Advertisement

ދިރާގު ޚިދުމަތުގައި 31 އަހަރު: ޤައުމުގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް

FacebookTwitterWhatsAppTelegramViber

މުއާސަލާތީ ޚިދުމަތަކީ ތަރައްޤީގެ އެންމެ މުހިންމު އެއް ތަނބެވެ. މިޒަމާނުގައި މި ޚިދުމަތާ ނުލައި އިޤުތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުން ހޯދުމަކީ މުސްތަޙީލު ކަމަކަށް ވަނީ ވެފަ އެވެ.

ދިވެހި ރާއްޖެއަކީ ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ އަދި ދުނިޔޭގެ ނިސްބަތުން މަދު މީސްކޮޅެއް ދިރިއުޅޭ ޤައުމެކެވެ. ވުމާއެކު، މުވާސަލާތީ ޚިދުމަތް ފޯރުކޮށްދިނުމުގައި އަދި ވަކިން ހާއްސަކޮށް މުވާސަލާތީ އިންފްރާސްޓްރަކްޗަ ގާއިމު ކުރުމުގައި، އެހެން ޤައުމުތަކާއި ޚިލާފަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ޤައުމެކެވެ. އަދި ހަމަ އެހެންމެ މިއީ މިކަމަށް ކުރަންޖެހޭ ހޭދަ ވެސް ނުހަނު ބޮޑުކަމެކެވެ. މި އިންފްރާސްޓަރަކްޗަރތައް ބިނާކޮށް، ބޭނުންވާ އިންވެސްޓްމަންޓްތައް ކޮށް މި ކުޑަ ޖަޒީރާ ރާއްޖެ ދުނިޔޭގެ ބޮޑެތި ގައުމުތަކާ ގުޅުވާދިނުމުގެ ފަހަތުގައިވަނީ މިއަދު 31 އަހަރު ދުވަހުގެ ފަހުރުވެރި ޤައުމީ ޚިދުމަތް ފާހަގަކުރަމުންދާ ދިވެހި ރާއްޖޭގެ ގުޅުން – ދިރާގެވެ.

އިންޑިއާ ކަނޑުގައި އެތައް ސަތޭކަ ރަށެއްގެ މައްޗަށް އެކުލެވޭ ޤައުމުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މުއާސަލާތީ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތަކީ ވަރަށްވެސް ބޮޑު ގޮންޖެހުމެއްކަމް ޔަގީނެވެ. ނަމަވެސް ދިރާގު އުފެދުނުތާ މާ ގިނަ އަހަރުތަކެއް ނުވަނީސް، ރާއްޖެ ފަދަ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ ވަކިވަކި ޖަޒީރާ، ރަށްތަކަކަށް، ޓެލެފޯނުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އެ ކުންފުނިން ކުރި ތަރައްގީގެ ވަރަށް ބޮޑު އަދި މުހިންމު ދަތުރެކެވެ. އަދި އެ މަސައްކަތް ނިމިގެންދިއުމާއެކު ރާއްޖޭގެ ހުރިހާ ކަންކޮޅެއް މުއާސަލާތީ ވިއުގައަކުން ގުޅި، އެތައް ރޮނގަކުން ކުރިއެރުންތައް ހޯދާނެ މަގު ހުޅުވިގެންދިޔަ އެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މުއާސަލާތީ ޚިދުމަތް ދިނުމުގެ ބޮޑު މަޝްރޫއު ދިރާގުން ކާމިޔާބު ކަމާއެކު ނިންމާލީ ކުރު މުއްދަތެއްގެ ތެރޭގައެވެ.

މިކަމުގެ ސަބަބުން ރާއްޖޭގެ އިޖްތިމާޢީ އަދި އިޤުތިޞާދީ ތަރައްގީއަށް އިތުރު ހަލުވިކަމެއް އައެވެ. އެއާއެކު އަމިއްލަ ފަރުދުންގެ މުއާސަލާތީ ބޭނުންތައް ފުއްދުމަށާއި، ވިޔަފާރިތަކާއި ޓޫރިޒަމްގެ ސިނާއަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރުމުގެ އިތުރުން، ރާއްޖެ ދުނިޔޭގެ ޗާޓުގައި ފެވިގެން ދިއުމަށް ވަރަށް ބޮޑު ބާރަކަށް ދިރާގުން ފޯރުކޮށްދިން މުއާސަލާތީ ޚިދުމަތް ވެގެންދިޔަ އެވެ.

