ޖުވާ އާއި ކްރިޕްޓޯ ކަރަންސީ އަދި އޮންލައިން ޓްރޭޑިން ވެބްސައިޓުތަކުގައި ކާޑު ބޭނުން ނުކުރެވޭ ގޮތަށް ބީއެމްއެލުން މިއަދު ހަދައިފި އެވެ.

ބީއެމްއެލް އިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މި ފިޔަވަޅަކީ ގާނޫނާއި ގަވައިދާ ހިލާފަށް މާލީ މުއާމަލާތްތަކުގައި ބޭންކުގެ ކާޑުތައް ބޭނުންކުރުން ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތްތައް އިތުރުކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.

ޖުވާ ކުޅުމަށް ބޭނުންކުރާ ސައިޓުތަކާއި އޮންލައިން ޓްރޭޑިން ވެބްސައުޓްތަކުގައި ޑިޖިޓަލް ވޮލެޓުތައް ބޭނުންކުރުން، މިދިޔަ މަސްތަކުގައި އިތުރުވެފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.

ކާޑު ބޭނުން ނުކުރެވޭ ގޮތް ހެދި ވެބްސައިތްތަކަކީ:

Binance buy crypto

Exness.com

CFC.lO

Iqoption.com

Pppoker.net

ބީއެމްއެލް އިން ބުނީ ޑޮލަރު ލިބެން ހުރި މިންވަރު ދަށްވެފައިވާ އިރު މިފަދަ އޮންލައިން ޓްރޭޑިން ޕްލެޓްފޯމުތައް މެދުވެރިކޮށް ބޭރުވަނީ ކޮންމެހެން ރާއްޖޭން ބޭރަށް ދާން ނުޖެހޭ ފައިސާ ކަމަށެވެ. އެހެންކަމުން އަސާސީ ބޭނުމަށް މުދާ އެތެރެކުރުމަށް ޑޮލަރު ބެހެއްޓުމަށް، ކޮންމެހެން ބޭނުން ނުވާ ބޭރުގެ ވިޔަފާރި މުއާމަލާތްތައް ހުއްޓުވުން މުހިންމު ކަމަށް އެ ބޭންކުން ބުންޏެވެ.

މި މުއާމަލާތްތައް ހުއްޓުވުމަށް، ބީއެމްއެލް ކާޑުތައް ބޭނުންކޮށްގެން ކުރާ ބޭރުގެ މުއާމަލާތްތައް އެ ބޭންކުން މޮނިޓަރކުރާނެ އެވެ. އަދި ބޭންކަށް ފެނިއްޖެ ހާލަތެއްގައި މިފަދަ މުއާމަލާތްތައް އެއްވެސް އިތުރު އެންގުމަކާ ނުލައި ބްލޮކް ކުރާނެ ކަމުގެ އިންޒާރުވެސް ބީއެމްއެލުން ވަނީ ދީފަ އެވެ.