވި ސްޕީޑް އާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ޚިޔާރުކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގު ޓީވީއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ވެސް ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން، ޖޯއިބޮކްސް ވެސް (ޑީކޯޑަރު) މުޅިން ހިލޭ ލިބެ އެވެ. އެގޮތުން ގެމަނަފުށީ ރައްޔިތުންނަށް މިހާރު އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓެ އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 80 ޕަސެންޓަށް މި ޚިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 69 ރަށެއް ހިމެނެ އެވެ. އަދި 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ޚިދުމަތެވެ. ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ 77 ޕަސެންޓް ގޭބިސީއަށް މިހާރު ދިރާގުޓީވީ ޚިދުމަތް ވަނީ ފޯރުކޮށްދީފައި އެވެ.

"ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމެވެ. މިގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ދިރާގުން ކުރިއަށް ގެންދާނެއެވެ." ދިރާގުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.