ފާއިތުވި ދެ އަހަރަކީ އެމްޓީސީސީގެ ހަޔާތުގައި އެންމެ ކާމިޔާބު ދެ އަހަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ އެމްޓީސީސީ އަށް 41 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި އެވެ.

މިރަސްމިއްޔާތުގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުން އެންމެ ބޮޑަށް އިސްކަންދޭ ސިޔާސަތަކީ ލާމަރުކަޒީ ތަރައްގީގެ ތެރެއިން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އަސާސީ ހިދުމަތްތައް ގާއިމުކޮށްގެން ކޮންމެ ކަމެއްގައި މާލެ އަންނަން ނުޖެހި އެމީހަކު ދިރިއުޅޭ ރަށަކުން ނުވަތަ އެ ސަރަހައްދަކުން، އަސާސީ ހިދުމަތްތައް ލިބޭނެ ގޮތް ހެދުން ކަމަށެވެ. އަދި، އެމަނިކުފާނު ވަނީ އެމްޓީސީސީ އަކީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ ވަރަށް މުހިންމު ބައިވެރިއެއްކަމުގައި ވިދާޅުވެ ހާއްސަކޮށް ރަށްރަށުގެ އުމްރާނީ ތަރައްގީގެ އެންމެ މުހިންމު ބައިވެރިޔާއޭ ދެންނެވިދާނެކަމުގައި ވިދާޅުވެފަ އެވެ. މިގޮތުން، އެމަނިކުފާނު ވަނީ އެމްޓީސީސީއަކީ ރާއްޖޭގެ ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ ކުންފުންޏެއްކަން ފާހަގަކުރައްވާފަ އެވެ.

މި ޖަލްސާގައި އެމަނިކުފާނު ވަނީ ހައި ސްޕީޑް ފެރީ ނިޒާމަކުން މުޅި ރާއްޖެ ގުޅައިލުމަށް، މިއަހަރުގެ ކުރީކޮޅު ސަރުކާރުން އެމްޓީސީސީއާ ބޮޑު މަޝްރޫއެއް ހަވާލުކޮށްފައިވާކަން ހާމަކުރައްވައި، އެ މަޝްރޫއުގެ ޒޯން 1 ގައި ހިމެނޭ، ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގެ މެދުގައި، ފެރީގެ ހިދުމަތް ފެށުމަށް، އެމްޓީސީސީ އިން ތައްޔާރުވަމުންއަންނަ ކަމަށާ، މިފަދަ ތަރައްޤީގެ މަޝްރޫއުތަކާ ގުޅިގެން، ވަޒީފާގެ އެތައް ބައިވަރު ފުރުސަތުތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުޅުވިގެންދާނެކަން ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ރަށްރަށުގައި އުފެދޭ އެ ވަޒީފާތަކަށް ބޭނުންވަނީ ދިވެހިންކަމުގައި ވިދާޅުވަމުން ރާއްޖޭގައި މިހާރު ހުރި ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން ހިއްޕަވައިގެން، ގައުމީ ތަރައްގީގައި ބައިވެރިވެވަޑައިގަތުމަށް ދިވެހި ޒުވާނުންނަށް އިލްތިމާސްކުރައްވާފަ އެވެ.

މި ޖަލްސާގައި ރައީސް ވަނީ ގައުމުގެ ހިންގުންތެރިކަމުގެ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްގީކުރުމުގައި އެމްޓީސީސީއަކީ ވަރަށް މުހިންމު މަސައްކަތްތަކެއް ކުރާ ކުންފުންޏެއްކަމުގައި ވިދާޅުވެ، އެ ކުންފުނިން ހިންގާ ހުނަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމްގެ ދަށުން، ތިން އަހަރުގެ ތެރޭގައި 100 މީހުން ތަމްރީންކުރަން އަމާޒު ހިފާފައިވާކަން ހާމަކުރައްވާފަ އެވެ.

ރައީސް އިތުރަށް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ކޯވިޑް-19ގެ ފުރަތަމަ އަހަރުގެ ތެރޭގައިވެސް، އެ ކުންފުނީގެ ހަރަކާތްތައް ހުއްޓުމެއް ނެތި ކުރިޔަށް ދިޔަކަމުގައި ވިދާޅުވެ މިހާރު އިގްތިސާދީ ހަރަކާތްތައް އަލުން ފަށާފައިވާއިރު ކުރިއަށް މިއޮތް ދުވަސްތަކުގައި އެ ކުންފުނީގެ ހިދުމަތްތައް އިތުރަށް ފުޅާވެ، ކުންފުނީގެ ދުވެލި މާބޮޑަށް ހަލުވިވެގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވެފަ އެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ދިނުމަށް ސަރުކާރުން އެކަށައަޅާ ސިޔާސަތުތައް ތަންފީޒުކުރުމުގައި، ސަރުކާރުގެ ކުންފުނިތަކުން ވަރަށް މުހިންމު ދައުރެއް އަދާކުރަމުން އަންނަކަމަށާއި، ޚާއްޞަކޮށް އަސާސީ ޚިދުމަތްތަކާ ގުޅިފައިވާ ކުންފުނިތަކުގެ ދައުރު ވަކިން ބޮޑުކަން ފާހަގަކުރައްވާފަ އެވެ.

އެމްޓީސީސީގެ ޗެއާމަން މުހައްމަދު ފަހީމް ވަނީ ރައީސަށް އެމްޓީސީސީ "ކާމިޔާބު 40" ފޮތް ވެދުން ކުރައްވާފަ އެވެ.

މި ޖަލަސާގައި ރައީސް ވަނީ އެމްޓީސީސީ އަށް ގިނަ ދުވަހު ހިދުމަތްކުރެއްވި މުވައްޒަފުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފަ އެވެ. އަދި، ނައިބް ރައީސް ވަނީ 2021 ވަނަ އަހަރުގެ މުވައްޒަފުން ތަމްރީންކުރުމުގެ ޕްރޮގްރާމަށް ހޮވިފައިވާ ފަރާތްތަކަށް ލިޔުން ހަވާލުކޮށްދެއްވާފަ އެވެ.