ބަހްރެއިންގެ ގައުމީ އެއާލައިން، ގަލްފް އެއާގެ ދަތުރުތައް އަންނަ މަހު އަލުން ރާއްޖެ އަށް ފެށުމަށް ނިންމައިފި އެވެ.

ގަލްފް އެއާ އިން ބުނީ، ޑިސެމްބަރު 12 ވަނަ ދުވަހުން ފެށިގެން ހަފްތާ އަކު ދެ ދަތުރު ރާއްޖެ އަށް ކުރާނެ ކަމަށެވެ.

މި ދަތުރުތަކުގައި ބޭނުންކުރާނީ، އެ އެއާލައިނުން އެންމެ ފަހުން ގެނައި އެއާބަސް އޭ321 ނިއޯ އެލްއާރު މަރުކާގެ ބޯޓެވެ. މި ބޯޓުގައި، 150 އިކޮނޮމީ ކްލާސް ސީޓު އަދި 16 ބިޒްނަސް ކްލާސް ސީޓު ހުންނާނެ އެވެ.

ގަލްފް އެއާ އިން އެންމެ ފުރަތަމަ ރާއްޖެ އަށް ދަތުރުތައް ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އޭގެ ފަހުން، ކޮވިޑް-19 އާ ގުޅިގެން ދަތުރުތައް މެދުކަނޑާލުމާ ހަމަ އަށް އެ އެއާލައިނުން ހަފްތާ އަކު ފަސް ދަތުރު ރާއްޖެ އަށް ކުރި އެވެ.

ރާއްޖޭގެ ބޯޑަރު ޖުލައި 15 ގައި އަލުން ހުޅުވާލުމާ އެކު، ރާއްޖެ އަށް ދަތުރުކުރާ އެއާލައިންތަކުގެ އަދަދު ވަނީ އިތުވެފަ އެވެ. އެގޮތުން މިހާރު ރާއްޖެ އަށް ދަތުރުކުރާ އެއާލައިންތަކުގެ ތެރޭގައި، ގަތަރު އެއާވޭސް، އެމިރޭޓްސް، އިއްތިހާދު އެއާވޭސް، ފްލައި ދުބާއީ، ޓާކިޝް އެއާލައިންސް، ސްރީ ލަންކަން އެއާލައިންސް، ބްރިޓިޝް އެއާވޭސް، އެއިރޯފްލޯޓް އަދި އަޒުރް އެއާ ހިމެނެ އެވެ.

މިދިޔަ އޮކްޓޯބަރު މަހު ރާއްޖެ އަށް 21،309 ޓޫރިސްޓުން އައިސްފައިވެ އެވެ.