Advertisement

ވަރަށް ގިނަ އަކީ ކިހާ ގިނައެއްތަ؟

FacebookTwitterWhatsAppTelegramViber

ތިޔަ ފެންނަނީ ރާއްޖޭގައި ހުރި ފަރުބަދައެއްގެ ފޮޓޯއެކެވެ. ނަމަވެސް އެއީ ގުދަރަތީ ގޮތުން އުފެދިފައި ހުރި ހިލަ ފަރުބަދައެއް ނޫނެވެ.

ކުނި އަޅައިގެން މީގެ އެތައް އަހަރެއް ކުރިން ހިއްކަން ފެށި ތިލަފުއްޓަށް އުކާލާ ކުނިން އުފެދިފައި ހުރި "ކުނީގެ ފަރުބަދަ" މިހާރު ފެންނަ ގޮތް އެހެރީ އެވެ. އެއީ މާލެ އާއި މާލެ ކައިރި ރަށްތަކުން އުކާލާ ކުނިން އުފެދިފައި ހުރި ފަރުބަދަ ފަދަ ތަނެކެވެ. މި ފަރުބަދައިގެ ސަމާލުކަން މިފަހަރު ކުއްލިއަކަށް އައީ ކުނި ނައްތާލަން ސަރުކާރުން އުފައްދާފައިވާ ކުންފުނިން ފޭސްބުކް އަދި ޓުވިޓާގައި މިދިޔަ ބުރާސްފަތި ދުވަހު ޕޯސްޓްކުރި ފޮޓޯއަކާ ގުޅިގެންނެވެ.

ތިމާވެއްޓަށްދޭ ގެއްލުންތަކުން ދުނިޔެ ސަލާމަތް ކުރުމަށް ގޮވާލައި ދުނިޔޭގެ އެކި ގައުމުތަކުގައި "ގްލޯބަލް ކްލައިމެޓް ސްޓްރައިކް" ކުރަމުންދާ ދަނޑިވަޅެއްގައި ވެމްކޯ އިންކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވަނީ " ވަރަށް ގިނަ އަކީ ކިހާ ގިނައެއް ހޭ " ސުވާލުކޮށް ޕޯސްޓްކޮށްފަ އެވެ. ތިލަފުށީގައިވާ ކުނީގެ ފަރުބަދަައިގެ އުސްމިން ދައްކުވައިދޭ ފޮޓޯއާއި މާލޭގައި މިވަގުތު ހުރި އެންމެ އުސްއިމާރާތާ އަޅާކިޔާފަ އެވެ. އެގޮތުން މާލޭގައި އެންމެ އުސްއިމާރާތުގެ ގޮތުގައި ހުންނަ ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތުގެ އުސްމިނުގައި 300 ފޫޓު ހުރިއިރު، ތިލަފުށީގައި ހުންނަ ކުނި ފަރުބަދައިގެ އުސްމިނުގައި 2،100 ފޫޓު ހުރެ އެވެ.

ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ މި ޕޯސްޓާއި އެކު ވެމްކޯ އިން ބުނީ ތިލަފުށީގައި ކުނިއަޅައިގެން ހިއްކާފައިވާ ސަރަހައްދުގައި 14،000،000 ކިއުބިކް ފޫޓްގެ ކުނީގެ ގޮތުގައި އެބަހުރި ކަމަށެވެ. އަދި މީގެ އިތުރުން ކޮންމެ ދުވަހަކު 21،000 ކިއުބިކް ފޫޓްގެ ކުނި އެސަރަހައްދަށް އަޅާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ތިލަފުއްޓަށް އުކާލާ ކުންޏަށް ހައްލެއް ގެނައުމުގެ ގޮތުން ކުރިމަގުގައި ތިމާވެއްޓާއި ރައްޓެހި ގޮތްތަކަށް ކުނި ނައްތާލައި، ކުނި ނައްތާލުމުން ލިބޭގެއްލުންތައް ކުޑަކުރަން އާ ގޮތްތަކެއް ހޯދުމަށް ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ރާއްޖެ އަށް ދިން 168 މިލިއަން ޑޮލަރުގެ އެހީއާ އެކު މިހާރު ތިލަފުށީގައި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމުގެ މަޝްރޫއެއް ކުރިއަށް އެބަ ގެންދެ އެވެ. މި މަޝްރޫއުގެ ދަށުން އިންސިނެރޭޓާ ބޭނުންކޮށްގެން ތިލަފުށީގައި ކުނި ނައްތާލަން ފެށޭނެ އެވެ.

މާލެ ސަރަހައްދުގައި ކުނި އުފެދޭ މިންވަރަށް ބަލާއިރު ދުނިޔޭގެ އެހެނިހެން ސަރަހައްދުތަކާއި އަޅާބަލާއިރު 2 ނުވަތަ 3 ގުނަ އިތުރުކަން ވެސް ވެމްކޯއިން ފާހަގަކޮށްފައިވެ އެވެ. ތަރައްގީ ވެފައިވާ އެހެން ގައުމުތަކާއި އަޅާ ބަލާއިރު ރާއްޖޭގައި ދެމެހެއްޓެނިވި ގޮތަކަށް ކުނި ނައްތާލުމަށް ވެސް ގޮންޖެހުންތަކެއް ހުރިކަމަށް ވެސް ވެމްކޯއިން ބުނެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top