މުއާސަލާތީ ރޮނގުން މުޅި އޭޝިއާ ސަރަހައްދަށް ބެލި ނަމަވެސް ރާއްޖެ އަންނަނީ ކުރިއަރާފައިވާ އެހެން ޤައުމުތަކާ އެއް ސަފެއްގައި ވާދަކުރަމުންނެވެ. މިކަން ސާބިތުވާ އެއް ހެއްކަކީ މިހާރު މަދު ޤައުމެއްގައި ތައާރަފްކޮށްފައިވާ 5ޖީ ފަދަ އެންމެ ޒަމާނީ ޚިދުމަތްތައް ވެސް ދިރާގުން ރާއްޖެއަށް ފޯރުކޮށްދިނުމެވެ. އަދި ހަމަ އެހެންމެ އެ އިރެއްގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ރާއްޖެއަށް ދިރާގުން ވަނީ ފޯރުކޮށްދީފަ އެވެ.

ދިރާގަކީ ރާއްޖޭގެ ޑިޖިޓަލް ލީޑަރ

ދިރާގަކީ ހަލުވި ދުވެއްޔެއްގައި ބަދަލުވަމުން އަންނަ ޓެކްނޮލޮޖީ އާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާ އެއްބާރުމިނެއްގައި ކުރިއަރަމުން އަންނަ ކުންފުންޏެކެވެ.

ދިރާގުންވަނީ ރާއްޖޭގައި މުއާސަލާތީ ޚިދުމަތް ފުޅާ ދާއިރާއެއްގައި ދިނުމަށް ގިނަ މަސައްކަތެއްކޮށްފައިވެ އެވެ. އެ ޚިދުމަތުގެ ލިސްޓްގައި ހިމެނޭ ކަންތައް ވަރަށް ދިގެވެ. އެގޮތުން އެ ކުންފުނިން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 3ޖީ އަދި 4ޖީގެ ޚިދުމަތް ފުޅާކޮށްފައެވެ. މީގެ އިތުރުން އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު ފައިބަރ ޓު ދަ ހޯމް އިންޓަނެޓްގެ ޚިދުމަތް ވެސް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުން އަންނަނީ ދިރާގުންނެވެ. މި ޚިދުމަތް މިހާރު އާބާދީގެ 75 ޕަސެންޓަށް ލިބެ އެވެ. އަދި ހަމަ އެހެންމެ ރާއްޖޭގެ އެންމެ ފުރަތަމަ އަދި ހަމައެކަނި އައިޕީ ޓީވީގެ ޚިދުމަތްވެސް ފެށީ ދިރާގުންނެވެ. މާލެއާ އެއްވެސް ތަފާތު ކުރުމެއްނެތި ރާއްޖޭގެ އާބާދީގެ 72 ޕަސެންޓަށް ދިރާގު ޓީވީގެ ޚިދުމަތް މިހާރު އަންނަނީ ފޯރުކޮށްދެމުންނެވެ.

އަދި ހަމަ އެހެންމެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމައްޓަކައި ސްރީލަންކާ އާއި ރާއްޖެއާ ދެމެދު ސަބްމެރިން ކޭބަލެއް އަޅައި، އޭގެ އިތުރުން ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅެއް 1253 ކިލޯމީޓަރުގެ އެފަދަ ކޭބަލަކުން އެންމެ ފުރަތަމަ ގުޅައިދިނީވެސް ދިރާގުންނެވެ. މި ކޭބަލް އެޅުމާއެކު މުއާސަލާތީ ޚިދުމަތުގެ ފެންވަރު އެތައް ގުނައެއް ރަނގަޅުވެ، ކަސްޓަމަރުންނަށް އެތައް ޚިދުމަތެއް އެ ކުންފުނިން އަންނަނީ ފޯރުކޮށްދެމުންނެވެ.

