ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 826 މޫވްމަންޓާއެކު އެއާ ޓްރެފިކް މޫވްމަންޓްގެ އާ ރެކޯޑެއް ހަދައިފި އެވެ.

އެ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެ އެކަނި 826 މޫވްމަންޓްގެ އާ ރެކޯޑެއް ހެދިއިރު 233 ރަންވޭ މޫވްމަންޓާއި 593 ސީޕްލޭން މޫވްމަންޓް ވެސް ހިމެނޭ ކަމަށެވެ.

މީގެ ކުރިން އެއް ދުވަހާ އެންމެ ގިނަ ފްލައިޓް މޫވްމަންޓް ރެކޯޑް ހަދާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ ފަސް ވަނަ ދުވަހު އެވެ. އެއީ 811 މޫވްމަންޓްސް އެވެ.

އެއާޕޯޓުގެ ފްލައިޓް މޫވްމަންޓްތަކުގެ އާ ރެކޯޑެއް ހެދިއިރު މިދިޔަ މަހު އެކަނި ރާއްޖެއަށް 164,279 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މިދިޔަ އަހަރު ޖުމްލަ 1,321,932 ޓޫރިސްޓުން އައިސްފައިވެ އެވެ.