ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުން ކޮންމެ 15 މިނެޓަކުން ބަސް ދަތުރުތައް ކުރަން ފަށައިފި އެވެ.

އެމްޓީސީސީ އިން ބުނީ ބާރުބޮޑު ގަޑިތަކުގައި މިއަދު ހެނދުނުން ފެށިގެން ކޮންމެ 15 މިނެޓަކުން ހިޔާ ފްލެޓް ސަރަހައްދުން ބަސް ނައްޓާލާނެ ކަމަށެވެ. މީގެ ކުރިން އެ ސަރަހައްދުން ބަސްތައް ދަތުރު ކުރަނީ ކޮންމެ 30 މިނެޓަކުންނެވެ.

ހިޔާ ފްލެޓްތަކުގައި މިހާރު 1،000 އަށް ވުރެ ގިނަ އާއިލާ ވަނީ ދިރިއުޅެން ފަށައިފަ އެވެ. އެއާއެކު އެ ސަރަހައްދުގައި ބަސް ދަތުރުތަކުގެ ޑިމާންޑް ވަނީ ވަރަށް ބޮޑުވެފަ އެވެ. ހާއްސަކޮށް ހެނދުނު ސްކޫލްތަކަށް ކުދިން ދާން ޖެހޭ ގަޑިއާއި އޮފީސްތަކަށް ދާ ގަޑިއާއި ދިމާކޮށް ބަސްތަކުން ޖާގަ ނުލިބޭކަމުގެ ޝަކުވާ ގިނަ ބަޔަކުކުރެ އެވެ.

އެމްޓީސީސީ މިހާރު މިގެނައި ބަދަލާއެކު ދަތުރުކުރާ މީހުންނަށް ބަސްތަކުން ޖާގަ ލިބުމުގައި ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

ދެވަނަ ފިޔަވަހީގެ ބަސްސްޓޮޕުން ފުރަތަމަ ބަސް ދަތުރު ފަށާނީ ފަތިހު 5:45 ގަ އެވެ. އެއަށްފަހު ކޮންމެ 15 މިނެޓަކުން ބަސް ދަތުރެއް އޮންނާނެ އެވެ. އެންމެ ފަހު ބަސް ދަތުރު ފަށާނީ ރޭގަނޑު 12:15 ގަ އެވެ.

މާލެ ސަރަހައްދުގައި މިހާރު ބަހުގެ ހިދުމަތް ދެނީ ހަމައެކަނި އެމްޓީސީސީންނެވެ.