Advertisement

ކްރައުޑް ފަންޑިންގް ރާއްޖެއަށް މުހިއްމެއް ނޫންތަ؟

FacebookTwitterWhatsAppTelegramViber

ރާއްޖޭގައި ވިޔަފާރީ އަށް ޝައުޤުވެރިވާ ޒުވާނުން ގިނައެވެ. ވިޔަފާރީއެއް ފަށަން ބޭނުންވާ އެތައް ޒުވާނުންނެއް ތިބި ކަމުގައި ވިޔަސް، އަދި ވިޔަފާރީ ކާމިޔާބުވާނެކަން ޔަޤީންވާ އެތައް ބަޔަކު ތިބި ނަމަވެސް، ތިމާގެ ހުވަފެން އެކަނި ހިފައިގެން މާލީ މުއައްސަސާއަކަށް ގޮސް ފައިނޭންސިންގް ފެސިލިޓީއެއް ހޯދޭނެ މަގެއް ނެތެވެ. ހުވަފެން ބިލާހަކަށްވަނީ، ހުވަފެނުގައި ކުލަޖައްސަން ބޭނުންވާ ކުލަ ގަތުމަށް ބޭނުންވާ ފައިސާ ހޯދޭނެ މަގެއް ނުފެނިގެންނެވެ. ކްރައުޑް ފަންޑިންގް އަކީ މިފަދަ ޒުވާނުންނަށް އޮތް ފުރިހަމަ ހައްލެއްކަމުގައި ހެދިދާނެއެވެ. ދުނިޔޭގެ އެކި ޤައުމުތަކުން މިއަދު ވަނީ ކްރައުޑް ފަންޑިންގެ މެދުވެރިކޮށް އަލަށް ވިޔަފާރީ ފަށާ ފަރާތްތަކަށް ފައިސާ ހޯދޭނެ މަގު ތަނަވަސްކޮށްދީފައެވެ.

ދުނިޔޭގެ ޤައުމުތަކުގައި ކްރައުޑް ފަންޑިންގް އަކީ ރެގިއުލޭޓުކުރެވިގެން ދެވޭ މާލީ ޚިދުމަތެކެވެ. ހިތާމައަކީ، ދިވެހިރާއްޖޭގައި އަދިވެސް މިޚިދުމަތް ތަޢާރަފުކުރެވިފައި ނެތުމެވެ. މިކަމަށް މަސައްކަތްކުރަމުންދާ އަޑު އިވިފައި ނުވާތީއެވެ. ކްރައުޑް ފަންޑިންގްއޭ ބުނެވެނީ އިންޓަރނެޓް ބޭސްޑް ޕްލެޓްފޯމެއް މެދުވެރިކޮށް ކުޑަ އަދަދުން ފައިސާ ބޭނުންވާ ފަރާތްތައް ކުރަން ބޭނުންވާ ކަންކަމަށް ގިނަ ބަޔަކަށް ޕްރޮމޯޓުކޮށް އެމީހުންގެ އަތުން ފައިސާ ހޯދޭނެ މަގު ތަނަވަސްކޮށް ދިނުމަށެވެ. ވޯލްޑް ބޭންކުން 2013 ވަނަ އަހަރު ޝާއިއުކުރި ޝާއިޢުކުރުމެއްގައި ވާގޮތުގައި އެއްހާސް ޔޫއެސް ޑޮލަރާއި އެއްމިލިޔަން ޔޫއެސް ޑޮލަރު ކްރައުޑް ފަންޑިންގް ނިޒާމުގެ ތެރެއިން ހޯދިދާނެއެވެ. އަދި މިގޮތަށް ހޯދާ އަދަދަކީ އެފައިސާ ދޭފަރާތުން އިންވެސްޓުމަންޓެއްގެ ގޮތުގައި ނުވަތަ ހަދިޔާއެއްގެ ގޮތުގައި ދޭ އަދަދެއްކަމުގައި ވެދާނެއެވެ. ބުނެވޭގޮތުގައި ކްރައުޑް ފަންޑިންގް ވަކި ނިޒާމެއްގެ ތެރެއިން ތަޢާރަފުވެ، މަޝްހޫރުވެގެން ދިޔައީ 2008 ވަނަ އަހަރުގެ ފައިނޭންޝަލް ކްރައިސިސްއަށް ފަހު، އަލަށް ވިޔަފާރީ ފެށުމަށް އުއްމީދުކުރި ފަރާތްތަކަށް ބޮޑެތި މާލީ މުއައްސަސާތަކުން ފައިސާ ހޯދުމުގައި ދިމާވި ދަތިކަކަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.

