ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރާނެ ކަމަށް ލަފާކުރި 1.3 މިލިއަން ޓޫރިސްޓުންގެ އަމާޒަށް މާދަމާ ވާސިލުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރު އެއް މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމުގެ އަމާޒު އޮކްޓޯބަރު މަހުގެ ފަހުކޮޅު ހާސިލުވެފައިވާ ކަމަށެވެ. އަދި އެއް މިލިއަން ޓޫރިސްޓުން ރާއްޖެ އައުމާ ގުޅިގެން ސަރުކާރުން ވަނީ 1.3 މިލިއަން ޓޫރިސްޓުން މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކޮށްފަ އެވެ.

މާދަމާ އެ އަދަދު ހަމަވާއިރު ކޮވިޑާ ގުޅިގެން ރާއްޖެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވުމާއެކު ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވި ފަހުން އެއް ދުވަހެއްގެ ތެރޭ އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އައީ މި މަހުގެ 18 ވަނަ ދުވަހު ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އެދުވަހު ރާއްޖެއަށް 6،955 ޓޫރިސްޓުން އައެވެ.

މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރީ 555،494 ޓޫރިސްޓުންނެވެ.