ކޮވިޑް-19 ހަލުވިކަމާއެކު ރާއްޖޭގައި ފެތުރެމުންދާތީ، މަސް ކިރާ އެންމެ ބޮޑު ކާރުހާނާ ހިންގާ ގއ. ކޫއްޑޫގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފި އެވެ.

ކޫއްޑޫގެ ފިޝަރީޒް ކޮމްޕްލެކްސް އިން މަސްވެރިންނަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ މިދުވަސްވަރު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަތިވެފައިވާތީ، ރައްކާތެރި ފިޔަވަޅުތައް ވަރުގަދަކުރުމަށް އެ ކޮމްޕްލެކްސް އިން ނިންމާފައިވާ ކަމަށެވެ.

މަސް ކިރުމަށް އެރަށަށް ދާއިރު، އެކަން ކުރުމުގައި ބައެއް ކަންތައްތަކަށް ސަމާލުވުމަށް އެ ކޮމްޕްލެކްސް އިން ވަނީ އެދިފަ އެވެ.

އެގޮތުން މަސް ކިރަން ބޯޓަށް ނުވަތަ އެރަށަށް އަރާ މަސްވެރިން މާސްކު އަޅައިގެން ތިބުމަށް އެކޮމްޕްލެކްސް އިން ވަނީ ބުނެފަ އެވެ. އަދި މަސް ކިރަން ކޮންމެ ބޯޓަކަށް ވެސް އެރޭނީ ދެ މަސްވެރިންނަށް ކަމަށާއި، ވިޔަފާރިކުރަން ފިހާރަތަކަށް ދެވޭނީ ދޯންޏަކުން އެކަކު ކަމަށާއި، ވޯކްޝޮޕްގެ ހިދުމަތްތައް ވެސް ދެވޭނީ އެކަކަށް ކަމަށް އެ ކޮމްޕްލެކްސްއިން ވަނީ ބުނެފަ އެވެ.

ކޮވިޑު ފެތުރުނަ ނުދީ ހިފެހެއްޓުމަށްޓަކައި މި ފިޔަވަޅުތަކަށް ރައްކާތެރިވުމަށް އެ ކޮމްޕްލެކްސްއިން ވަނީ އާންމުންނާއި، މަސްވެރިންގެ އެއްބާރުލުމަށް އެދިފަ އެވެ. އަދި މިފަދަ ކަންކަމުގައި އާންމުގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އެކޮމްޕްލެކްސް އިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.