ބޮޑެތި ބޯޓުތައް ޖެއްސޭ ފެންވަރަށް ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަން އިންޑިއަން އެގްޒިމް ބޭންކުން ޝޯޓް ލިސްޓްކޮށްފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ހުޅުވާލައިފި އެވެ.

އެ އެއާޕޯޓު ތަރައްގީކުރަން ބޭނުންވާ ފަރާތްތަކުން އަންނަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ ކުރިން ބީލަން ހުށަހަޅަން ޖެހެ އެވެ.

މިހާރު ހަމައެކަނި ކުދި ބޯޓުތައް ޖެއްސޭ ގޮތަށް ހަދާފައިވާ ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ ލޯނެއްގައި ކުރިޔަށް ގެންދަން ނިންމާފައިވާ މަޝްރޫއެކެވެ.

މިމަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް ހެދުމަށް ވެސް ނިންމާފައިވެ އެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ އެމަޝްރޫއު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޮއިން 737 މަރުކާގެ ބޯޓުތަކަށް އެތަނަށް ޖެއްސޭނެ ކަމަށެވެ. އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓްކުރުމުގެ ގާބިލުކަން ލިބޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ މެދު ތެރޭގައި ފެށޭނެ ކަމަށެވެ.