Advertisement

އިސްލާމިކް ކްރެޑިޓް ކާޑެއް ނުލިބޭނެތަ؟

FacebookTwitterWhatsAppTelegramViber

މާލީ ބޭނުންތައް ފުއްދުމަށްޓަކައި ކްރެޑިޓް ކާޑަކީ އޭގެ ބޭނުން ވަރަށް ގިނަ ފަރާތްތަކުން ހިފާ އެއްޗެކެވެ. ރާއްޖޭގެ ކޮންވެންޝަނަލް ބޭންކުތަކުން އިސްލާމިކް ކްރެޑިޓް ކާޑުގެ ޚިދުމަތްތައް ދެމުން އައި ނަމަވެސް، އަދިވެސް އިސްލާމިކް ކްރެޑިޓް ކާޑުގެ ޚިދުމަތްތައް ތަޢާރަފުކުރެވިފައި ނުވުމަކީ، އެކަމާ ގިނަ ބަޔަކު ކަންބޮޑުވާ، އަދި އެއީ އިސްލާމިކް ބޭންކަކުން ނުލިބޭނެ ޚިދުމަތެކޭ މިވަނީ ދެކެން ފަށާފައެވެ. އެހެންކަމުން، މިއަދުގެ މައުޟޫ ޚާއްސަކޮށްލަން ގަސްދުކުރަނީ އިސްލާމިކް ކްރެޑިޓް ކާޑާ ގުޅޭ ގޮތުންނެވެ.

ކްރެޑިޓް ކާޑަކީ އޭގެ ޒާތުގައި ވެސް ބައެއް މީހުންގެ މެދުގައި ޚިޔާލު ތަފާތުވާ ޚިދުމަތެކެވެ. ބައެއް މީހުންގެ ނަޒަރުގައި ކްރެޑިޓް ކާޑަކީ އެއްވެސް ފައިދާއެއް ނެތް، ތިމާގެ އަތުގައި ނެތް ވަރުން ހޭދަކޮށް، މީހާ ބަގުރޫޓުކޮށްލުމަށް ބޭންކުތަކުން ޖަހާ މަޅިއެކެވެ. އަނެއްބައި މީހުން ދެކޭ ގޮތުގައި ކްރެޑިޓް ކާޑަކީ އޭގެ ބޭނުން ހިފަން މަޖުބޫރުވާ ފަދަ އެއްޗެކެވެ. ސަބަބަކަށްވަނީ ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތަކަށް އަގު ހެޔޮކޮށް އޮންލައިންކޮށް ޓިކެޓު ގަތުމަށާއި އަދި ދަރިން ބޭރުގެ ޔުނިވަރސިޓީތަކުގައި ކިޔަވަމުންދާނަމަ، ޓިޔުޝަން ފީ ދެއްކުން ފަދަ "ޟަރޫރީ" ކަންކަމަށް ކޮންމެހެންވެސް ކްރެޑިޓް ކާޑެއް ބޭނުންވާތީއެވެ. އަދި ކުއްލިޔަކަށް ކަމެއް ދިމާވާ ހިނދު، ސޭވިންގްސް ނުވަތަ ފައިސާ ފަހަށް ރައްކާކުރެވިފައިވާ ނެތް ހާލަތުގައި، މިފަދަ ހާލަތެއްގައި ދިމާވާ ޟަރޫރީ ބޭނުންތައް ސަލާން ނުޖަހައި ފުއްދުމަށްޓަކައި ކްރެޑިޓް ކާޑުގެ ބޭނުން ބޮޑުކަމުގައި ބައެއް ފަރާތްތަކުން ދެކެއެވެ. އެހެންކަމުން، ކްރެޑިޓް ކާޑެއް ތަޢާރަފުކުރުމުގެ މާނައަކީ ދަރަންޏަށް ފައިސާ ނަގައިގެން، ތިމާގެ އަތުގައި ނެތް ފެންވަރުން ދިރިއުޅުމުގެ ޚަރަދުތައް ހަމަޖައްސަން އުޅުމޭ ބުނާ ބުނުން މުޅިއަކުން ރަނގަޅެއް ނޫނެވެ. ބޭންކަކުން ދޭ އެހެނިހެން ޚިދުމަތްތައްހެން، ކްރެޑިޓް ކާޑުގެ ޚިދުމަތަކީވެސް، ރައްޔިތުންގެ ތެރެއިން އެފަދަ ޚިދުމަތެއް ހޯދަން ބޭނުންވާ ފަރާތަކަށް ލިބެންޖެހޭ ބޭނުންތެރި އަދި މުހިއްމު ޚިދުމަތެކެވެ.

އިސްލާމިކް ކްރެޑިޓް ކާޑުގެ ޚިދުމަތް އިސްލާމިކް ބޭންކަކުން ފޯރުކޮށްދޭއިރު، އެ ބޭންކަކުން އެ މުއާމަލާތް ބައްޓަންކުރަންވާނީ ޝަރީޢާ ހުއްދަކުރާ ގަނެވިއްކުމުގެ ނުވަތަ ވިޔަފާރީ ކޮންޓްރެކްޓެއް ނުވަތަ ކޮންޓްރެކްޓުތަކެއްގެ މައްޗަށް ބިނާކޮށްވެ. މީގެ މާނައަކީ، ކޮންވެންޝަނަލް ކްރެޑިޓް ކާޑު ފަދައިން ލޯނުގެ ގުޅުމެއްގެ މައްޗަށް ބިނާކޮށް ސިމްޕަލް އިންޓަރެސްޓާއި ކޮމްޕައުންޑު އިންޓަރެސްޓު ނަގާ ގޮތަށް، މި މުޢާމަލާތް ބައްޓަމެއް ނުކުރެވޭނެއެވެ. ޝަރީޢާ ގަވަރނެންސަށް ފުރިހަމައަށް ތަބާވެ، އިސްލާމިކް ކްރެޑިޓް ކާޑަކީ ޝަރުޢީ ގޮތުން ހުއްދަގޮތަކަށް ފަރުމާ ކުރެވިފައިވާ ޕްރޮޑަކްޓެއްކަން ކަސްޓަމަރުންނަށް ޔަޤީންކޮށްދޭން ޖެހޭނެއެވެ.

