ވޯލްޑޮފް އެސްޓޯރިއާ އިތާފުށިން ސާވިސް ޗާޖުގެ ގޮތުގައި މިމަހު މީހަކަށް 1،779.18 ޑޮލަރު (27،434.95ރ) ބަހަން ނިންމައިފި އެވެ.

މާލެ އަތޮޅުގައި ހިންގާ މަތީ ފެންވަރުގެ އެ ރިސޯޓުން ސާވިސް ޗާޖެއްގެ ގޮތުގައި މިދިޔަ މަހު ވެސް ކޮންމެ މީހަކަށް 1،589 ޑޮލަރު ދިފައިވެ އެވެ.

މީގެ އިތުރުން މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުން ވެސް ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މީހަކަށް 1،200 ޑޮލަރު އަދި ރިޓްޒް ކާލްޓަން އިން 1،112.34 ޑޮލަރު، އަނަންތާރާ ކިހަވަށް އިން 1،022.17 ޑޮލަރު، ނިޔާމަ ޕްރައިވެޓް އައިލެންޑުން 1.030.95 ޑޮލަރު، ކޮންސްޓެންސް މޫފުށިން 1094 ޑޮލަރު ދޭން ނިންމާފައިވެ އެވެ.

ޓޫރިޒަމްގެ ހައި ސީޒަނާ ދިމާކޮށް ރާއްޖޭގެ ގިނަ ރިސޯޓުތައް މިދިޔަ މަހުން ފެށިގެން ވަނީ ފުލްވެފަ އެވެ. އަދި ރިސޯޓުތަކުގެ ކޮޓަރި ވިއްކާ އަގުތައް ބޮޑުކުރުމުން މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ލިބޭ މިންވަރު މިމަހާއި އަންނަ މަހު ވެސް އިތުރުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ރާއްޖޭގެ ހުރިހާ ޓޫރިސްޓު ފެސިލިޓީއަކުން ސާވިސް ޗާޖުގެ ގޮތުގައި 10 ޕަސެންޓު ނެގުން މިހާރު ވަނީ ގާނޫނީ ގޮތުން މަޖުބޫރުކޮށްފަ އެވެ. ސާވިސް ޗާޖު ނުދީފި ނަމަ ވަޒީފާ ދޭ ފަރާތް ބައި ލައްކަ ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު، ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އަށް އޮވެ އެވެ.