އުރީދޫގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން ތަމްސީލްކުރާނެ ޑިރެކްޓަރަކު ހޮވުމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ގަތަރުގެ ކިޔުޓެލްގެ ބޮޑު ހިއްސާއެއް އޮންނަ އުރީދޫން ބުނީ މިހާރު އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން އުރީދޫގެ ބޯޑު ޑިރެކްޓަރުކަމުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ވަކި ޝަރުތުތަކެއް ހުންނަންޖެހޭ ކަމަށް އެ ކުންފުނިން ބުންޏެވެ. އޭގެ ތެރޭގައި އުރީދޫގެ ހިއްސާދާރަކަށްވުމާއި، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ޢާންމުކޮށްފައިވާ ލިސްޓަޑް ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުންގެ "ފިޓް އެންޑް ޕްރޮޕާ" މިންގަނޑުތައް ފުރިހަމަވާ ފަރާތެއް ކަމުގައިވުން ހިމެނެ އެވެ.

އޭގެ އިތުރުން ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ޔުނިވާސިޓީއަކުން ޑިގްރީ ހާސިލްކޮށްފައިވާ ފަރާތެއް ކަމުގައިވުމާއި، ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި ސަރުކާރު ނުވަތަ ޕްރައިވެޓް ސެކްޓާގައި، އިސް މަގާމެއްގައި މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންޖެހެ އެވެ. އަދި މަދުވެގެން އެއް އެކްޓިވް ކުންފުނީގެ ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވުމާއެކު، ބޯޑު މެންބަރެއްގެ ގޮތުން ކޮށްފައިވާ ޚިދުމަތުގެ ރިކޯޑު ފެންނަން އޮންނަން ޖެހޭނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ ބޯޑު ޑިރެކްޓަރު ކަމުގެ މަގާމަށް އަންހެން ބޭފުޅުން ކުރިމަތިލުމަކީ އެ ކުންފުނިން މަރުޙަބާ ކިޔައި ހިތްވަރުދޭ ކަމެއް ކަމަށެވެ. އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 19ވަނަ ދުވަހުގެ ކުރިންނެވެ.

ބޯޑު ޑިރެކްޓަރުކަމަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުތައް، އުރީދޫ މޯލްޑިވްސްގެ ނޮމިނޭޝަން އަދި ރެމިއުނަރޭޝަން ކޮމެޓީން ބަލައި، ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް އެ ކޮމެޓީއިން ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާނެ އެވެ. 2022 ވަނަ އަހަރުގެ މާޗު މަހު ބާއްވާ އަހަރީ އާންމު ޖަލްސާގައި އިންތިޚާބުކުރާ ޑިރެކްޓަރު، އެ މަގާމުގައި ދެމިހުންނާނީ 2024 ވަނަ އަހަރު ބާއްވާ އަހަރީ އާންމު ޖަލްސާއާ ހަމައަށެވެ.