ޑަބަލް ޓެކްސް ނެގުން ހުއްޓާލަން ރާއްޖެ އާއި ބަންގްލަދޭޝް އާ ދެމެދު "ޑަބަލް ޓެކްސް އެވޮއިޑެންސް" (ޑީޓީއޭ) އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމަކީ ދެ ގައުމުގެ ވިޔަފާރިތަކުގެ މެދުގައި ކުރެވޭ މުއާމަލާތްތަކުން އެއް އާމްދަނީއަކުން ދެ ފަހަރަށް ޓެކްސްކުރުން ހުއްޓުމަކަށް ގެނެސް، ދެ ގައުމުގެ ޓެކްސް ދައްކާ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމުގެ އިތުރުން ޓެކްސްއަށް މަކަރުހެދުމުގެ ދޮރުތައް ބަންދުކުރުމުގެ މަގުސަދުގައި ވެވޭ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލެވެ. އަދި ބަންގްލަދޭޝްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ބަންގްލްދޭޝްގެ ނެޝަނަލް ބޯޑް އޮފް ރެވެނިއުގެ ޗެއާމަން އަދި އިންޓާނަލް ރިސޯސަސް ޑިވިޝަންގެ ސީނިއާ ސެކެޓްރީ އަބޫ ހެނާ އެމްޑީ ރަޙްމަތުލް މުނީމް އެވެ.

ދައުލަތުގެ ޓެކްސް އިދާރާއިން ބުނީ މި އެއްބަސްވުމާ ހަމައަށް އައުމަށް ދެ ގައުމުގެ ދެމެދު 2017 ވަނަ އަހަރު އަދި 2019 ވަނަ އަހަރު، މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިއީ، ރާއްޖެ އާއި ބޭރު ގައުމަކާއެކު މިގޮތަށް ވެފައިވާ ދެވަނަ އެއްބަސްވުން ކަމަށް ވެސް މީރާއިން ބުންޏެވެ. މި ގޮތުން، 2017 ވަނަ އަހަރު ރާއްޖެއިން ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު ޑަބަލް ޓެކްސް އެވޮއިޑަންސް އެގްރިމަންޓެއްގައި ސޮއިކޮށްފަ އެވެ.

ރާއްޖޭގެ ޓެކްސް ނިޒާމް ވަރުގަދަކޮށް، ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ ޓެކްސް ނިޒާމެއް ތަންފީޒުކުރުމުގެ ގޮތުން މީރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހަރުދަނާ ޓެކްސް ޓްރީޓީ ނެޓްވޯކެއް ގާއިމްކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް މީރާއިން ބުންޏެވެ.