ބައިނަލްއަގުވާމީ ފެންވަރުގެ އެއާ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީނުކުރެވޭ ފެންވަރުގެ "އޭޓީސީ ޓަވަރު ސިމިއުލޭޓާ"އެއް އެމްއޭސީއެލްގެ ތަމްރީންތަކުގައި ބޭނުންކުރަން ފަށައިފި އެވެ. މިއީ މި ފެންވަރުގެ ތަމްރީންތައް ރާއްޖޭގައި ފަށާ ފުރަތަމަ ފަހަރެވެ.

އެއާޕޯޓްގެ އެއާޓްރެފިކް ކޮންޓްރޯލް އިމާރާތުގައި މި ސިމިއުލޭޓަރު ހުޅުއްވައިދެއްވީ އެމްއޭސީއެލް ވަގުތީގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ޗީފް އޮފިސަރު އިބްރާހީމް ތޯހާ އެވެ. މިއީ ހަތަރު މިލިއަން ރުފިޔާ ޚަރަދުކޮށްގެން ގާއިމްކޮށްފައިވާ ސިމިއުލޭޓަރެކެވެ.

މި ސިމިއުލޭޓަރުން ރާއްޖޭގެ ހުރިހާ އެއާޕޯޓެއް ވެސް ސިމިއުލޭޓްކުރުމުގެ ގާބިލްކަން ލިބިފައިވާ ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ. މި ސިސްޓަމުން އެއާޕޯޓްގެ 50 މޭލުގެ ރޭޑިއަސް ސަރަޙައްދެއްގެ އުދުހުންތައް ބަލާލެވޭނެ އެވެ.

އެމްއޭސީއެލް އިން ބުނީ އަލަށް ގާއިމުކުރި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރު ސިމިއުލޭޓަރާއެކު، ވީއައިއޭ އަދި ރާއްޖޭގެ އެކިސަރަހައްދުތަކުގައި ޤާއިމްކޮށްފައިވާ އެއަރޓްރެފިކް ކޮންޓްރޯލްގައި މަސައްކަތްކުރާ މުވައްޒަފުން ތަމްރީންކުރުމަށް އެމްއޭސީއެލުން ކުރާ މަސައްކަތަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެކްޓިން ސީއީއޯ ތޯހާ ވިދާޅުވީ، އޭޓީސީގެ ޒަމާނީ ތަމްރީން ރާއްޖެއިން ލިބޭނެ ގޮތް ހަމަޖެހި، މަސައްކަތްތައް ފެށުންވެގެންދަނީ ކުރިމަގުގައި މުޅި ދާއިރާއަށް އަންނާނެ ބޮޑު ކުރިއެރުމަކަށް ކަމަށެވެ. އަދި ޚާއްސަކޮށް ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަމްރީންތައް ދިނުމަށް، ކޮންމެ އަހަރަކު ކުރާ ބޮޑެތި ހޭދަތައް ބޮޑުތަނުން ކުޑަކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ފެންވަރުގެ އެއާ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީނުކުރަން އެމްއޭސީއެލް އިން ގާއިމުކުރި "އޭޓީސީ ޓަވަރު ސިމިއުލޭޓަރު" ބޭނުންކުރަން ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ އެކްޓިން ސީއީއޯ އިބްރާހިމް ތޯހާ ވާހަކަދައްކަވަނީ. ފޮޓޯ: އެމްއޭ

"އެތައް މިލިއަން ރުފިޔާގެ އިންވެސްޓްމަންޓެއް މިއީ. ރާއްޖެއިން ބޭރަށް ތަމްރީނަށް ފޮނުވުމަށް ވަރަށް ބޮޑެތި ހޭދަތައް ކޮންމެ އަހަރަކު ކުރޭ. ނަމަވެސް ރާއްޖޭގައި ތިބެގެން ތަމްރީން ލިބޭނެ އިންތިޒާމާއެކު ޚަރަދުތައް ވަރަށް ބޮޑަށް ކުޑަކުރެވޭނެ." ތާހާ ވިދާޅުވިއެވެ.

"ޒަމާނީ އެންމެ ފަހުގެ ޓެކްނޮލިޖީއާއިއެކު ގާއިމްކޮށްފައިވާ މި ސިމިއުލޭޓަރުން ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ޤަވާއިދުތަކާއި އެއްގޮތައް ގިނަ ތަމްރީން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދެވޭނެ. މީގެ އިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ތަރައްގީކޮށްފައިވާ އާ ރަންވޭގެ އޮޕަރޭޝަނަށް އެއާޓްރެފިކް ކޮންޓްރޯލް މުވައްޒަފުން އަހުލުވެރިކުރުމަށް ކުރިއަށްގެންދާ ތަމްރީންތައް ވެސް ވެސް މިސިމިއުލޭޓަރުން ކުރިއަށް ގެންދެވޭނެ،" އެ ކުންފުނިން ބުންޏެވެ.

