ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޅ. ކުރެންދޫގައި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ތައާރަފްކޮށްފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މިއަދު ބުނީ މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ އިންވެސްޓްމަންޓްގެ ދަށުން ގާއިމުކުރި މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

އެ ބޭންކުން އަންނަނީ ޅ. ނައިފަރުގައި ބްރާންޗާއި ސެލްފް ސާވިސް ބޭންކިން ސެންޓަރު މެދުވެރިކޮށް ޚިދުމަތް ދެމުންނެވެ. މީގެ އިތުރުން ހިންނަވަރުގައި ވެސް ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.

ބީއެމްއެލް އިން ޅ. ކުރެންދޫގައި ގާއިމުކުރި ސެލްފް ސާވިސް ބޭންކިން ސެންޓަރުގެ އޭޓީއެމް އިން މީހަކު ފައިސާ ނަގަނީ. ފޮޓޯ: ބީއެމްއެލް

ބީއެމްއެލް ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ ބޭންކިން ހިދުމަތް ތައާރަފްކޮށް ކުރެންދޫގެ ރައްޔިތުންނަށް ބޭންކިންގެ ހިދުމަތް ފޯރުކޮށްދެވޭކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އެހެން ރަށަކަށް ދަތުރުކުރަން ނުޖެހި ބޭންކިން ޚިދުމަތް ހޯދުމަށް އިތުރު ލުއި ފަސޭހަކަމެއް ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 77 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 135 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.