މި އަހަރު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ، ޓޫރިޒަމްގެ އާ ރެކޯޑެއް ހަދައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލިފަހުން މިދިޔަ ހޮނިހިރު ދުވަހު 7،000 އަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ހޮނިހިރު ދުވަހު ރާއްޖެއަށް 7،098 ފަތުރުވެރިން އައިސްފައިވެ އެވެ. މިއީ ކޮވިޑަށްފަހު އެއް ދުވަހެއްގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ދުވަހެވެ. މީގެ ކުރިން އެއް ދުވަހެއްގައި އެންމެ ގިނަ ޓޫރިސްޓުން އައީ މިމަހުގެ 19 ވަނަ ދުވަހެވެ. އެ ދުވަހު ރާއްޖެއަށް 6،955 ޓޫރިސްޓުން އައިސްފައިވެ އެވެ.

މި ޑިސެމްބަރ މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަނީ 5،153 ޓޫރިސްޓުންނެވެ. ނަމަވެސް މިހާރު މިވަނީ 7،000 އަށްވުރެ ގިނަ ޓޫރިސްޓުން ދުވާލަކު އަންނަން ފަށައިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަހަރު ރާއްޖެއައި ޓޫރިސްޓުންގެ އަދަދު 1.3 މިލިއަނަށް މާދަމާ އަރާނެ ކަމަށް ލަފާކުރި ނަމަވެސް އެ އަދަދު މިއަދު ހަވީރު ހަމަވާނެ ކަމަށެވެ. އިއްޔެގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 1،294،492 ފަތުރުވެރިންނެވެ. އެހެންކަމުން 1.3 މިލިއަން ފަތުރުވެރިން ހަމަވުމަށް ދެން ރާއްޖެއިން ބޭނުންވަނީ 5،508 ފަތުރުވެރިންނެވެ.

ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 1.3 މިލިއަން ހަމަވުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ހަވީރު ކުޑަ ރަސްމިއްޔާތެއް ބާއްވަން ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.