އެމްޕީއެލްގެ ބެލުމުގެ ދަށުގައި އޮންނަ މާލޭ ޓީޖެޓީ، މާލޭ ސިޓީ ކައުންސިލާ ހަވާލުކުރަން އެ ކުންފުންޏަށް ދީފައިވާ މުއްދަތު ހަމަވެފައިވާ ކަމަށް ބުނެ، ސިޓީ ކައުންސިލުން އެތަނާ ހަވާލުވާން މިއަދު ހިނގައްޖެ އެވެ.

ކައުންސިލަރުން ޓީޖެޓީ ސަރަހައްދަށް ވަޑައިގަތީ އެތަން ހަވާލު ކުރުމަށް އެމްޕީއެލަށް ދިން 90 ދުވަހުގެ ނޯޓިސް މި މަހުގެ 12 ވަނަ ދުވަހަށް ހަމަވުމުން އޭގެ ފަހުން އިތުރަށް ދިން ހަތް ދުވަސް ވެސް ހަމަވުމުންނެވެ. ނަމަވެސް ސިޓީ ކައުންސިލުން މިއަދު ބުނީ ދިނީ 97 ދުވަހުގެ މުއްދަތެއް ކަމަށާއި އެ މުއްދަތު ހަމަވީ މިއަދު ކަމަށެވެ.

މާލޭގެ ބައެއް ކައުންސިލަރުންނާއި މާލެ ސިޓީ ކައުންސިލްގެ ގާނޫނީ ޓީމާއެކު ޓީޖެޓީ ސަރަހައްދަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އިސްކޮށް ހުންނެވީ މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އެވެ.

އެ ސަރަހައްދުގައި ހުންނަވައި ނަރީޝް ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ޓީޖެޓީއާ ހަވާލުވުމަށް މިއަދު އެތަނަށް ދާނެ ކަން އެމްޕީއެލްގެ އިސްވެރިންނަށް އޮންނާނީ އަންގާފައި ކަމަށެވެ. ނަމަވެސް ޓީޖެޓީ ސަރަހައްދުން އެމްޕީއެލްގެ އިސްވެރިޔަކާ ކައުންސިލަރުންނާ ބައްދަލުވާ ގޮތް އަދި ނުވެ އެވެ.

ޓީޖެޓީއާ ހަވާލުވާން ބޭނުން ވަނީ އެމްޕީއެލްއާ ރީތިކޮށް މަޝްވަރާ ކޮށްގެން ސުލްހަވެރިކަމާއެކު. އެކަމަކު އެމްޕީއެލް އިން އެއްބާރުލުން ނުދޭނަމަ ގާނޫނީ ގޮތުން މަސައްކަތް ކޮށްގެން ޓީޖެޓީ ސަރަހައްދު ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެންދާނެ. އަޅުގަނޑުމެން އަދިވެސް މި ބަލަނީ ވާހަކަ ދައްކައިގެން މި ސަރަހައްދު އަޅުގަނޑުމެންނަށް ލިބޭތޯ،" އޭނާ ވިދާޅުވި އެވެ.

މާލޭ ޓީޖެޓީ ބަލަހައްޓަން އެމްޕީއެލް އަށް ދީފައިވާ މުއްދަތު ހަމަވެފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏަސް، ސަރުކާރާ އެކު އެމްޕީއެލް އިން އެކަމާ ބެހޭ ގޮތުން ސޮއިކޮށްފައިވާ އެމްއޯޔޫގައި ވަކި މުއްދަތެއް ކަނޑައަޅާފައި ނެތް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އެމްޕީއެލްގެ ސްޕޯކްސްޕާސަން ދާނިޝް ނިޒާމް މިއަދު ވިދާޅުވީ ޓީޖެޓީ މައްސަލާގައިި އެ ކުންފުނީގެ ސްޓޭންޑް ވަރަށް ސާފު ކަމަށާއި މި ކުންފުންޏާ ޓީޖެޓީ ހަވާލުކޮށްފައިވަނީ 2015 ވަނަ އަހަރު ހައުސިން މިނިސްޓްރީން މުއްދަތެއް ނެތް ގޮތަށެވެ.

"ޓީޖެޓީ މި ކުންފުނީގެ އަތުން ނެގުމުގެ ބާރު އޮންނާނީ މިނިސްޓްރީ އޮފް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާއަށް ކަން މި ފުރުސަތުގައި ފާހަގަކޮށްލަމެވެ. އަދި، ތަންފީޒީ އިދާރާއަކުން ނުވަތަ މިނިސްޓްރީން ވަކި ގޮތަކަށް އަމަލުކުރަން އަންގައިފިނަމަ މި ކުންފުނިން އެގޮތަށް އަމަލުކުރާނެ ވާހަކަ ދަންނަވަން. އަދި އެމްއޯޔޫގައި އޮތް ގޮތަށް، ކުރިޔެއެކޭވެސް އެއްފަދައިން މި ކުންފުނިން ޓީޖެޓީގައި ދެމުންގެންދާ ހިދުމަތް ދެމުންގެންދާނެ ވާހަކަ އެންމެ ބޭފުޅުންގެ މައުލޫމާތަށްޓަކައި ދަންނަވަން،" އޭނާ ވިދާޅުވި އެވެ.

ސިޓީ ކައުންސިލްގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވަނީ ޓީޖެޓީ ސަރަހައްދު އެމްޕީއެލްގެ އިހުތިސޯސްގެ ތެރޭގައި އޮވެފައި، އެތަނުން މާލޭގެ ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުލިބުމެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޓީޖެޓީ ސަރަހައްދުން ލިބޭ އާމްދަނީން ރައްޔިތުންނަށް އެތައް ހިދުމަތެއް ކޮށްދެވޭނެ ކަމަށާއި ނަމަވެސް އެކަމަށް ހުރަސް އަޅަނީ ސަރުކާރުން ކަމަށެވެ.

ޓީޖެޓީ، ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމަށް ކައުންސިލުން ވަނީ ރައީސް އޮފީހުގައި ވެސް އެދިފަ އެވެ. އެކަމަކު އެކަން ކޮށްދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ ރައީސް އޮފީހުން ވަނީ ސިޓީ ކައުންސިލަށް ޖަވާބު ދީފަ އެވެ.

ޓީޖެޓީ ބެލެހެއްޓުން އެމްޕީއެލްއާ ހަވާލުކުރީ ކުރީގެ ވެރިކަމުގައި އޭރުގެ ހައުސިން މިނިސްޓަރުގެ މަގާމުގައި މުއިއްޒު ހުންނަވައިގެންނެވެ.