މާލޭ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވޭނީ ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ ދަށްވުމުން ކަމަށް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ގެސްޓް ހައުސްތައް އަލުން ހުޅުވުމާ ބެހޭ ގޮތުން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރާއި އެޗްޕީއޭ އިން އެކުލަވާލި ގައިޑްލައިންގައިވާ ގޮތުން މާލޭ ސަރަޙައްދުން ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަވުމާއި ގްރޭޓާ މާލޭ ސަރަހައްދުގައި އޮތް ކޮމިއުނިޓީ ޓްރާންސްމިޝަންގެ ސަބަބުން މި ސަރަޙައްދުގެ ގެސްޓް ހައުސްތަކަށް ހުޅުވުމުގެ ހުއްދަ މިވަގުތު ދެވެން ނެތް ކަމަށެވެ. އަދި އަލުން ހުއްދަ ދެވޭނީ ބަލީގެ ހާލަތު ރަނގަޅުވެ، ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ ދަށްވުމުން ކަމަށް އެ އުސޫލުގައި ހިމަނާފައިވެ އެވެ.

އެޗްޕީއޭއިން އެކުލަވާލި ގައިޑްލައިންގައި ވަނީ އަލުން ހުޅުވަން ހުއްދަ ދިނުން މަޑުޖައްސާލި ނަމަވެސް، މިހާރެކޭ އެއްގޮތަށް ޓްރާންސިޓް ބޭނުމަށް އެ ހުއްދައާއެކު މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް އޮޕަރޭޓް ކުރެވޭނެ ކަމަށެވެ.

ރާއްޖޭގެ ގެސްޓް ހައުސްތައް އަލުން ހުޅުވުމަށް އެޗްޕީއޭ އިން ކަނޑައަޅާފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ. ނަމަވެސް ކޮވިޑް-19ގެ ހާލަތަށް އަންނަ ބަދަލުތަކާއެކު ހުޅުވުމަށް ކަނޑައެޅިފައިވާ ތާރީޚު ރިވައިޒް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އެ އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ކަނޑައެޅި އުސޫލުގައިވާ ގޮތުން ރާއްޖެ އަންނަ ހުރިހާ ޓޫރިސްޓުން ވެސް ފުރުމުގެ 72 ގަޑިއިރަށް ވުރެ އިތުރުނުވާ މުއްދަތެއްގައި ހަދާފައިވާ ނެގަޓިވް ޕީސީއާރު ޓެސްޓެއްގެ ނަތީޖާ އޮންނަން ޖެހެ އެވެ. އަދި ރިޕޯޓް އޮންނަންވާނީ އިނގިރޭސި ބަހުންނެވެ.

އޭގެ އިތުރުން ގެސްޓް ހައުސްއެއްގައި ޗުއްޓީ ހޭދަކުރުމަށް ފަހު ރާއްޖެއިން ފުރާ ހުރިހާ ޓޫރިސްޓުން ވެސް ފުރުމުގެ ކުރިން ޕީސީއާރު ޓެސްޓެއް ހަދަންޖެހޭނެ އެވެ. އަދި އެ ޓޫރިސްޓަކު ދަތުރުކުރާ ގައުމަކުން މިފަދަ ޓެސްޓަކަށް މުއްދަތެއް ކަނޑައަޅާފައިވާނަމަ ޓެސްޓް ހަދަން ޖެހޭނީ އެ ޝަރުތަކާ އެއްގޮތަށް ކަމަށާއި ނޫންނަމަ ފުރުމުގެ 72 ގަޑިއިރަށް ވުރެ އިތުރުނުވާ މުއްދަތެއް ތެރޭގައި ކަމަށް ވެސް ގައިޑްލައިންގައި ކަނޑައަޅާފައިވެ އެވެ.