މުއާސަލާތީ ޚިދުމަތުގައި އެންމެ ކުރީ ސަފުގައި ދިރާގު ދެމިއޮތީ އެފަދަ އެތައް ސަބަބުތަކާ ހެދިއެވެ. ދިރާގުން ދަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައިގެން ޚިދުމަތްތަށް ފަރުމާކުރަމުންނެވެ. އެގޮތުން މިހާރު ރާއްޖޭގެ އެންމެ ބޮޑު އެލަވަންސް އަދި އެންމެ ހަލުވައި އިންޓަނެޓް ސްޕީޑް ލިބޭ ޕެކޭޖްވެސް ފޯރުކޮށްދެނީ ދިރާގުންނެވެ. މީގެ އިތުރުން މުޅި ދެކުނު އޭޝިއާގައި ވެސް އަލަށް 5ޖީ ޓެކްނޮލޮޖީ ތައާރަފްކުރީ ހަމަ އެ ކުންފުނިންނެވެ. 5ޖީ ޚިދުމަތް މިހާރު ލިބެމުން ދަނީ ދުނިޔޭގެ ވަރަށް މަދު ޤައުމެއްގައިއެވެ. އެހެން ކަމުން، މިފަދަ ޒަމާނީ ޚިދުމަތެއް ރާއްޖެ ފަދަ ކުޑަ ގައުމަކަށް ލިބުން ވެގެން ދިޔައީ ދިވެހި ރާއްޖެއަށްވެސް ޓެކްނޮލޮޖީގެ ދާއިރާއިން ލިބުނު ވަރަށް ބޮޑު ކުރިއެރުމަކަށެވެ.

ދިރާގުގެ ޚިދުމަތަށް މިއަދު 31 އަހަރު ފުރޭއިރު އެ ކުންފުނިން ވަނީ ދިވެހިންގެ ދިރިއުޅުމަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައިކަން ޔަގީނެވެ. "އެންރިޗިން ލައިވްސް" ނުވަތަ ދިރިއުޅުންމަށް ފާގަތިކަން ގެނެސްދިނުން އެއީ އެ ކުންފުނީގެ ތަސައްވުރަށް ވުމާއެކު، އެކަން ދިރާގުން ދަނީ ސާބިތުކޮށްދެމުންނެވެ.

މިއީ ދިވެހިންގެ ކުންފުނި

ދިރާގަކީ އުފެދުނީއްސުރެ ދިވެހިންގެ ކުންފުންޏެކެވެ. 99 ޕަސެންޓް ދިވެހި މުވައްޒަފުންނާއެކު ހިންގާ މިފަދަ ކުންފުންޏެއް ރާއްޖޭގައި މަދުވާނެ އެވެ. މިއީ ދިވެހިންގެ ލެއާ ގުޅިފައިވާ ދިވެހި ކުންފުންޏެކެވެ.

ދިރާސާތަކުން ދައްކާގޮތުގައި ރާއްޖޭގައި އަދިވެސް އެންމެ މަގުބޫލު އަދި މީހުންނާ އެންމެ ގާތްކޮށްދެކޭ އެއް ބްރޭންޑަކީ ދިރާގެވެ. ދިރާގަކީ ކަސްޓަމަރުންނާ ގާތް ގުޅުމެއް އޮންނަ ދިވެހިން އިތުބާރުކުރާ އަދި ލޯބިވާ ކުންފުންޏެކެވެ. މީގެ ހެއްކަކީ ވާދަވެރިކަން އައުމުން ވެސް ގިނަ ކަސްޓަމަރުން ދިރާގު އިޙްތިޔާރުކޮށް ދިރާގާ އެކު ދެމި ތިބުމުންނެވެ.

