ޅ. މަޑިވަރު އެއާޕޯޓަށް ފުރަތަމަ ޓެސްޓް ފްލައިޓް ޖައްސައިފި އެވެ.

މަޑިވަރު އެއާޕޯޓަށް ފުރަތަމަ ޓެސްޓް ފްލައިޓް ޖެއްސީ މިއަދު ހެނދުނު 9:50 ހާއިރުއެވެ. މިއެއާޕޯޓަށް އެންމެ ފުރަތަމަ ޖައްސާފައި ވަނީ މޯލްޑިވިއަންގެ ފްލައިޓެކެވެ. އެ ޓެސްޓް ފްލައިޓްގައި ދިޔައީ އެއާޕޯޓުގެ ކަންކަން ބެއްލެވުމަށް ޓެކްނިކަލް ޓީމުގައި ހިމެނޭ ބައެއް މީހުންނެވެ.

ޓެސްޓް ފްލައިޓަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި، ފްލައިޓުގެ ކްރޫއާއި، ޓެކްނިކަލް ޓީމުގެ ބޭފުޅުންނަށް އެއާޕޯޓުން ރަސްމީކޮށް މަރުހަބާ ދެންނެވީ، ކުރެއްދޫ ހޯލްޑިންގްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗަމްޕާ ބްރަދާސްގެ ޗެއާމަން މުޙައްމަދު މޫސާ (އުއްޗު) އެވެ. އުއްޗުގެ އަރިހުގައި ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް މިނިސްޓަރު އަހުމަދު މަހުލޫފާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މަޑިވަރު އެއާޕޯޓް ޓެސްޓް ފްލައިޓަށް މަރުހަބާ ދަންނަވަނީ

މެއި 29، 2018 ގައި ކުރީގެ ސަރުކާރުން އެ އެއާޕޯޓު ހެދުމަށް ކުރެއްދޫ ހޯލްޑިންގްސްއާ ހަވާލުކުރުމުން އެ އެއާޕޯޓު ހެދުމުގެ އެއްބަސްވުމުގައި ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއެކު ސޮއިކުރީ ސެޕްޓެމްބަރު 17، 2018ގަ އެވެ.

މި މަޝްރޫއުގެ ދަށުން މަޑިވަރުގައި 1،200 މީޓަރުގެ ރަންވޭއަކާއި، އެއާކްރާފްޓްތައް ޕާކު ކުރާނެ ސަރަހައްދަކާއި، ފަޔާ ބިލްޑިންއެއްގެ އިތުރުން ޒަމާނީ ފެންވަރުގެ ޓާމިނަލެއް ވަނީ ހަދައިފަ އެވެ. އެ އެއާޕޯޓް އޮޕަރޭޝަނަށް ގެނައުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ކުރެއްދޫ ހޯލްޑިންގްސްއިން އަންނަނީ ވަމުންނެވެ.

އެގޮތުން އެއާޕޯޓުގެ ޓާމިނަލް އިމާރާތާއި، އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި، އެކަމަޑޭޝަން ބްލޮކުގެ މަސައްކަތް ނިންމައި، ގްރައުންޑް ހޭންޑްލިންއަށް ބޭނުންވާ ސާމާނު ގެންގޮސް އިންސްޓޯލްކޮށް ވަނީ ނިމިފަ އެވެ. އަދި އެއާޕޯޓް ހިންގާނެ ބަޔަކު ހޯދުމުގެ މަސައްކަތް ވެސް އެކުންފުނިން އަންނަނީ ކުރަމުންނެވެ.

މަޑިވަރު އެއާޕޯޓަށް ފުރަތަމަ ޓެސްޓް ފްލައިޓް ޖެއްސުމުން މަރުހަބާ ކިއުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

މިއީ ރާއްޖޭގައިި މިވަގުތު އެއާޕޯޓެއް ނެތް އަތޮޅުތަކުގެ ތެރެއިން ޅ. އަތޮޅުގައި ތަރައްގީކުރި ފުރަތަމަ އެއާޕޯޓެވެ. ގިނަ އަދަދެއްގެ ޓޫރިސްޓު ރިސޯޓުތަކެއް ހިމެނޭ ސަރަހައްދުގައި ހަދާ އެއާޕޯޓުގެ އިތުރުން މަޑިވަރުގައި ސިޓީ ހޮޓަލެއް ވެސް ހެދުން ހިމެނެ އެވެ.