ރަށްރަށުން ފުރިހަމަ ކުރަންޖެހޭ ކަންކަން:

- ރަށު ކައުންސިލުން އެރަށުގައި ހުރި ގެސްޓްހައުސްތައް ފަތުރުވެރިކަމަށް ހުޅުވާލުމަށް އެއްބަސްވެ، އެކަމަށް އެދި މިނިސްޓްރީއަށް ހުށައަޅައި ހުއްދަ ހޯދަން ޖެހޭނެ.

- އެ ހުށައެޅުމުގައި ތިރީގައިވާ ކަންކަން ހިމެނަން ޖެހޭނެ:

1- ގެސްޓް ހައުސްއަކުން ފަތުރުވެރިއަކު ނުވަތަ ސްޓާފަކު ޕޮޒިޓިވްވެއްޖެ ހާލަތުގައި އައިސޮލޭޓް ކުރާނެ އިންތިޒާމު.

2- ޕޮޒިޓިވް މިހާގެ ކޮންޓެކްޓްސް ކަރަންޓީނު ކުރާނެ އިންތިޒާމު.

3- ކޮވިޑް ޓާސްކް ފޯސް. މި ޓާސްކް ފޯސްއަކީ އެޗްޕީއޭ އާއި ގުޅިގެން ރަށުގެ ކޯވިޑް ހާލަތު މޮނިޓާކޮށް، ފަތުރުވެރިއެއްގެ ފަރާތުން ބަލީގެ އަލާމާތެއް ފެނިއްޖެ ހާލަތުގައި ނުވަތަ ޕޮޒިޓިވް ވެއްޖެނަމަ އައިސޮލޭޓްކޮށް އަދި ކޮންޓެކްޓުން ކަރަންޓީނު ކުރުމުގެ ކަންކަން ބަލަހައްޓާނެ ޓާސްކް ފޯސް. އަދި ހުއްދަ ދިނުމުގެ ކުރިން ކޮންމެ ރަށެއްގެ ޓާސްކް ފޯސްގެ އެސެސްމަންޓެއް އެޗްޕީއޭއިން ހަދާނެ.

4- ޕޮޒިޓިވް ފަތުވެރިންގެ ތެރެއިން ހާލަތު ބެލުމަށްފަހު ރީޖަނަލް ފެސިލިޓީއަކަށް ބަދަލު ކުރަންޖެހޭކަމަށް މެޑިކަލް އޮފިސަރުން ނިންމާ ފަތުރުވެރިން ފެސިލިޓީއަށް ގެންދާނެ ދަތުރުފަތުރުގެ އިންތިޒާމު.

5- ރަށުގައި ފްލޫ ކްލިނިކެއް ގާއިމުކުރުން.

6- ސިއްހީ މަރުކަޒު ނުވަތަ ހޮސްޕިޓަލްގައި އައިސޮލޭޓް ކުރުމުގެ އިންތިޒާމު.

7- ސާމްޕަލް ނެގުމަށް ރަށުގައި ހަމަޖެހިފައިވާ އިންތިޒާމު.

8- ޓެސްޓް ކުރާ ލެބަކަށް ސާމްޕަލް ފޮނުވުމުގެ އިންތިޒާމު.

މީގެ އިތުރުން ގެސްޓް ހައުސްތަކުން ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއް ވެސް ޓޫރިޒަމް މިނިސްޓްރީން ހެދި އުސޫލުގައި ހިމަނާފައިވެ އެވެ.

އެގޮތުން ވަކިވަކި ގެސްޓް ހައުސްތަކަށް އަލުން ހުޅުވުމުގެ ހުއްދަ ދެވޭނީ، އެކަމަށް އެދި އެގެސްޓް ހައުސްއެއްގެ "ހެލްތް އެންޑް ސޭފްޓީ ޕްލޭން" މިނިސްޓްރީއަށް ހުށައެޅުމުން ކަމަށް ވެސް ހަމަޖައްސާފައިވެ އެވެ.

