ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް އެތައް މިލިއަން ޑޮލަރު ހަރަދުކޮށްގެން ބޮޑު ބަދަލުތަކެއް ގެނައުމަށް ފަހު، އަންނަ އަހަރުގެ ފެބްރުއަރީ މަހު އަލުން ލޯންޗްކުރަން ނިންމައިފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޓެލް ޗެއިން އެމެރިކާގެ ހިލްޓަން އިން ހިންގާ ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑަކީ ރާއްޖެއަށް އައި ފުރަތަމަ އިންޓަނޭޝަނަލް ރިސޯޓް ބްރޭންޑެވެ. އަންނަ އަހަރު 25 އަހަރު ފުރޭ ޓްވިން އައިލެންޑް ޕްރޮޕަޓީއަކީ ދުނިޔޭގެ ފުރަތަމަ އަންޑަސީ ރެސްޓޯރެންޓް އިތާ، ދެ ލެވަލްގެ ރެސިޑެންސް (މުރަކަ) ކަނޑުއަޑީގެ ފުރަތަމަ ބެޑްރޫމް އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓްވިން އައިލެންޑް ރިސޯޓުގެ ތަޖުރިބާ ލިބޭ ގޮތަށް ހެދި ތަނެވެ.

އދ. ރަންގަލި އާއި ރަންގަލިފިނޮޅުގައި ހިންގާ ކޮންރަޑް މޯލްޑިވްސްއަކީ ހިލްޓަންގެ އެންމެ އަގު ބޮޑު އެއް ބްރޭންޑެވެ.

އެތައް އަހަރެއް ވަންދެން ހިންގި މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން، އެންމެ ފަހު މަސައްކަތެއްގެ ގޮތުގައި އަލަށް ހެދި 50 އޯވާ ވޯޓާ ވިލާއާއެކު ރިސޯޓުގެ ޖާގަ އިތުރުވެގެންދާނެ އެވެ. އަދި އެއާއެކު އަންނަ އަހަރު އެ ރިސޯޓުގައި ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބުނެފައިވެ އެވެ.

ދެމަފިރިންނާއި ހަނީމޫން ހޭދަކޮށްލަން އަންނަ މީހުންނަށް ހާއްސަކޮށްފައިވާ ރަންގަލި އައިލެންޑުގެ ވޯޓާ ވިލާތަކަށް ދަނީ އިންގިލާބީ ބަދަލުތަކެއް އަންނަމުންނެވެ. ހުރިހާ ވިލާއެއްގައި ވެސް އިންޓީރިއާ ބަދަލުކޮށް، އިންޓެގްރޭޓެޑް އިންޑޯ-އައުޓްޑޯ ލިވިން ސްޕޭސްތަކުން އިންޑިއާ ކަނޑު މެދުކެނޑުމެއްނެތި ފެންނަ ގޮތަށް އެއްކޮށްލައިގެން ޕްރައިވެޓް ސަން ޑެކަށް ސީދާ ދެވޭނެ ގޮތަށް ވަނީ ހަދައިފަ އެވެ. އެ ރިސޯޓުގައި 925 އަކަފޫޓުގެ ޖާގައިގެ އޯޝަން ފްރަންޓް ޕްރިމިއާ ވޯޓާ ވިލާތަކުގެ އިތުރުން 1،636 އަކަފޫޓުގެ އޯވާ ވޯޓާ ދެ ބެޑްރޫމް އަދި ޕޫލާއެކު 4،865 އަކަފޫޓުގެ ރަންގަލި އޯޝަން ޕެވިލިއަން ހުރެ އެވެ.

މީގެ އިތުރުން އެ ރިސޯޓުގެ ތިން ރެސްޓޯރެންޓާއި ބާ ވެސް ވަނީ ބަދަލުތައް ގެނެސް އަލުން މަރާމާތުކޮށްފަ އެވެ. އަތޮޅު މާރުކޭޓުގެ ނަމުގައި ހިންގި މަޝްހޫރު އޯލް ޑޭ ޑައިނިން ބުފޭ ރެސްޓޯރެންޓް މަރާމާތު ކުރުމަށްފަހު އަލުން ލައިވް ކުކިން ސްޓޭޝަންތައް ހިމަނާފައިވެ އެވެ. ގެސްޓުންނަށް ރެސްޓޯރަންޓްގެ އެތެރޭގައި ތިބެގެން ނުވަތަ ބޭރުގައި ރުއްދަށުގެ ހިޔަލުގައި ތިބެން ވެސް ކެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށް އެ ރިސޯޓުން ބުންޏެވެ.

ރަންގަލި ބާގައި ޒަމާނީ އިންޓީރިއާ އާއި ވާމް ފަރުނީޗަރު ޓޯން އަދި ފަޅުތެރެ ފެންނަ ގޮތަށް ހަދާފައިވާއިރު، ފަޅުގެ އައްސޭރިފަށުގައި ހުންނަ އޯޕަން އެއާ ރެސްޓޯރެންޓެއް ކަމަށްވާ ރަންގަލި އައިލެންޑުގެ ވިލު ރެސްޓޯރެންޓުން ވަރަށް އަވަހަށް އާ ޖާގައެއް ލިބޭނެ އެވެ.

ހުރިހާ އުމުރެއްގެ ގެސްޓުންނަށް ވެސް ހިދުމަތް ދެވޭގޮތަށް އަދި އަލުން އިތުރު ފެސިލިޓީތަކުގެ ތެރޭގައި ފުރާވަރު ކްލަބް (ޓީންސް ކްލަބް) ހިމެނެ އެވެ. މި ބްރޭންޑުގެ "ޓީންސް ކްލަބް އޮން ރަންގަލި-ފިނޮޅު އައިލެންޑް" ގެ ސަބަބުން، ކުޑަކުދިން ގޮވައިގެން ދަތުރުކުރާ އާއިލާތަކަށް އިތުރު ހިތްވަރެއް ލިބި، އެ ކުދިންގެ ހިތްގައިމު ތަޖުރިބާތައް ލިބިގެންދާނެ ކަމަށް ވެސް ކޮންރެޑުން ބުނެފައިވެ އެވެ. "މަޖާ އެކްސްޕްލޯރާ ހަބް" އަކީ އަލަށް ތައާރަފުކުރި ތުއްތު ކުދިންގެ ކްލަބާ ޖެހިގެން ހެދި ތަނެކެވެ.