ބަންގްލަދޭޝަށް ދިވެހި ރުފިޔާ ފަސޭހައިން ފޮނުވޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު، ޝެއިހް ހަސީނާ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މަސައްކަތްތެރިންނާ އިސްކަންދަރު ސްކޫލުގެ އޮޑިޓޯރިއަމްގައި ވާޗުއަލްކޮށް ބައްދަލުކުރައްވަމުން ހަސީނާ ވަނީ އެ ގައުމުގެ ރައްޔިތުންގެ ކަންބޮޑުވުންތައް އެކްޕެޓްރިއެޓްސް ވެލްފެއާއިންނާއި ފޮރިން މިނިސްޓްރީން އެކަމަނާ އާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެކަން ހައްލުކުރުމަށް ގައުމަށް އެނބުރި ވަޑައިގެން އެކަމަނާ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

އެގޮތުން ޑޮލަރުގެ ތާށިކަމާއި، ދިވާމާއެކި ދަތިތަކުގެ އިތުރުން، ބަންގްލަދޭޝް މީހުންނަށް ރާއްޖެއިން ފައިސާ ފޮނުވުމަށް ދިމާވާ އެކި ދަތިތަކަށް ހައްލުހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ހަސީނާ ވިދާޅުވި އެވެ.

މިދިޔަ ބުދަ ދުވަހު ހަސީނާ ރާއްޖެ ވަޑައިގެންފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަމަނާއަށް ރަސްމީ ގޮތުން މަރުހަބާ ދަންނަވާފަ އެވެ.

މި ދަތުރުފުޅުގައި ރާއްޖޭއާއި ބަންގްލަދޭޝްގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެގައުމުގެ މަސްލަހަތު ހިމެނޭ މަޝްރޫއުތައް ކުރިއެރުވުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެ އެވެ.