މަޖީދީމަގުގައި ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ސޯސަންމަގުގައި ކުރީގެ ނާދީ ހުރި ބިމުގައި ލަގްޒަރީ ފްލެޓް އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު ހެދި އެއްބަސްވުން، ކުރީގެ ސަރުކާރުން އުވާލުމުން އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި، އެ ދެ ބިމާއި ޅ. ޅޮއްސަލަފުށި އަލުން ދޭން ސަރުކާރުން ނިންމައިފި އެވެ.

ޓާޓާ ކުންފުންޏާ އެކު ހެދި އެއްބަސްވުން ބާތިލްކުރުމުން 200 މިލިއަން ރުފިޔާ (ތިން ބިލިއަން ރުފިޔާ) ހޯދުމަށް އެ ކުންފުނިން އާބިޓްރޭޝަނަށް ހުށަހެޅި އެވެ. ނަމަވެސް އެ މައްސަލަ އާބިޓްރޭޝަންގައި ހިނގަމުންދަނިކޮށް އެއްބަސްވުން އުވާލީ ކީއްވެގެން ކަމެއް ޕްލޭނިން މިނިސްޓްރީން ނުބުނެ އެވެ.

"މި ހަފްތާގެ ތެރޭގައި އަލުން ސޮއިކުރާނަން ރިވައިސްޑް އެގްރިމެންޓްގައި،" ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރުން ޓާޓާ ކުންފުންޏާ އެކު ހެދި އެއްބަސްވުމުގެ ދަށުން ކުރީގެ ގާކޮއްޓާއި އަރަބިއްޔާގައި ސޯޝަލް ހައުސިންގެ 280 ފްލެޓު އެޅި އެވެ. އޭގެ ބަދަލެއްގެ ގޮތުން މަތީ ފެންވަރުގެ ފްލެޓް އަޅައި ވިއްކަން އެ ކުންފުންޏަށް ދިނީ އޯޑިއޯން އާއި ނާދީ ހުރި ބިމެވެ. އެއްބަސްވުމުގެ ދަށުން، ރިސޯޓެއް ހަދަން ޅ. ޅޮއްސަލަފުށި ވެސް ޓާޓާ އަށް ދިނެވެ.

އެކަމަކު މަސައްކަތް ފަށަން ދިން މުއްދަތުގައި އެކަން ކުރިއަށް ނުދިޔަ ކަމަށް ބުނެ އެއްބަސްވުން ބާތިލުކުރަން ނިންމީ ކުރީގެ ވެރިކަމުގައި 2017 ވަނަ އަހަރު އެވެ. އަލުން އެއްބަސްވުމުގައި ސޮއިކުރަނީ އެ ހުރިހާ ތަނެއް ދޭ ގޮތަށެވެ. އަދި އެތަނުގައި ސުޕްރީމް ކޯޓުގެ އިމާރާތް އަޅަން ވެސް ކުރީގެ ސަރުކާރުން ނިންމި އެވެ.

ގެއްލުމުގެ ގޮތުގައި ބޮޑު ބަދަލެއް ދޭން ޖެހިދާނެތީ ޔާމީންގެ ވެރިކަމުގައި ވެސް ޓާޓާ އަށް ލަގްޒަރީ ފްލެޓް އަޅަން ކުރީގެ ކުނިކޮށިން ގާތްގަނޑަކަށް 10،000 އަކަފޫޓުގެ ބިމާއި ނާދީ ހުރި ތަން އަދި ރިސޯޓު ހަދަން ރަށެއް ވެސް ދޭން ނިންމައި، އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ލަފާ ހޯދަން ވެސް ފޮނުވި އެވެ.

އެ އެއްބަސްވުން ކުރިން އެކުލަވާލީ ވެސް، ހައުސިންގެ އޭރުގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ނަޒީމް ވިދާޅުވި ގޮތުގައި ޓާޓާ ކުންފުނިން ހަދާ ތަންތަނުން ސަރުކާރަށް ވަކި މިންވަރަކަށް އެޕާޓްމަންޓް ދޭން ޖެހޭ ގޮތަށެވެ.

ނަމަވެސް އެ މަސައްކަތެއް އޭރު ކުރިއަކަށް ނުދިޔަ އެވެ.