ވިހި ރަށެއްގައި ތަރައްގީކުރާ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތަށް އެޗްއެސްބީސީން މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އަށް 154 މިލިއަން ރުފިޔާގެ ލޯނެއް ހަމަޖައްސައިދީފި އެވެ.

އެޗްއެސްބީސީއިން ބުނީ އެމްޑަބުލިއުއެސްސީއަށް ހަމަޖައްސައިދިން ލޯން ފެސިލިޓީއަކީ ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާ ހަވާލުކޮށްފައިވާ 20 ރަށެއްގެ ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖައްސައިދިން ލޯނެއް ކަމަށެވެ.

އެމްޑަބްލިއުއެސްސީން ބުނީ، އެ މަޝްރޫއުތަކަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމް ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ބައެއް ކަމަށެވެ.

މިކަމާ ގުޅިގެން އެޗްއެސްބީސީގެ ކަންޓްރީ މެނޭޖަރު، ދިލްޝާން ޕެރޭރާ ވިދާޅުވީ، ފާއިތުވި 19 އަހަރު ތެރޭގައި ރާއްޖޭގެ ތަރައްގީ އަށް ކުރިއަށް ގެންދިޔަ އެކި މަސައްކަތްތަކުގައި އެ ބޭންކުގެ ބައިވެރިވުން އޮންނާނެ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ފަހުރުވެރިވޭ، އެމްޑަބްލިޔުއެސްސީއާ ގުޅިގެން މި މަޝްރޫޢު ކާމިޔާބު ކުރުމަށްޓަކައި ހިއްސާ ވެވޭތީ. އެޗްއެސްބީސީން މި އަންނަނީ ވޭތުވެދިޔަ 19 އަހަރުގެ ތެރޭގައި އެކި ގޮތްގޮތުން ދިވެހި ގައުމަށް އެހީތެރިވަމުން،" ދިލްޝަން ޕެރޭރާ ވިދާޅުވި އެވެ.

ދައުރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދަކެވެ. އެވައުދު ފުއްދުމަށްޓަކައި މިދިޔަ އަހަރު ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އެޅުމަށް އެކި ކުންފުނިތަކަށް ވަނީ ހަވާލުކޮށްފަ އެވެ. އަދި މިކަމުގައިވެސް ކޮރަޕްޝަން ހިމެނޭކަމަށް ބުނެ އެމައްސަލަ ބެލުމަށް އޭސީސީއަށް ވަނީ ހުށަހަޅާފަ އެވެ.