ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ވީއައިޕީ އަދި ސީއައިޕީ ކޮމްޕްލެކްސް އަންނަ މަހު 12 ގައި ބޭނުންކުރަން ފަށަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ނިންމައިފި އެވެ.

ކުރީގެ އަކުއާ ރެސްޓޯރަންޓް ހުރި ތަނުގައި މޫދު ފެންނަ ގޮތަށް 2،200 އަކަމީޓަރުގެ ސަރަހައްދެއްގައި ހަތަރު ބުރި އަށް ހެދި ވީއައިޕީ ކޮމްޕްލެކްސްގައި ޗެކިން ކުރެވޭނެ ފެސިލިޓީ އާއި ކެއިން ބުއިމުގެ ހިދުމަތްތަކާއި ފާޚާނާގެ އިތުރުން ފެންވެރޭނެ ގޮތާއި ދެ ޖިންސަށް ވަކިން ނަމާދު ކުރެވޭނެ ގޮތްތައް ވެސް ހުރެ އެވެ. މިއީ މިހާރު ބޭނުންކުރާ ވީއައިޕީ އަދި ސީއައިޕީ ޓާމިނަލަށް ވުރެ ޖާގައިގެ ގޮތުން ދިހަ ގުނަ ބޮޑު ތަނެކެވެ.

އެމްއޭސީއެލް އިން ބުނި ގޮތުގައި އެ ކޮމްޕްލެކްސްގައި ވީއައިޕީ އާއި ސީއައިޕީ ލައުންޖްތައް ހުންނާނީ ވަކިވަކިންނެވެ. އޭގެ އިތުރުން ވަކި ކޮޓަރިއެއް ބޭނުންވާ މީހުންނަށް އެކަން ވެސް ހަމަޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ ސީނިއާ މެނޭޖަ ކޮމާޝަލް ނޮން އެއިރޯނޮޓިކަލް ރެވެނިއު ޑިޕާޓްމަންޓް އަހުމަދު އަޒީމް ސޮއިކުރައްވައި މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ އަލަށް ހެދި ވީއައިޕީ އަދި ސީއައިޕީ ލައުންޖުން އަންނަ މަހުގެ 12ން ފެށިގެން ހިދުމަތްދޭން ނިންމާފައިވާ ކަމަށެވެ. އަދި އެތަނަށް ހިދުމަތްތައް ބަދަލުކުރާއިރު މިހާރު ބޭނުންކުރާ ޓާމިނަލް ހުސްކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އެ ސާކިއުލާގައި ވަނީ މިހާރު ބޭނުންކުރާ ވީއައިޕީ އަދި ސީއައިޕީ ލައުންޖު ހުސްކުރަނީ އެ މަޝްރޫއުގެ ދެވަނަ ފިޔަވަހި ކުރިޔަށް ގެންދިއުމަށް ކަމަށެވެ.

އެމްއޭސީއެލްގެ ސާކިއުލާގައި ބުނެފައި ވަނީ އާ ވީއައިޕީ އަދި ސީއައިޕީ ޓާމިނަލް ބޭނުންކުރަން ފެށި ނަމަވެސް އެތަނުން ދޭ ހިދުމަތްތަކުން ނަގާ ފީއަށް މިވަގުތު އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށެވެ. އަދި އަގުތަކަށް ބަދަލު ގެންނަނީ އެ ޓާމިނަލްގެ ފޭސް އެކެއްގެ ހުރިހާ ސާމާނަކާއި ހިދުމަތްތައް ފުރިހަމަވުމުން ކަމަށް ވެސް ބުނެފައިވެ އެވެ. އޭގެ އިތުރުން އެތަނުން ނަގާ އަގުތައް ކަނޑައެޅުމުގެ ކުރިން ކަސްޓަމަރުންނާ ހިއްސާކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

ކުރީ ސަރުކާރުން ހަވާލުކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ވީއައިޕީ ކޮމްޕްލެކްސްގެ ފުރަތަމަ ފިޔަވަހި ވެސް ހެދީ އެ އެއާޕޯޓުގެ އާ ރަންވޭ އާއި ފިއުލް ފާމް އަދި ކާގޯ ޓާމިނަލް ހެދި ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އެވެ.