އެ ޕްލޭންގައި ތިރީގައިވާ ކަންކަން ހިމަނަން ޖެހެ އެވެ.

1- ފަތުރުވެރިއަކު ނުވަތަ ސްޓާފެއްގެ ފަރާތުން ކޯވިޑްގެ އަލާމާތެއް ފެނިއްޖެނަމަ ޓެސްޓްގެ ނަތީއްޖާލިބި ކަނޑައެޅިފައިވާ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކުރެވެންދެން ވަގުތީގޮތުން އައިސޮލޭޝަންގައި ބަހައްޓާނެ އިންތިޒާމު.

2- އިންފެކްޝަން ޕްރިވެންޝަންއަށް ގެސްޓް ހައުސްގައި އަޅާފައިވާ ފިޔަވަޅުތައް.

3- ކޮވިޑްއާއި ގުޅިގެން ގެސްޓުންނާއި ސްޓާފުން ހޭލުންތެރިކުރުމަށް ކުރެވިފައިވާ ކަންކަން. މިގޮތުން، ހުރިހާ ވަގުތެއްގައިވެސް ސްޓާފުން މާސްކް އެޅުން މަޖުބޫރުވާނެ، ކޮމަން އޭރިއާތައް ބޭނުންކުރާ ވަގުތުތަކުގައި ގެސްޓުންވެސް މާސްކް އެޅުން މަޖުބޫރުވާނެ.

4- ލޯންޑްރީ، ހައުސްކީޕިން އަދި ކުނި ނައްތާލުމުގެ ކަންކަން ހަމަޖެހިފައިވާ ގޮތުގެ އިންތިޒާމު.

5- ކޮވިޑްއަށް ޝައްކުކުރެވޭ އަލާމާތެއް ގެސްޓަކު ނުވަތަ ސްޓާފަކު ކިބައިން ފެނިއްޖެ ހާލަތުގައި އެޓެންޑް ކުރުމަށް ބޭނުންވާނެ ބޭސިކް ޕީޕީއީ (މާސްކް، ފޭސް ޝީލްޑް، އަންގި، އޭޕްރަން ނުވަތަ ގައުން) ގެސްޓް ހައުސްގައި ހުރިކަން.

6- ބޭސިކް ފަސްޓް އެއިޑްގެ ތަކެތި އަދި އިންފްރާ ރެޑް ތާމޯމީޓާއެއް ގެސްޓް ހައުސްގައި ހުރިކަން.

7- އާންމުކޮށް އަތްދޮވެވޭނެ އިންތިޒާމު ނުވަތަ ހޭންޑް ސެނިޓައިޒާ ގެސްޓް ހައުސްގައި ހުރިކަން.

8- ޓްރޭސް އެކީ އެޕްލިކޭޝަން ހުރިހާ ސްޓާފުންވެސް ބޭނުންކުރަން ޖެހޭނެ.

9- ގެސްޓް ހައުސްގެ ހުރިހާ ސްޓާފުންނަށް ޚާއްސަ ޔުނިފޯމެއް އޮންނަންވާނެ. އަދި ޑިއުޓީ ނިމުމުން ގެސްޓް ހައުސްއިން ނިކުތުމުގެ ކުރިން ފެންވަރާ، ހެދުން ބަދަލު ކުރަންވާނެ. މީގެއިތުރުން، އެދެވިގެންވަނީ ސްޓާފުންގެ ޔުނިފޯމް ދޮވުމަށް ގެޔަށް ގެންދިއުމުގެ ބަދަލުގައި ގެސްޓް ހައުސްގައި އެ އިންތިޒާމު ހަމަޖެއްސުން.

10- ސްޓާފުންގެ ސާފުތާހިރުކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް، ގެސްޓް ހައުސްގައި ޗޭންޖިން ރޫމްއަކާއި ފެންވެރޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެ.

