މިދިޔަ އޮކްޓޯބަރު މަހު ރާއްޖެ އަށް 21،309 ޓޫރިސްޓުން އަތުވެއްޖެ އެވެ.

މިއީ ބޯޑަރު އަލުން ހުޅުވާލި ފަހުން އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި މަހެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖުލައި 15ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން 41،766 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ޖުލައިމަހު ރާއްޖެ އައީ 1،752 ޓޫރިސްޓުންނެވެ. އޮގަސްޓްމަހު އައީ 7،628 ޓޫރިސްޓުންނެވެ. އަދި ސެޕްޓެމްބަރު މަހު 9،538 ޓޫރިސްޓުން އައިއިރު، މިދިޔަ މަހު އައީ 21،309 ޓޫރިސްޓުންނެވެ. އަދި މިމަހުގެ އެއްވަނަ ދުވަހު އެކަނި 1،590 ޓޫރިސްޓުން އައިސްފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޓޫރިސްޓުން މިހާރު ރާއްޖޭގައި އެވްރެޖްކޮށް 9.6 ދުވަސް ހޭދަކުރެ އެވެ. ބޯޑަރު ހުޅުވާލި ޖުލައިމަހު މި އަދަދު ހުރީ 14.1 ދުވަހުގަ އެވެ.

ބޯޑަރު އަލުން ހުޅުވާލިފަހުން މިދިޔަމަހުގެ 28 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޒިޔާރަތްކޮށްފައިވަނީ ރަޝިއާގެ ޓޫރިސްޓުންނެވެ. އެ ގައުމުން އެކަނި ރާއްޖެއަށް 7،507 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި މުޅި ޖުމްލަ ޓޫރިސްޓުންގެ 21.1 ޕަސެންޓެވެ. ދެން އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން ޒިޔާރަތްކުރީ ޔޫއޭއީންނެވެ. އެ ގައުމުން ރާއްޖެއަށް 3،479 ޓޫރިސްޓުން އައިސްފައިވެ އެވެ.

ތިންވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވަނީ އެމެރިކާއިންނެވެ. އެ ގައުމުން ރާއްޖެއަށް 3،056 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ފަތުރުވެރިންނަށް ހިދުމަތްދޭ 294 ތަނެއް ވަނީ އަލުން ހުޅުވާފަ އެވެ. މީގެތެރޭގައި ހިމެނެނީ، 120 ރިސޯޓާއި، 5 ހޮޓަލާއި، 120 ސަފާރީ އަދި 49 ގެސްޓުހައުސް އެވެ. އެގޮތުން ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ފަތުރުވެރިކަމުގެ 32،464 އެނދު ވަނީ އޮޕަރޭޝަނަށް ގެނެސްފަ އެވެ. މީގެތެރެއިން 28،390 އެނދަކީ ރިސޯޓުތަކުގެ އެނދެވެ.