ނ. މަނަދޫގައި 50 އެނދުގެ ޓޫރިސްޓް ހޮޓަލެއް ތަރައްގީކުރަން ބަޔަކާ މިއަދު ހަވާލުކޮށްފި އެވެ.

މަނަދޫގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ކަނޑައަޅާފައިވާ 132،000 އަކަފޫޓުގެ ބިމުގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީކޮށް ހިންގުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ސްޓޯން ހޮޓެލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ވަނީ ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ނިލްފާ އެވެ. އަދި ސްޓޯން ހޮޓެލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އައްބާސް މުހައްމަދެވެ.

މި އެއްބަސްވުން އެެކުލަވާލުމަށް ބޭއްވި ރަސްމިއްޔާތުގައި، ޓޫރިޒަމް މިނިސްޓަރު، ޑރ. އަބްދުﷲ މައުސޫމް ވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ. އޭގެ އިތުރުން ރައްޔިތުން މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މިނިސްޓްރީން ބުނިގޮތުގައި މި އެއްބަސްވުމުގެ ދަށުން އިމާރާތްކުރާ ޓޫރިސްޓު ހޮޓަލުގައި 50 ކޮޓަރި ހިމެނުމަށް ހަމަޖެހިފައިވެ އެވެ. އަދި 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ކުރިން މި ޓޫރިސްޓް ހޮޓާ ހުޅުވޭނެ ކަމަށް ބެލެވޭ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.