ސްޓޮކްގައި އެކަށީގެންވާ މިންވަރަކަށް ޕެޓްރޯލް އެބަހުރި ކަމަށާއި ތެޔޮ ވިއްކުން ކޮންޓްރޯލްކުރީ މިދުވަސްވަރު ޑިމާންޑް މާބޮޑުވުމުން ކަމަށް ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން މިއަދު ބުނެފި އެވެ.

"ހުރިހާ"އާ ވާހަކަދައްކަވަމުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވީ އެފްއެސްއެމްއަށް ޕެޓްރޯލްގެ ޑިމާންޑް ކުއްލިއަކަށް ބޮޑުވީ ތެޔޮ އެތެރެކޮށް ވިއްކާ ބައެއް އަމިއްލަ ކުންފުނިތަކުގެ ސްޓޮކް ދަށްވުމުން ކަމަށެވެ.

"އަމިއްލަ ކުންފުނިތަކުން ތެޔޮ ވިއްކާ އަގު ބޮޑުކޮށްލިޔަސް އޭގެ ޕްރެޝަރު އެފްއެސްއެމްއަށް އެބަ އާދޭ. ހަމަ އެގޮތަކަށް އެ މީހުންގެ ސްޓޮކް މަދުވެގެން ކޮންޓްރޯލްކުރުމުން ވެސް އެ ޑިމާންޑް އެބަ އާދޭ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ މިދިޔަ މަހު ލަފާކުރި މިންވަރަށް ވުރެ 41 ޕަސެންޓް އިތުރަށް އެ ކުންފުނިން ޕެޓްރޯލް ވިއްކި ކަމަށެވެ.

"އަޅުގަނޑުމެން ވެސް ތެޔޮ ގެންނަނީ ވިކޭ މިންވަރަކަށް ލަފާކޮށްގެން. ނަމަވެސް އާ އަހަރާއި ޗުއްޓީ ބަންދާ ދިމާވުމުން ދަތުރުތައް ވަރަށް ގިނަ ވެއްޖެ. އެއާއެކު ތެލުގެ ޑިމާންޑް އިންތިހާއަށް ބޮޑުވެގެން ދިޔައީ،" ގަސަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނިން އަބަދުވެސް ތެޔޮ ހޯސޭލްކޮށް ރަށްރަށަށް ވިއްކަނީ ލިމިޓްކޮށްގެން ކަމަށެވެ. ނަމަވެސް ތެޔޮ އެތެރެކޮށް ވިއްކާ ހޯކްސްގެ ޝިޕްމަންޓް އަންނަ ހުކުރު ދުވަހު ރާއްޖެ އަންނާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ގަސަމް ވިދާޅުވި އެވެ.

"ހޯކްސް ޝިޕްމަންޓެއް ލިބުނީމަ ޑިމާންޑް ކުޑަވާނެ. އަދި ވިލާގެ ޝިޕްމަންޓް ވެސް އައިސް ހުރި ކަމަށް މައުލޫމާތު ލިބިފައި ވަނީ،" އޭނާ ވިދާޅުވި އެވެ.

ގަސަމް ވިދާޅުވީ އެ ކުންފުނީގެ ސްޓޮކްގައި ތެޔޮ ނެތިގެން ކަންބޮޑުވާ ދަރަޖައަކަށް ނުދާ ކަމަށެވެ. އަދި އެސްޓީއޯ އިން ގެންނަ ޝިޕްމަންޓް ވެސް ވަރަށް އަވަހަށް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިގެންދަނީ މާލެ އާއި އަތޮޅުތަކުގެ ޝެޑްތަކުން އެއްވެސް ކޮންޓްރޯލެއް ނެތި ތެޔޮ ވިއްކަމުން. ކޮންޓްރޯލް މި ގެންގުޅެނީ ބަލްކްކޮށް އެއް ފަހަރާ ގިނަ އަދަދަކަށް ގަންނަ ފަރާތްތަކަށް އެކަނި،" ގަސަމް ވިދާޅުވި އެވެ.