އެމްއޭސީއެލް އިން ބުނިގޮތުގައި ސިމިއުލޭޓަރު ގާއިމްކުރުމާއެކު އެއާޓްރެފިކް ކޮންޓްރޯލް އޮފިސަރުން ތަމްރީންކުރުމަށް އެ ކުންފުނިން ކުރަމުންދާ ހޭދަ އެތައް ގުނައެއް ކުޑަވެގެންދާނެ އެވެ. އެގޮތުން މިހާރު ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ޓަވަރު ކޮންޓްރޯލް ޓްރެއިނިން އަދި އެއާޕޯޓްގެ އާ ރަންވޭއަށް އަހުލުވެރިވުމުގެ ތަމްރީން ޕްރޮގްރާމްތައް ރާއްޖެއިން ބޭރުންކުރިއަށް ގެންދާނަމަ 6.9 މިލިއަން ރުފިޔާ ޙަރަދުވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"ނަމަވެސް މި ސިމިއުލޭޓަރު ސިސްޓަމް ގާއިމްކުރުމާއިއެކު، މިޚަރަދަކީ ކުންފުންޏަށް ސަލާމަތްކުރެވިފައިވާ ޚަރަދު ތަކެކެވެ. އެހެންކަމުން މިއީ، ދެމެހެއްޓެނިވި ގޮތުގައި އެއަރޓްރެފިކް ކޮންޓްރޯލް އޮފިސަރުން ތަމްރީންކުރުމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް. އަދި މިއީ އެއާ ޓްރެފިކްގެ ދާއިރާއިން ތައުލީމާއި ތަމްރީން ހާސިލްކުރަން ބޭނުވާ ދިވެހި ޒުވާނުންނަށްވެސް ހުޅުވިގެންދިޔަ ފަހި ފުރުސަތެއް،" އެމްއޭސީއެލް އިން ބުންޏެވެ.

ބައިނަލްއަގުވާމީ ފެންވަރުގެ އެއާ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީނުކުރަން އެމްއޭސީއެލް އިން ގާއިމުކުރި "އޭޓީސީ ޓަވަރު ސިމިއުލޭޓަރު" ބޭނުންކުރަން ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެމްއޭސީއެލް

ސިމިއުލޭޓަރު ސަޕްލައިކޮށް އިންސްޓޯލްކޮށްފައިވަނީ އެއާޓްރެފިކް ކޮންޓްރޯލް އަދި އެއާ ޑިފެންސް ސިމިއުލޭޓަރުތައް އިންސްޓޯލްކުރުމުގައި 33 އަހަރުގެ ތަޖުރިބާ ލިބިފައިވާ އިނގިރޭސިވިލާތުގެ މައިކްރޯ ނޭވްއިންނެވެ. މިހާރު ސިމިއުލޭޓަރުން އެއާޕޯޓް ރަންވޭގެ 240 ޑިގްރީ ފެނުނުނަމަވެސް 280 ޑިގްރީއަށް ބޮޑުކުރުމުގެ ފުރުސަތު އެބައޮތެވެ. މިސިމިއުލޭޓަރު ފަރުމާކޮށްފައި ވަނީ ރާއްޖޭގެ އެއާޕޯޓްތަކަށް ބިނާކޮށްފަ އެވެ.

މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މުޅި އޭރޯޑްރޮމް ވަރަށް ތަފްސީލްކޮށް ދައްކުވައިދޭގޮތައް ވަނީ ފަރުމާކޮށްފަ އެވެ. ރާއްޖޭގެ ހުރިހާ އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް އެއާޕޯޓްތަކުގެ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރުގެ ހިދުމަތް ދޭމުން އަންނަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީންނެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިނގިރޭސިވިލާތުގެ ގޯޑަން އެންޑްރޫ ސްޓުއާޓް މިދިޔަ މަހުގެ ކުރީކޮޅު މަގާމުން ވަކިކުރުމުން، ކުންފުންޏަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ ތަޖުރިބާކާރު ތޯހާ ހިންގެވުމާ ހަވާލުވެވަޑައިގެންނެވި ފަހުން ބޮޑެތި ބަދަލުތަކެއް ގެންނަން ވަނީ ފަށައިފަ އެވެ. އަދި އެ އެއާޕޯޓުގައި ހުއްޓިފައި އެތައް މަސައްކަތެއް ވެސް ބާރު ސްޕީޑުގައި ނިންމުމަށް ތޯހާ ގެންދަވަނީ މަސައްކަތްކުރަމުންނެވެ. މިގޮތުން އާ ވީއައިޕީ އަދި ސީއައިޕީ ލައުންޖް އަންނަ މަހު ހުޅުވުމާއި އާ ސީޕްލޭން ޓާމިނަލް ވެސް އަންނަ އޭޕްރިލް މަހުން ފެށިގެން ބޭނުންކުރަން އަންނަނީ ތައްޔާރުވަމުންނެވެ.