ސްޓެލްކޯގެ މިޑްލް މެނޭޖްމަންޓަށް ހާއްސަކޮށްގެން ކުރިޔަށް ގެންދިޔަ މެނޭޖީރިއަލް ޓްރެއިނިން ނިންމި ބައިވެރިންނަށް މިއަދު ސެޓިފިކެޓް ދީފި އެވެ.

ސްޓެލްކޯއިން ބުނީ މި ޓްރެއިނިން ޕްރޮގްރާމްގައި ލީޑަޝިޕް ސްކިލްސް އާއި ޕީޕަލްސް ސްކިލްސް އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ސްކިލްސް ކިޔަވައިދީފައިވާ ކަމަށެވެ. މިޕްރޮގުރާމްގައި ތިން ބެޗަކަށް ބަހާލައިގެން ކުރިއަށް ގެންދިޔައިރު 45 މިޑްލް މެނޭޖްމަންޓްގެ މުވައްޒަފަކު ބައިވެރިވެފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

މި ޓްރެއިނިންއަކީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީގެ ވަރަށް ބޮޑު އިސްނެންގެވުމަކާއެކު، ކުރިޔަށް ގެންދިޔަ ޓްރެއިނިން އެއްކަން އެކުންފުނިން ފާހަގަކުރެ އެވެ.

މިއީ ސްޓެލްކޯގެ ތާރީހުގައި ވެސް އެ ކުންފުނީގެ ކުރިމަގު ބައްޓަން ކުރުމަށްޓައި، ކުރިޔަށް އޮތް ތަނުގައި ސްޓެލްކޯގެ އިސް މަގާމުތަކާއި ހަވާލުވާން ތިބި ފަރާތްތަކަށް ދެވުނު ފުރަތަމަ ޓްރެއިނިންކަން ސްޓެލްކޯ އިން ވަނީ ފާހަގަކޮށްފަ އެވެ. މީގެ ކުރިން މިފަދަ ތަމްރީނުތައް ދެވިފައި ވަނީ ސީނިއާ މެނޭޖްމަންޓަށް އެކަންޏެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި މެނޭޖިން ޑިރެކްޓަރު މުޣުނީ ވިދާޅުވީ، މި ޕްރޮގްރާމަކީ މިފަދަ އެހެން ޕްރޮގްރާމްތަކެއްގެ ވެސް ފެށުން ކަމަށާއި، ކުރިއަށްއޮތް ތަނުގައި މިފަދަ އެހެން ޕްރޮގްރާމްތައް ވެސް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

މި ޓްރެއިނިންއާއެކު، ސްޓެލްކޯ ކުރިޔަށްދާ ސްޕީޑާ އެއްވަރަށް އެ ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓެއްގެ ހިންގުން ވެސް އިތުރަށް ހަރުދަނާވެ، ވަރުގަދަވެގެންދާނެ ކަމަށާއި، މީގެ އިތުރުން މާހައުލާއި، މުޖުތަމައުއަށް އަންނަ ބަދަލާއެކު، އާންމުންގެ އުމްމީދުތަކާ އެއްވަރަށް ހިދުމަތް ދެވޭނެ ވަރުގަދަ ލީޑަޝިޕެއް ތައްޔާރު ކުރެވިގެންދާނެ ކަމަށް ވެސް މުޣްނީ ވިދާޅުވި އެވެ.

"މިފަދަ ޓްރެއިނިންގ ތަކާއެކު، ކުންފުނީގައި ކުރީގައި ހުރި ސަގާފަތްތައް ބަދަލުވެގެން އަންނަ އިރު، ކުންފުނީގެ މުވައްޒަފުންނަކީ މަސައްކަތްތެރި، ތެދުވެރި، އަދި އަހުލާގު ރަނގަޅު ބަޔަކަށް ހެދިގެންދާނެ. އަދި ދަށުން މަސައްކަތް ކުރާ މުވައްޒަފުން އިތުރަށް މޮޓިވޭޓް ކުރުމުގެ ހުނަރުތައް ވެސް ދަސްވެގެންދާނެ،" މުޣުނީ ވިދާޅުވި އެވެ.

މީގެ އިތުރުން ކުންފުނިން ކަނޑައަޅާ މިންގަނޑުތަކާއި، ޓައިމްލައިންތަކަށް މަސައްކަތްތައް ނިންމުމުގެ މުހިއްމު ކަމާއި، އެކަންކަމާއި ގުޅުންހުރި ހުނަރުތައް ވެސް ދަސްކޮށްދެވިފައި ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މިއީ މިކުންފުނީގެ ލީޑަޝިޕް ސަކްސެޝަން ޕްލޭންގެ ދަށުން ނެކްސްޓް ޖެނެރޭޝަން އޮފް ލީޑާސް ތަމްރީނު ކުރުމަށް ހިންގި ޕްރޮގްރާމެއް. ކުރިއަށް އޮތްތަނުގައި ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންގެ ގޮތުގައި މަސައްކަތްކުރަންތިބި ފަރާތްތަކަށް މިފަދަ އިތުރު ޓްރެއިނިންތަކެއް ދެވި، ކުންފުނީގެ ވިޝަން އާއި، މިޝަންއާ އެއްގޮތަށް މަސައްކަތްތައް ބައްޓަންކޮށް، ރައްޔިތުންނަށް މިހާރަށް ވުރެ ވެސް ރަނގަޅު ހިދުމަތްތަކެއް ދެވިގެންދާނެ ކަން ކަށަވަރު ކުރެވިގެންދާނެ ކަމަށް،" ސްޓެލްކޯގެ އެމްޑީ ވިދާޅުވި އެވެ.

ސްޓެލްކޯގެ މިޑްލް މެނޭޖްމަންޓަށް ހާއްސަކޮށްގެން ކުރިޔަށް ގެންދިޔަ މެނޭޖީރިއަލް ޓްރެއިނިންގ ނިންމި ބައިވެރިން ފޮޓޯއަކަށް ހުއްޓިގެން.. ފޮޓޯ:ސްޓެލްކޯ

މި ޓްރެއިންގެ ބައިވެރިންގެ ފަރާތުން ވާހަކަދެއްކެވި ސީނިއާ މެނޭޖަރު އަލީ މުޖުތަބާ މުހައްމަދު ވިދާޅުވީ، ކުންފުނީގައި ހޭދަވި 20 އަހަރުގެ ތެރޭގައި ވެސް މިއީ މިފަދަ ތަފާތު ތަމްރީނު ޕްރޮގްރާމެއް ހިންގި ފުރަތަމަ ފަހަރު ކަމަށާއި، މި ޕްރޮގްރާމްގެ އެންމެ ހާއްސަ އެއްކަމަކީ މަސައްކަތުގެ މާހައުލުގައި ދިމާވާ އުނދަގޫ ހާލަތްތަކުގައި އަމަލު ކުރާނެ ގޮތްތައް ދަސްވެގެންދިޔަ ދިއުން ކަމަށެވެ. އަދި މިފަދަ ފުރިހަމަ ޕްރޮގްރާމެއް ކުރިޔަށް ގެންދެވި ކަމަށްޓަކައި، މެނޭޖިން ޑިރެކްޓަރާއި، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.