އަދި މި ކަމުން ރަމްޒުކޮށްދޭ މުހިންމު އެއްކަމަކީ، ދިރާގަކީ ކަސްޓަމަރުން އިތުބާރުކުރާ އަދި ކަސްޓަމަރުންގެ މެދުގައި އެންމެ މަގުބޫލު މުއާސަލާތީ ކުންފުނިކަމެވެ.

އިޖުތިމާއީ ރޮނގުގައި ދިރާގު

ދިރާގަކީ ރާއްޖޭގައި ހަރަކާތްތެރިވާ ވިޔަފާރި ކުންފުނިތަކުގެ ތެރެއިން އިޖުތިމާއީ ކަންކަމަށް އެންމެ ބޮޑު އިސްކަމެއްދޭ އެއް ކުންފުންޏެވެ.

އެގޮތުން ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ތެރެއިން ހިމެނޭ މައިގަނޑު އެއް ތަނބެވެ. މިހާރު ބައިނަލް އަގުވާމީ ފެންވަރުގައި ބޭއްވޭ ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީވެސް ފާއިތުވި 8 އަހަރު ދުވަހު ކުޑަކުދިން ރައްކާތެރިކުރުމުގެ ޝިޔާރުގައި ބާއްވަމުން އަންނަ ރޭހެކެވެ. އަދި މި ޕްލެޓްފޯމް މެދުވެރިކޮށް މި ދާއިރާގައި މަސައްކަތްކުރާ ޖަމިއްޔާތަކަށް މާލީގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެވެއެވެ. މީގެ އިތުރުން ދިރާގުން ވަނީ 2012 ވަނަ އަހަރުން ފެށިގެން ތަފާނު ނުކުޅެދުންތެރިކަން ހުންނަށް ކުދިންނަށް އަމާޒުކޮށްގެން ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގެ ނަމުގައި ކުޅިވަރުގެ ހަރަކާތަތްވެސް ބާއްވަމުންނެވެ. މިއީ ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިން ބާރުވެރިކުރުވައި، ކުޅިވަރުގެ މައިދާނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިދުމަށް ރާއްޖޭގައި ހިންގާ ހަމައެކަނި ހަރަކާތެވެ.

ދިރާގުގެ އިޖުތިމާއީ ޒިންމާގައި ދެން އެންމެ އިސްކަމެއްދެނީ ޒުވާނުންނަށެވެ. އެގޮތުން ދިރާގުން ވަނީ ޒުވާނުން ބާރުވެރި ކުރުމުގެ ޕްރޮގުރާމްތައް ހިންގައެވެ. މިގޮތުން ދިވެހި ޒުވާނުން މަސައްކަތުގެ ވެއްޓަށް އަހުލުވެރިކުރުވައި ފަންނީ ހުނަރު ދަސްކޮށްދިނުމުގެ މަޤްސަދުގައި، 2008 ވަނަ އަހަރުން ފެށިގެން ހިންގާ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފާހަގަކޮށްލެވެއެވެ.

އަދި ހަމަ އެހެންމެ، ތިމާވެއްޓާމެދު ދިވެހިން ހޭލުންތެރިކުރުމުގެ ގޮތުން، އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކާ ދެކޮޅަށް އެންމެ ފުރަތަމަ އަމަލީ ގޮތުން ފިޔަވަޅުއަޅައި، މުއައްޒަފުންނަށާއި އާންމުންނަށް އަމާޒުކޮށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމެއް އެންމެ ފުރަތަމަ ފެށި ކުންފުންޏަކީވެސް ދިރާގެވެ.

މިދިޔަ 31 އަހަރު ރާއްޖެ ވަނީ މުއާސަލާތީ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހާސިލްކޮށްފަ އެވެ. ރާއްޖެއަށް މިކުރިއެރުންތައް ގެނެސްދިނުމުގައި ދިރާގުން އަދާކޮށްފައި ވަނީ މުހިންމު ގައުމީ މަސްއޫލިއްޔަތެކެވެ. އަދި ވެސް އެ ކުންފުނި ދެމިއޮތީ އެގޮތުގައެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top