މި މަހުގެ އެކަކުން ފެށިގެން 29އާ ހަމައަށް 300 އަށް ވުރެ ޕްރައިވެޓް ޖެޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފި އެވެ.

ޔޫރަޕްގެ ފިނި މޫސުމާ ދިމާކޮށް ކޮންމެ އަހަރެއްގެ ފަހުކޮޅު ރާއްޖެއަށް ގިނަ އަދަދެއްގެ މުއްސަނދިން ޖެޓްތަކުގައި ރާއްޖެއަށް އާދެ އެވެ. އާއްމުކޮށް ޕްރައިވެޓް ޖެޓްތަކުގައި އަންނަނީ ޔޫރަޕްގެ މުއްސަނދިންނެވެ.

ރާއްޖެއަށް އަންނަ މުސަނދިންގެ ޕްރައިވެޓް ޖެޓްތަކުގެ ތެރެއިން އެންމެ ގިނަ ޖެޓްތައް ޕާކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ. ބައެއް ފަހަރު އެ އެއާޕޯޓުގައި ޖާގަ ނެތިގެން އެހެން ބައެއް އެއާޕޯޓުތަކުގައި ވެސް ޕާކުރެ އެވެ.

ވެލާނާ އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފުތާގެ އަންގާރަ ދުވަހާއި ބުދަ ދުވަހު އެކަނި ވެސް އެ އެއާޕޯޓަށް 35 ޖެޓު ޖެއްސި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ މަތީގައި ޕާކުކޮށްފައިވާ ޕްރައިވެޓް ޖެޓްތަކެއް.

އެ ކުންފުނީގެ އޮފިޝަލު ވިދާޅުވީ އަންނަ އަންގާރަ ދުވަހަކީ މި ސީޒަންގައި އެންމެ ގިނަ ޕްރައިވެޓް ޖެޓު އަންނާނެ ދުވަހަށް ވާނެ ކަމަށެވެ. އެ ދުވަހު އެކަނި 40 އަށް ވުރެން ގިނަ ޖެޓް ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާނެ ކަމަށް އެމްއޭސީއެލް އިން ލަފާކުރެ އެވެ.

"ކޮންފާމްކުރުމަށްފަހު ކުއްލިއަކަށް ކެންސަލް ވެސް ވޭ. ޕްރައިވެޓްތައް ގިނަ ފަހަރަށް އަންނާނީ ކުއްލި ކުއްލިއަށް،" އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަހަރަކީ ރާއްޖޭގެ ޓޫރިޒަމްގައި ކާމިޔާބު އަހަރެއް ކަމަށެވެ. އެގޮތުން މިއަހަރު ކަނޑައެޅި އަމާޒު ހާސިލްވެ، 1.3 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން މިއަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަން އެ މިނިސްޓްރީން ފާހަގަކުރެ އެވެ.