11- ރިސެޕްޝަން އޭރިއާ، ރެސްޓޯރެންޓް، ހައުސްކީޕިން އަދި ލޯންޑްރީގެ އިންތިޒާމު ހަމަޖެހިފައި އޮންނަންވާނީ އެޗްޕީއޭއިން މިކަންކަމަށް ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް.

12- މި ޕްލޭންއަށް ގެސްޓް ހައުސްގެ ހުރިހާ ސްޓާފުންވެސް އަހުލުވެރިކުރުވަންވާނެ.

އެޗްޕީއޭގެ ގައިޑްލައިންގައި ހިމަނާފައިވާ ރަށު ތެރޭގައި އެޅޭ ރައްކާތެރިކަމުގެ އާންމު ފިޔަވަޅުތައް

1- އާންމުންނާއި ފަތުރުވެރިން ވެސް، ޕަބްލިކް ތަންތަނުގެ ތެރެއިން ބަންދު ތަންތަނުގައި މާސްކް އަޅަން މަޖުބޫރުވާނެ.

2- އާންމުން ދިރިއުޅޭ ގޭގެއަށް އެއްވެސް ހާލަތެއްގައި ފަތުރުވެރިންނަށް ވަނުން މަނާވާނެ.

3- އާންމު ކެފޭތަކާއި ރެސްޓޯރެންޓްތައް އާންމުންނަށާއި ފަތުރުވެރިންނަށްވެސް ބޭނުން ކުރެވޭނެ. އެހެންނަމަވެސް، މިތަންތަން ހުންނަންވާނީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް.

4- ފިހާރަތައް ފަދަ ތަންތަން ފަތުރުވެރިންނަށް ބޭނުން ކުރެވޭނެ. އަދި އެޗްޕީއޭ އިން ކަނޑައަޅަފައިވާ މިންގަނޑުތައް ދަމަހައްޓަންވާނެ.

5- ޓެކްސީފަދަ ދަތުރުފަތުރުގެ ޚިދުމަތްދޭ އުޅަނދުފަހަރު ހުންނަންވާނީ އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ޑްރައިވާ ކޮމްޕާޓްމަންޓްއާއި ޕަސެންޖާ ކޮމްޕާޓްމަންޓް ވަކިވާނެހެން ޕާޓިޝަން ޖަހައިފަ.

6- ޖިމްތަކާއި، ސްޕޯޓްސް ކޮމްޕްލެކްސްތަކާއި، ޑައިވް ސެންޓާތަކާއި، އެކްސްކަރޝަން އަދި މަސްދަތުރު ފަދަ ޙިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށްވެސް އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް އެ ޚިދުމަތްތައް ފޯރުކޮށްދެވޭނެ.

މީގެ އިތުރުން ކޮވިޑްގެ އަލާމާތެއް ފެންނަ ގެސްޓަކު ނުވަތަ ސްޓާފުންނާމެދު އަމަލުކުރާނެ ގޮތްތަކެއް ވެސް އެޗްޕީއޭއިން ކަނޑައަޅާފައިވެ އެވެ. އެގޮތުން ކޮވިޑްގެ އެއްވެސް އަލާމާތެއް ގެސްޓަކު ނުވަތަ ސްޓާފެއްގެ ކިބައިން ފެނިއްޖެނަމަ ވަގުތުން މާސްކްއަޅައި ގެސްޓް ހައުސްގައި ކަނޑައެޅިފައިވާ ވަގުތީ އައިސޮލޭޝަން ރޫމްގައި އައިސޮލޭޓް ވާންވާނެ ކަމަށް ކަނޑައަޅާފައިވެ އެވެ. އަދި ރަށުގެ ޓާސްކް ފޯސްއަށް ރިޕޯޓްކޮށް، ފުލޫ ކްލިނިކަށް ދެއްކުމުގެ އިންތިޒާމު ހަމަޖައްސާ، ފްލޫ ކްލިނިކަށް ދެއްކުމަށްފަހު ސާމްޕަލްނަގައި ޓެސްޓްގެ ނަތީއްޖާ ލިބެންދެން ގެސްޓް ހައުސްގައި އައިސޮލޭޝަންގައި ހުންނަންޖެހޭ ގޮތަށް ވެސް ހަމަޖައްސާފައިވެ އެވެ.

