ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އެއާ ޓްރެފިކް މޫވްމަންޓް މިދިޔަ މަހު 1،148 އަށް އިތުރުވެއްޖެ އެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) މިއަދު ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ބައިނަލްއަގުވާމީ 640 މޫވްމަންޓާއި އެތެރޭގެ އުދުހުންތަކުގެ 508 މޫވްމަންޓް ރެކޯޑްކޮށްފައިވެ އެވެ.

އޭގެ އިތުރުން މިދިޔަ މަހު ބޭރުން އައި ފްލައިޓްތަކުން 25،520 މީހުން އައިސްފައިވެ އެވެ. އަދި 22،828 މީހުން ފުރާފައިވެ އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޑޮމެސްޓިކް ދަތުރުގައި މިދިޔަ މަހު 6،416 މީހުން އައިސްފައިވެ އެވެ. އަދި 6،284 މީހުން އެ އެއާޕޯޓުން ފުރާފައިވެ އެވެ.

އެ ކުންފުނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހު އެ އެއާޕޯޓުން ރިކޯޑުކޮށްފައި ވަނީ 730 މޫވްމަންޓެވެ. އެއީ ބައިންއަގުވާމީ 426 މޫވްމަންޓާއި އެތެރޭގެ އުދުހުންތަކުގެ 304 މޫވްމަންޓެވެ. އޮގަސްޓު މަހު އެ އެއާޕޯޓުން ވަނީ 758 މޫވްމަންޓު ރެކޯޑުކޮށްފަ އެވެ.