ކްރައުޑް ފަންޑިންގް ބާވަތްތަކުގެ ތެރޭގައި ޑޮނޭޝަން ނުވަތަ ހަދިޔާއެއްގެ ގޮތުގައި ފައިސާ ދޭ ކްރައުޑްފަންޑިންގް، ރިވޯޑް ކްރައުޑް ފަންޑިންގް، ކްރައުޑްފަންޑަޑް ލެންޑިންގް އަދި އިކުއިޓީ ކްރައުޑް ފަންޑިންގް ހިމެނެއެވެ. މިގޮތުން ހަދިޔާއެއްގެ ގޮތުގައި ފައިސާ ދޭ ކްރައުޑްފަންޑިންގް ގައި ފައިސާ ދޭ ފަރާތުން ފައިސާ ދޭނީ ހަދިޔާ އެއްގެ ގޮތުގައެވެ. އެހެންކަމުން، ފައިސާ މި ޙާލަތުގައި ދިނެ ފަރާތަށް ފައިދާގެ ގޮތުގައި އަނބުރާ އެއްވެސް ފައިސާ އެއް ނުލިބުނަސް، މީހަކަށް އެހީތެރިކަން ފޯރުކޮށްދިނުމުން ލިބޭ އުފަލާއި ހިތްހަމަޖެހުން އެމީހަކަށް ލިބިގެންދާނެއެވެ.

މިސާލަކަށް މިހާރު ދިވެހިރާއްޖޭގައި އިޖްތިމާޢީ ގޮތުން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ރިވެތި ރޫހެއް ވަނީ ދިރުވާފައެވެ. ނޫސްތަކާއި މީސްމީޑިއާ މެދުވެރިކޮށް ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ފައިސާ ހޯދުމުގެ ކެމްޕެއިންތައް ކްރައުޑް ފަންޑިންގް ޕްލެޓްފޯމެއްގެ ތެރެއިން ވަކި ނިޒާމަކަށް ކުރިއަށް ގެންދެވިދާނެއެވެ. މިފަދައިން ކަންކުރުމުން، ފައިސާ ދޭން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފައިސާ ދިނުމުގެ މަގު ތަނަވަސްވެ، ނިޒާމަށް އޮންނަ އިތުބާރާއި ޔަޤީންކަން ބޮޑުވެގެންދާނެއެވެ. އަދި ވަގުތުން ވަގުތަށް ރިއަލް ޓައިމްކޮށް ކެމްޕެއިން ގެ ކާމިޔާބާއި، ނަތީޖާ ޙާސިލުވި މިންވަރާއި، އެ ޕްރޮޖެކްޓެއްގެ ކާމިޔާބު ވާހަކަ ފައިސާ ދިން ފަރާތަށް އެނގި، އެ ފަރާތްތަކަށް އޭގެން ލިބެންޖެހޭނެ އުފަލާއި ހިތްހަމަ ޖެހުން ލިބި، އިތުރަށް އެފަދަ ފަރާތްތަކަށް އެހީތެރިވުމުގައި ޝާމިލްވެއުޅުމަށް ބާރެއް ލިބިގެންދެއެވެ. ރިވޯޑް ކްރައުޑް ފަންޑިންގް އަކީ ވެސް ޑޮނޭޝަން ނުވަތަ ހަދިޔާއެއްގެ ގޮތުގައި ފައިސާ ދޭ ކްރައުޑްފަންޑިންގްއާ އެއްކަހަލަ ގޮތަކަށް މަސައްކަތްކުރާނެ ބާވަތެކެވެ.

ކްރައުޑްފަންޑަޑް ލެންޑިންގްގައި ފައިސާ ދޭފަރާތުން ފައިސާ ދޭނީ ލޯނެއްގެ ގޮތުގައެވެ. އިސްލާމީ އުޞޫލުގެ މަތިން މިފަދައިން ލޯނެއް ދޭއިރު އެ ލޯނު ދޭންވާނީ އިންޓަރެސްޓު ފްރީ ނުވަތަ ރިބާ ނުހިމެނޭ ލޯނެއްގެ ގޮތުގައެވެ. އެހެންކަމުން، ފައިސާ ދިން ފަރާތަށް މިބާވަތުގެ ކްރައުޑް ފަންޑިންގްގައި ޝާމިލުވުމުން، އެފަރާތަކުން ދިން ފައިސާގެ އަދަދު އަނބުރާ ލިބޭނެ ކަމަށް އުއްމީދުކުރެވޭނެއެވެ. އަދި ތިމާގެ ފައިސާއިން ބަޔަކަށް ފައިދާއެއް ލިބުނުގެ ތަސައްލީ ލބި، އެކަމުން ހިތްހަމަ ޖެހުމާއި އުފާ ލިބޭނެއެވެ. އިކުއިޓީ ކްރައުޑް ފަންޑިންގް އަކީ އިންވެސްޓުމަންޓެއް ގޮތަށް ފައިސޭ ދޭ ފަރާތުން ފައިސާ ދިނުމަށްފަހު، މާލީ ގޮތުން އެ ދިން ފައިސާއިން އަނބުރާ ރަނގަޅު އަދަދެއްގެ ފައިދާ ލިބޭނެ ކަމަށް ގަސްދުކޮށްގެން އެ ހަމަތަކުގެ މަތިން ބައިވެރިވާ ކްރައުޑް ފަންޑިންގެ ބާވަތެވެ. އިސްލާމީ އުޞޫލުގެ މަތިން ދެފަރާތުން ބައިވެރިވެގެން ކުރާ ވިޔަފާރީއެއްގޮތަށް މިބާވަތުގެ ކްރައުޑްފަންޑިންގް ގެ ނިޒާމު ބައްޓަން ކުރެވިދާނެއެވެ.

