ރާއްޖެއިން ފަތުރުވެރިންނަށް ކުރެވޭ ތަފާތު ތަޖުރިބާތައް ދައްކުވައިދިނުމަށް ހާއްސަކޮށްފައިވާ "ރީކަނެކްޓް ވިތް މޯލްޑިވްސް" ޕްރޮގްރާމް ސީއެންއެންގެ ފީޑްތަކުގައި ދައްކައިފި އެވެ.

މި ޕްރޮގްރާމް ސީއެންއެން ފީޑްތަކުގައި ދައްކާފައި މިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީ (ވިޒިޓް މޯލްޑިވްސް) އަދި ސީއެންއެން އިންޓަނޭޝަނަލް ގުޅިގެން ކުރިއަށް ގެންދާ ގްލޯބަލް ކެމްޕެއިންގެ ދަށުންނެވެ.

30 މިނެޓުގެ މި ޕްރޮގްރާމް ޕްރިމިއާ ކޮށްފައިވަނީ 11 ޑިސެންބަރުގަ އެވެ. މި ޕްރޮގްރާމް ސީއެންއެންގެ ޔޫރަޕް، މިޑްލް އީސްޓް، އެފްރިކާ، އޭޝިއާ ޕެސިފިކް، ސައުތް އޭޝިއާ، ނޯތް އެމެރިކާ އަދި ލެޓިން އެމެރިކާގެ ފީޑްތަކުގައި ވަނީ ދައްކާފަ އެވެ. ޕްރޮގްރާމްގެ ރިޕީޓް 11 އަދި 12 ޑިސެންބަރުގައި މި ފީޑްތައް މެދުވެރިކޮށް ހަތަރު ފަހަރު ވަނީ ދައްކާފަ އެވެ.

މި ޕްރޮގްރާމްގައި ބެލުންތެރިންނަށް ރާއްޖޭގެ ރަށްރަށުގެ އާންމު ދިރިއުޅުމާއި، ކާނާ އަދި ސަޤާފީ ކަންކަން ވަނީ ދައްކާފަ އެވެ. މީގެއިތުރުން ޔުނެސްކޯ ބަޔޮސްފިއާ ރިޒާވް، ބ އަތޮޅުގައި ހަރަކާތްތެރިވާ މަންޓާ ޓްރަސްޓް، ރީފްސްކޭޕާޒް، ރާއްޖޭގެ ފުރަތަމަ އަންހެން ޕަޑީ ކޯސް އިންސްޓްރަކްޓާ، ޝެފަކާއި، ހުސް އަންހެން ކަނބަލުން ހިމެނޭ ފަތްމިނި ބޮޑުބެރު ގްރޫޕް ވެސް ވަނީ މި ޕްރޮގްރާމްގައި ދައްކާފަ އެވެ. ރީކަނެކްޓް ވިތް މޯލްޑިވްސް ވަނީ ސީއެންއެންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވެސް ޝެއާކޮށްފަ އެވެ.

ރީކަނެކްޓް ވިތް މޯލްޑިވްސް ޕްރޮގްރާމް ދައްކާފައި މިވަނީ އެމްއެމްޕީއާރުސީ އަދި ސީއެންއެންއިން، މިއަހަރު ސެޕްޓެންބަރުން ޑިސެންބަރުގެ ނިއަލަށް ކުރިއަށް ގެންދާ ގްލޯބަލް ކެމްޕެއިންގެ ދަށުންނެވެ.

މި ކެމްޕެއިންގެ މަގުސަދަކީ އައު އާންމު ހާލަތުގައި ރާއްޖެއަކީ ފަތުރުވެރިން ބޭނުންވާ ރައްކާތެރިކަމާއި، މިފަދަ ހާލަތާ ގުޅޭ އެކި ހިދުމަތްތައް ފޯރުކޮށްދޭ މަންޒިލެއްގެ ގޮތުގައި މާކެޓްކުރުމެވެ. މިގޮތުން ރާއްޖެއަކީ އެންމެ ރައްކާތެރި މަންޒިލްކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތްދޭ ރިޒޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތަކުގައި އެޅިފައިވާ ހަރުދަނާ ފިޔަވަޅުތައް މި ކެމްޕެއިންގެ ޒަރިއްޔާއިން އިޝްތިހާރު ކުރެވޭނެ އެވެ.

މީގެ އިތުރުން ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން އުފެދިފައިވަނީ ވަކި ވަކިން ކަމުން، މިއީ ގައިދުރުކަން ދެމެހެއްޓުމަށް ފަތުރުވެރިންނަށް އެންމެ އެކަށީގެންވާ މަންޒިލްގެ ގޮތުގައި އިޝްތިހާރު ކުރެވޭނެ އެވެ. އަދި ރައްޖޭގެ ތަފާތު ހިދުމަތްތަކާއި، ތަޖުރިބާތައް ވެސް މި ކެމްޕެއިންގެ ޒަރިއްޔާއިން ޕްރޮމޯޓުކުރެވޭނެ އެވެ.

މި ކެމްޕެއިންގެ ތެރެއިން ސީއެންއެންގެ ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުން ރާއްޖެ ދަނީ އިޝްތިހާރު ކުރަމުންނެވެ.

އެމްއެމްޕީއާރުސީގެ ގްލޯބަލް މާކެޓިން ސްޓްރެޓަޖީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދައިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް، ބޭރުގެ އެކި ފަރާތްތަކާއެކު ޕާޓްނާޝިޕް އަދި މާކެޓިން ކެމްޕެއިންތައް ހިންގުމަށް ގާއިމްކޮށްފައިވާ ސްޓްރެޓަޖީއެކެވެ. މި ސްޓްރެޓަޖީގެ ދަށުން ކޮންމެ އަހަރަކު ވެބިނާތަކާއި، މާކެޓިން ހަރަކާތްތައް، ޑިޖިޓަލް އަދި ސޯޝަލް މީޑިއާ ކެމްޕެއިންތަކާއި އެހެނިހެން ހަރަކާތްތައް ހިންގާ، ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތު ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ފަތުރުވެރިންނަށް ފޯރުކޮށްދެ އެވެ.