ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެ މިފްކޯއަށް ލިބޭ މަހުގެ އަދަދު އިތުރުވެފައިވާތީ، ދޯންޏަކުން ފަސް ޓަނުގެ މަސް ކިރާ ގޮތަށް އެ ކުންފުނިން ހަމަޖައްސައިފިއެވެ.

މިފްކޯއިން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް މަސްވެރިކަން މިދުވަސްވަރު ރަނގަޅުވެފައިވާތީ މިފްކޯގެ ޕްރީޒިން ކެޕޭސިޓީއަށްވުރެ އިތުރަށް އެ ކުންފުންޏަށް މަސް ލިބެމުންދާތީ މަސްކިރުމަށް ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އާދަޔާ ހިލާފަށް މަސްވެރިކަން ރަނގަޅުވެ، ކޯލްޑް ސްޓޯރުތައް ފުރެމުންދާތީ، މެދުކެނޑުމެއްނެތި ކެރިއާ ބޯޓުތައް ގެނެސް ލޯޑުކޮށް އެކްސްޕޯޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ޕްލޭންކޮށްގެން މަސްގަތުމުގެ މަސައްކަތް ކުރި ނަމަވެސް މަސްކިރަން އަންނަ ދޯނިފަހަރާއި އެ ދޯނިތަކުން ގެންނަ އަދަދުތައް މާބޮޑަށް ގިނަވެ މިހާރު ކިޔޫގައި ހުރި ދޯނިތަކުގެ މަސް ކިރައި ފްރީޒްކުރުމަށް ވަގުތު ބޭނުން ވާތީ މާދަމާއިން ފެށިގެން ދޯންޏަކުން ފަސް ޓަނުގެ މަސް ކިރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް މިފްކޯއިން ބުންޏެވެ.

އެ ކުންފުނިން ބުނީ މިގޮތަށް ހަމަޖެއްސި ނަމަވެސް މިހާރު ކިޔޫ ނަންބަރު ދީފައިވާ ދޯނިތަކުން މަސްކިރާ ނިމެންދެން އެ ދޯނިތަކުގެ މަސް ކޮންޓްރޯލް ނެތި ކިރާނެ ކަމަށެވެ.

މިފްކޯއިން ބުނީ ދޯނިތައް ކިޔޫގައި ހޭދަކުރާ ވަގުތު މަދުކުރުމުގެ ގޮތުންނާއި ރަނގަޅު ކޮލެޓީގައި މަސް ގަންނަން ބޭނުންވާތީ މިމަހުގެ އިއްޔެ ކިޔޫއަށް އެރި ދޯނިފަހަރުގެ މަސް މިއަދު ވެސް ކިރަމުން އަންނަ ކަމަށެވެ. އަދި އާންމު ގޮތެއްގައި ހުކުރު ދުވަހަކީ މިފްކޯއިން މަސްކިރާ ދުވަހަކަށް ނަމަވެސް މަސްވެރިކަން ރަނގަޅުވެ ފާއިތުވި ހަތަރު ހުކުރު ދުވަހު ވެސް މަސް ކިރާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިދިޔަ އަހަރު މިފްކޯއިން ގަނެފައި ވަނީ 49،329 ޓަނުގެ މަހެވެ. ނަމަވެސް މިއަހަރުގެ މިހާތަނަށް 56،198 ޓަނުގެ މަސް މިފްކޯއިން ގަނެފައިވެ އެވެ. އަދި މި މަހުގެ މި ހާހިސާބަށް 8،796 ޓަނުގެ މަސް ގަނެފައިވާ ކަމަށް މިފްކޯއިން ބުންޏެވެ.