ރާއްޖޭގެ ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓްތަކެއް ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފި އެވެ.

ހަ ރަށެއްގައި އެއާޕޯޓް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ކްރޮސް-ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދުގެ ދަށުން ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓްތައް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އާންމުކޮށް އެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެގޮތުން ޑޮމެސްޓިކް އެއާޕޯޓް އެޅުމަށް ހަމަޖެހިފައިވާ ރަށްތަކާއި އެރަށްތަކުގައި އެއާޕޯޓް އެޅުމަށް ހޭދަވާނެ ކަމަށް އަންދާޒާ ކުރެވޭ ޖުމްލަ އަގު ވެސް އެ މިނިސްޓްރީގެ އިއުލާނުގައި ވަނީ ހިއްސާ ކޮށްފަ އެވެ.

އެއާޕޯޓް އެޅުމަށް ނިންމާފައިވާ ރަށްތަކާއި އެއާޕޯޓް އެޅުމަށް އަންދާޒާ ކުރެވޭ އަދަދު:

  1. ބ. ތުޅާދޫ - 23،300،000 ޑޮލަރު
  2. ށ. ބިލަތްފަހި - 23،600،000 ޑޮލަރު
  3. ތ. ވިލިފުށި - 21،900،000 ޑޮލަރު
  4. ހދ. މަކުނުދޫ - 33،300،00 ޑޮލަރު
  5. ފ. މަގޫދު - 8،200،000 ޑޮލަރު
  6. ރ. އަތޮޅުގެ ދެކުނު ބިތުން ރަށެއް - 23،600،000 ޑޮލަރު

މި އެއާޕޯޓްތައް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅާއިރު، ތަރައްގީ ކުރަނީ ނުވަތަ ފައިނޭންސް ކުރަނީ ކޮން އެއާޕޯޓު މަޝްރޫއަކަށް ކަން ބަޔާންކުރަންވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ. ޝައުގުވެރިކަށް ފާޅުކުރުމުގައި، ހަމައެކަނި ފައިނޭންސް ކުރާނަމަ، އެންމެ ދަށްވެގެން ހުށަހެޅޭނެ އަދަދަކީ ފަސް މިލިއަން ޑޮލަރު ކަމަށާއި ނުވަތަ މުޅި އެއާޕޯޓް ތަރައްގީ ކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ހުށަހެޅިދާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.

ހަމައެއާއެކު އެއާޕޯޓް ތަރައްގީ ކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓްގެ އަދަދު، އެ މަޝްރޫއެއްގެ މުގާބިލުގައި، ފަތުރުވެރި ކަމަށް ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ އެކްއިޒިޝަން ކޮސްޓާއި، އެ ތަނެއްގެ ބިމު ކުލީގެ ގޮތުގައި ކަނޑައެޅޭ ފައިސާގެ އަދަދާ އަޅައި ކަނޑައިދެވޭނެ ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ. އަދި މި މޮޑެލްގެ ދަށުން، ބިޑްކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލުގެ ދަށުން، ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ނުވަތަ އެ މިނިސްޓްރީގެ އީމެއިލަށެވެ.

މި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ކްރޮސް ސަބްސިޑީ މޮޑެލްގެ ދަށުންނެވެ. އެއީ ރަށާއި ފަޅު ނުވަތަ ބިން ލިބޭ ގޮތަށް، ސަރުކާރުގެ މަޝްރޫއަކަށް ހޭދަކޮށް އެ މަޝްރޫއެއް ފުރިހަމަ ކުރުމެވެ.

ސަރުކާރުން ކްރޮސް ސަބްސިޑީ ތަފްސީލުކޮށްދީފައި އޮންނަނީ ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސޯދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލައި އިއުލާނުކޮށްފައިވާ އުސޫލުތަކެއްގެ މަތިން ހިންގާ މަޝްރޫއެއް ހަވާލުކުރެވޭ ފަރާތަކުން، ދުރާލައި ކަނޑައަޅާފައިވާ އަދަދަކަށް އެ ފަރާތުގެ އަމިއްލަ ފައިސާ އިންވެސްޓްކޮށްގެން އެ މަސައްކަތް ކުރާ ކަމަށްޓަކައި، އެ މަސައްކަތުގެ އަގުގެ މުގާބިލުގައި ދައުލަތުން އެ ފަރާތަށް ދޭ އިނާޔަތެއްގެ ގޮތުގައި ނުވަތަ ލުޔެއްގެ ގޮތުގައި ނުވަތަ ބަދަލެއްގެ ގޮތުގައި ދޫކުރާ ރަށް ނުވަތަ ބިން ނުވަތަ ފަޅެވެ.