އޭވިއޭޝަން ދާއިރާއަށް މީހުން ބިނާކުރުމަށް މަންޓާ އެއާއިން "މަންޓާ ވިންގްސް" ޕްރޮގްރާމެއް ފަށައިފި އެވެ.

މި ޕްރޮގްރާމް ލޯންޗްކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އާއި މަންޓާ އެއާގެ ސީއީއޯ މުހައްމަދު ޚަލީލެވެ.

މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިފްތިތާހުކޮށްދެއްވުމުގެ ގޮތުން އެމަނިކުފާނު ވަނީ "މަންޓާ ވިންގްސް" ގެ ބައިވެރިނަންނަށް ލިޔުން ޙަވާލުކޮށްދެއްވާފައެވެ.

މި އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ވައިގެ ދަތުރު ފަތުރުގެ ސިނާޢަތުގައި ހިމެނޭ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށާއި، ޒުވާނުން މި ދާއިރާއަށް ތައާރަފްކުރުމުގެ މަގުސަދުގައި 18 އަހަރާއި 25 އަހަރުގެ ޒުވާނުންނަށް އަމާޒުކޮށްގެން މަންޓާ އެއާ އިން އަލަށް ފަށާ ތަމްރީން ޕްރޮގްރާމެކެވެ.

އަހަރަކު ދެ ފަހަރު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގެ ފުރަތަމަ ބެޗްގައި 10 ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ. އަދި، މި ތަމްރީން ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ހަ މަސް ދުވަހުގެ މުއްދަތަކަށެވެ.

މަންޓާ ވިންގްސް ޕްރޮގްރާމް ރަސްމީކޮށް ޕްރޮގްރާމް ލޯންޗްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

މިއަދު ހެނދުނު މީރުމާ އިވެންޓްސްގައި ކުރިޔަށްދިޔަ މި ހަފްލާގައި ނައިބު ރައީސް ވަނީ ވޭތުވެދިޔަ ތިން އަހަރު މަންޓާ އެއާއިން ވަރަށް ގިނަ ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވިދާޅުވިގޮތުގައި ބަދަލުވަމުން އަންނަ ދުނިޔޭގައި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް މިވަނީ ވަރަށް ބޮޑު އިންގިލާބީ ކުރިއެރުމެއް އައިސްފަ އެވެ. އަދި ވައިގެ ދަތުރުފަތުރުގެ ސިނާޢަތް ފުޅާވަމުންދާ ވަރަކަށް ސިނާޢަތަށް ބޭނުންވާނެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަކީ މުހިންމު ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މަންޓާ ވިންގްސް ޕްރޮގްރާމް ރަސްމީކޮށް ޕްރޮގްރާމް ލޯންޗްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމްއާއި މަންޓާ އެއާގެ ސީއީއޯ މުޙައްމަދު ޚަލީލު ބައިވެރިވަނީ. ފޮޓޯ: ރައީސް އޮފީސް

މިގޮތުން ނައިބު ރައީސް ވަނީ ދިވެހިންނަކީ ރަނގަޅު ފެންވަރެއްގެ ޚިދުމަތެއް ދެވޭ ފަދަ ގާބިލް މަސައްކަތްތެރި ބަޔަކަށް ވުމަށް އަޒުމް ކަނަޑައަޅައިގެން އެ އަމާޒުގައި މަސައްކަތްކުރާ ބަޔަކަށް ވުމަށް ގޮވައިލައްވާފަ އެވެ. އަދި، ދުނިޔޭގެ އެހެން ޤައުމުތަކުން އެ ދާއިރާއެއްގެ މަސައްކަތް ކުރާ މީހުންގެ އާ ހޯދުންތަކުގެ މަޢުލޫމާތު ހޯދާ އަބަދުވެސް އާ ކަންކަން ދަސްކުރުމަށް އެމަނިކުފާނު ވަނީ ބާރު އަޅުއްވާފަ އެވެ.