ދުނިޔޭގެ އެކި އެކި އިސްލާމިކް ބޭންކުތަކުން ވަނީ އިސްލާމިކް ކްރެޑިޓް ކާޑުގެ ޚިދުމަތް ކަސްޓަމަރުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައެވެ. މީގެ އެއް މިސާލަކީ 19 މެއި 2010 ގައި ޑުބާއީ އިސްލާމިކް ބޭންކުން ވަނީ "އަލް އިސްލާމީ ސަލަމް ފައިނޭންސް" ގެ ނަމުގައި އަމިއްލަ ބޭނުންތައް ފުއްދުމަށްޓަކައި އައު ޕްރޮޑަކްޓެއްގެ ޚިދުމަތް ފަށާފައެވެ. މި ޕްރޮޑަކްޓު ބިނާކޮށްފައިވަނީ ޝަރީޢާ ހުއްދަކުރާ ގަނެވިއްކުމުގެ މުޢާމަލާތެއްކަމުގައިވާ "ސަލަމް" ނުވަތަ ފޯވަޑް ސޭލް ގެ މުޢާމަލާތުގެ މައްޗަށް ބިނާކޮށްފައެވެ. ސަލަމް ކޮންޓްރެކްޓަކީ، މުދަލަކަށް އޯޑަރުކުރުމަށްފަހު އެ މުދަލުގެ އަގު ދައްކާ އެކީ މިއަދު ޚާލިސްކުރުމަށްފަހު، އެ މުދާ މުސްތަޤްބަލުގެ ތާރީޚެއްގައި އެ ވިއްކި ފަރާތުން ގަންނަ ފަރާތަށް ފޯރުކޮށްދޭން ޝަރީޢާގެ ހަމަތަކާއެއްގޮތްވާ ގޮތުގެ މަތިން އެއްބަސްވާ އެއްބަސްވުމެކެވެ. މިގޮތުން ދުބާއީ އިސްލާމިކް ބޭންކުން ކަސްޓަމަރު މުސްތަޤްބަލުގެ ތާރީޚެއްގައި ސަލަމްގެ ދަށުން ވިއްކާ މުދާ ފޯރުކޮށްދޭން އެއްބަސްވުމުން، ސަލަމްގެ އަގުގެ ގޮތުގައި އެ މުދަލެއްގެ ޖުމުލަ އަގު ކަސްޓަމަރަށް އަދާކުރެއެވެ. މީގެ ސަބަބުން ކަސްޓަމަރަށް މުދަލުގެ އަގުގެ ގޮތުގައި ލިބޭ ފައިސާއިން މުހުތާދުތައް ދަރަނިވެރި ނުވެ، ޙަޤީޤީ ވިޔަފާރީއެއްގައި ޝާމިލުވެގެން ހޯދުމުގެ މަގު ތަނަވަސްވެގެންދެއެވެ. މި ޕްރޮޑަކްޓުވަނީ ޔޫއޭއީ އިސްލާމިކް ފައިނޭންޝަލް އިންސްޓިޓިޔުޝަންސް ގެ ޔުނައިޓަޑް ޝަރީޢާ ކޮމިޓީ އޮފް ޔޫއޭއީ އިންވެސް ޝަރީޢާ ހުއްދަކަމަށް ބަލައިގެންފައެވެ.

ދުނިޔޭގެ އެކި އެކި އިސްލާމިކް ބޭންކުތަކުން އިސްލާމިކް ކްރެޑިޓް ކާޑުގެ ޚިދުމަތް ކަސްޓަމަރުންނަށް ދެމުން އަންނައިރު، ރާއްޖޭގައި މިފަދަ ޚިދުމަތެއް ތަޢާރަފު ކުރުމަކީ ޔަޤީނުންވެސް ކުރެވޭނެ ކަމެކެވެ. ޒަމާނުއްސުރެ، ކޮންވެންޝަނަލް ކްރެޑިޓް ކާޑު ބޭނުންކުރާ ފަރާތްތަކަށް، އިސްލާމީ އުޞޫލުގެ ތެރެއިން ފަރުމާކުރެވިފައިވާ ކްރެޑިޓް ކާޑުގެ ޚިދުމަތެއް ލިބިއްޖެނަމަ، ހަމަ ގައިމުވެސް އެއީ ރިބާ އާ ނުލައި މާލީ މުޢާމަލާތްތައްކޮށް މުހުތާދުތައް ފުއްދުމުގައި ލިބޭނެ ކުރިއެރުމަކަށެވެ. މިކަމަށްޓަކައި ބޭނުންވަނީ، މޯލްޑިވްސް އިސްލާމިކް ބޭންކާއި އަދި ބީއެމްއެލް އިސްލާމިކްއިން ދިވެހި ރައްޔިތުންނަށްޓަކައި މިކަން ކޮށްދިނުމެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top