އެސްޓީއޯ އާއި ޔޫތު މިނިސްޓްރީ ގުޅިގެން އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފަށައިފި އެވެ.

އެސްޓީއޯ އިން ބުނީ އެ ޕްރޮގްރާމުގެ މަގްސަދަކީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލުމަށް ކަމަށެވެ. މިގޮތުން ޖުމްލަ ހަ ދާއިރާއަކުން 26 ޖާގަ އަށް ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް އެސްޓީއޯ އާއި ޔޫތު މިނިސްޓްރީއާ ދެމެދު ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ. އެ އެމްއޯޔޫގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ ޕީޕަލްސް އޮޕަރޭޝަންސް ޑިޕާޓްމެންޓްގެ ޖެނެރަލް މެނޭޖަރު މަރިޔަމް ނުޒްލާ އެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސެއިން އިސްމާއިލް އެވެ.

އެސްޓީއޯ އިން ބުނީ ހަ މަސް ދުވަހަށް ހިންގާ މި ޕްރޮގްރާމްގައި މަސައްކަތުގެ މާހައުލުގައި ބައިވެރިން މަދުވެގެން 800 ގަޑިއިރު ތަމްރީނު ކުރެވޭނެ ކަމަށެވެ. އަދި މި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 (ތިނެއް) ގެ ސެޓްފިކެޓެއް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯ އާއި ޔޫތު މިނިސްޓްރީ ގުޅިގެން އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމްއޯޔޫގައި ސޮއިކުރަނީ. ފޮޓޯ: އެސްޓީއޯ

އެސްޓީއޯ އިން ބުނީ މި ޕްރޮގްރާމްގެ ދަށުން ހިންގާ ތަމްރީން ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ("އެމްއެންއެސްޑީއޭ") ގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑާޑްސް"ތަކާ އެއްގޮތަށް ކަމަށެވެ. އަދި މި ޕްރޮގްރާމުގައި އެސްޓީއޯގެ އުސޫލްތަކާ އެއްގޮތްވާ ގޮތުގެ މަތިން އެޕްރެންޓިސްއިން ކުރާ މަސައްކަތާއި އެކަށީގެންވާ އެލަވަންސްއެއް އެސްޓީއޯއިން ހަމަޖައްސައިދެ އެވެ.

އެ ކުންފުނިން ބުނީ އެސްޓީއޯ އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާ ދެމެދު ވެވޭ މި އެމްއޯޔޫ މިއަދުން ފެށިގެން ކުރިޔަށްދާނެ ކަމަށެވެ. އަދި މި އެމްއޯޔޫގެ ދަށުން ތިން އަހަރު ދުވަހުގެ މުއްދަތަށް މިޕްރޮގްރާމް ދެމިގެންދާނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.