ގދ. ތިނަދޫގައި އިންޑަސްޓްރިއަލް ޒޯނެއް ގާއިމުކުރަން ބިން ހިއްކައި އެއްގަމު ތޮށިލުމުގެ ބޮޑު މަޝްރޫއެއް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް، ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗާއިން ބުނީ 125.2 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 219،595 އަކަމީޓަރުގެ ސަރަހައްދެއްގައި ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 1،336 މީޓަރުގެ ސަރަހައްދަކާއި، ހުޅަނގު ދެކުނު ފަރާތުގައި 468 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން 284 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، އެއް ކޮންކްރީޓް ބްރިޖު އެޅުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށް އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް އަހުމަދު ތޮލްހަތު އެވެ. އަދި އެމްޓީސީސީގެ ފަރާރުން ސޮއިކުރެއްވީ އެކުންފުނީގެ ޗީޕް އެގްޒެކެޓިވް އޮފިސާ އާދަމް އާޒިމް އެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫއު ނިންމުމަށް ހަވާލުކޮށްފައިވަނީ 660 ދުވަސްތެރޭގައި ނިންމުމަށެވެ.