އެ އުސޫލުގައިވާ ގޮތުން ކޮވިޑަށް ޓެސްޓްކުރުމަށް ނެގޭ ސާމްޕަލް ޕޮޒިޓިވް ވެއްޖެނަމަ އެކަން އެޗްޕީއޭގެ ފަރާތުން ރަށު ޓާސްކް ފޯސްގެ ފޯކަލް ޕޮއިންޓްއަށާއި އަދި ގެސްޓަށް އަންގާނެ އެވެ. އަދި ރަށުގައި ހުންނަ މެޑިކަލް އޮފިސާ މެދުވެރިކޮށް ހާލުބެލުމަށްފަހު، ކްލިނިކަލް މެނޭޖްމަންޓް އެޑްވައިޒަރީ ޓީމް އިން އެ ޕޭޝަންޓްއަކަށް ފަރުވާދޭނެ ގޮތެއް ކަނޑައަޅާން ޖެހެ އެވެ.

އެ އުސޫލުގައިވާ ގޮތުން އުމުރުން 60 އަހަރަށް ވުރެ ހަގު، މައިލްޑް ސިމްޕްޓޮމްއާއި އެކު އިތުރު އެހެން އެއްވެސް ބައްޔެއް ނެތްނަމަ ރަށުގައި ކަނޑައެޅިފައިވާ އައިސޮލޭޝަން ފެސިލިޓީގައި އައިސޮލޭޓް ކުރެވިދާނެ އެވެ. އަދި މިގޮތަށް އައިސޮލޭޓް ކުރެވޭ ފަރާތްތަކުގެ ހާލަތު ދުވާލަކު ދެ ފަހަރު ޑޮކްޓަރަކު ބަލަން ޖެހޭނެ ކަމަށް ވެސް ހިމަނާފައިވެ އެވެ.

މީގެ އިތުރުން މޮޑަރޭޓް ނުވަތަ ސިވިއާ ސިމްޕްޓޮމް ހުރި ނުވަތަ އިތުރު އެހެން އެއްވެސް ބައްޔެއް ހުރި މީހެއްނަމަ ރީޖަނަލް ކޯވިޑް ސެންޓަރަށް ޓްރާންސްފާ ކުރަންޖެހޭނެ ކަމަށް ވެސް އެ އުސޫލުގައި ހިމެނެ އެވެ.

އެޗްޕީއޭއިން ހެދި ގައިޑްލައިންގައިވާ ގޮތުން ގެސްޓުގެ ސާމްޕަލް ނެގަޓިވް ނަމަ އައިސޮލޭޝަންއިން ދޫކޮށްލަންޖެހެ އެވެ. ނަމަވެސް ކޮޓަރިން ބޭރަށް ނިކުންނައިރު މެޑިކަލް މާސްކްއެއް އަޅަން ޖެހެ އެވެ. އަދި ސިމްޕްޓޮމްތައް ފިލާ 48 ގަޑިއިރު ވުމުގެ ކުރިން ރެސްޓޯރެންޓް ފަދަ އެއްވެސް އާންމު ތަނަކަށް ގޮސްގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ.

އެ އުސޫލްގައި ބުނެފައި ވަނީ ސްޓާފްގެ ސާމްޕަލް ނެގެޓިވްވިނަމަވެސް ރައްކާތެރިކަމަށްޓަކައި ސިމްޕްޓޮމްތައް ފިލާ 48 ގަޑިއިރު ވަންދެން ސެލްފް ކަރަންޓީނުގައި ހުންނަން ޖެހޭނެ ކަމަށެވެ.