މިސާލަކަށް އަލަށް ހެދުން ފެހުމުގެ ވިޔަފާރީއެއް ފަށަން ބޭނުންވާ މީހަކު ބޭނުންވަނީ ފަހާފޮއްޓެއް ގަންނަން ކަމުގައިވާ ނަމަ، މި ކަމަށް ކެމްޕެއިން ހުޅުވުމުން، ފަހާފޮށި ބޭނުންކޮށްގެން ކުރާ ވިޔަފާރީގެ ފައިދާ އިސްލާމީ އުޞޫލުގެ ތެރެއިން ދެފަރާތުގެ މެދުގައި ބަހާލެވިދާނެ އުޞޫލުން މި ކަމަށް ފައިސާ ހޯދުމުގެ މަގު ތަނަވަސްކުރެވިދާނެއެވެ. ކްރައުޑް ފަންޑިންގް ގެ ނިޒާމުގައި މައިގަނޑު ތިން މަރުހަލާއެއް އޮވެއެވެ. އެއީ "ޕިޗް" ކުރުމާއި، ކެމްޕެއިން ކުރުމާއި އަދި ފަންޑިންގް މަރުހަލާއެވެ.

ޚަބަރުތަކުން އެނގޭ ގޮތުގައި، މެލޭޝިޔާގައި ހިންގާ ނުސާ ކެޕިޓަލް އަކީ ދުނިޔޭގެ އެންމެ ފުރަތަމަ ރަޖިސްޓަރީކޮށްގެން ހިންގުނު "ޕިއަރ ޓު ޕިއަރ" ކްރައުޑްފަންޑިންގް ޕްލެޓްފޯމެވެ. އެއީ 2017 ވަނަ އަހަރުގައެވެ. މި ޕްލެޓްފޯމަކީ އެތީސް ކެޕިޓަލް ކުންފުނިން ހިންގާ ޕްލެޓްފޯމެކެވެ. އަދި މި ޕްލެޓްފޯމް ވަނީ މެލޭޝިޔާގެ ކެޕިޓަލް މާރކެޓް ރެގިއުލޭޓަރު ކަމުގައިވާ ސެކިއުރިޓީޒް ކޮމިޝަންގައި ރިކޮގްނައިޒްޑް މާރކެޓް އޮޕަރޭޓަރ ލައިސަންސް ހޯދުމަށްފަހު ހަރަކާތްތެރިވާން ފަށާފައެވެ.

ސައްތަސައްތައިން މުސްލިމް ޤައުމެއްގައި، އިސްލާމިކް ކްރައުޑް ފަންޑިންގެ ގެ ނިޒާމު ޤާއިމުކޮށް އެއިން ލިބެންޖެހޭ ފައިދާ މުޖުތަމަޢަށް ހޯދުމަކީ މުހިއްމުކަމެކެވެ. ދުނިޔޭގައި، އިސްލާމިކް ކްރައުޑް ފަންޑިންގް ގެ ނިޒާމު ޤާއިމުކޮށްފައިވާއިރު، މި ދިވެހިރާއްޖޭގައި އެކަން ނުފެށެންވީ ސަބަބެއް ނެތެވެ. އޭރުން، ބޭންކުތަކުން ފައިސާ ހޯދޭނެ ތަނަވަސްކަން ނެތް ފަރާތްތަކަށް، އެފަރާތްތަކުގެ މުހުތާދުތައް ފިލުވުމަށް ފައިސާއަށް ސަލާން ނުޖަހާ، އަބުރުވެރިކަމާ އެކު ހޯދޭނެ މަގު ތަނަވަސްވެގެން ދާނެކަން ކަށަވަރެވެ. ބޭނުންވަނީ ހިތްވަރާއި، ޢަޒުމާއި، އިޚްލާސްތެރިކަމާއެކު މިކަން މި ދިވެހި ޤައުމަށް ތަޢާރަފުކޮށްދޭނެ ބަޔެކެވެ.

ނޯޓު: އެސޯސިއޭޓް ޕްރޮފެސަރ ޑރ ޢާއިޝަތު މުނީޒާ އަކީ އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ޚާއްސަވެފައިވާ، ބައިނަލް އަޤްވާމީ ފެންވަރުގައިވެސް އެދާއިރާއިން ފާހަގަކޮށްލެވޭ ފަރާތެކެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top