ދެ އަހަރެއްހާ ދުވަހު ބަންދު ކޮށްފައި އޮތުމަށް ފަހު، އައްޑޫ ހެރެތެރެގައި ހިންގި ކެނެރީފް ރިސޯޓް އަލުން ހުޅުވައިފި އެވެ.

މިއީ އައްޑޫގައި އެންމެ ގިނަ އެނދު ހުރި ރިސޯޓެވެ. އެ ރިސޯޓްގައި 271 ކޮޓަރި ހުންނައިރު، އަލުން ހުޅުވީ އެ ރިސޯޓުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަ އެވެ. އެއީ ރިސެޕްޝަން އޭރިއާގެ އިރުމަތީ ފަރާތަށްވާ ބައިގައި ހުންނަ 142 ކޮޓަރި އެވެ. އޭގެ ތެރެއިން 140 ކޮޓަރީގެ އެލޮޓްމަންޓެއް، ކެނެރީފްގެ ޕާޓްނަރު، ރިސޯޓް ލައިފް ޓްރެވަލްސްއަށް ވަނީ ދީފަ އެވެ.

ކެނެރީފް ރިސޯޓު އަލުން ހުޅުވުމުގައި އެހީތެރިކަން ފޯރުކޮށްދިން މީހުންނަށް އެ ރިސޯޓުން ވަނީ ހާއްސަ ޝުކުރެއް ރައްދު ކޮށްފަ އެވެ.

ސިންގަޕޫރުގެ ކުންފުންޏަކުން ހެރެތެރޭގައި ހިންގާ ކެނެރީފް ރިސޯޓަކީ ގާތްގަނޑަކަށް 4.5 ކިލޯމީޓަރުގެ ރަށެކެވެ. މާލީ ދަތިތަކަކާ ގުޅިގެން ކެނަރީފް ބަންދުކުރީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.

ކެނެރީފް ރިސޯޓު. މިއީ އައްޑޫގައި އެންމެ ގިނަ އެނދު ހުންނަ ރިސޯޓް

ކޮވިޑާ ގުޅިގެން އައްޑޫގައި ބަންދުކުރި މަތީ ފަންތީގެ އަނެއް ރިސޯޓް ކަމަށްވާ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ އަދިވެސް އޮތީ ބަންދުކޮށްފަ އެވެ.

ކެނަރީފާއި ޝަންގްރިއްލާ، ކޮވިޑާ ހެދި ބަންދުކުރި ނަމަވެސް އައްޑޫގައި ތިން ވަނަ އަށް ތަރައްގީކޮށް 2018 ގައި އޮޕަރޭޝަނަށް ގެނައި ސައުތު ޕާމް އަންނަނީ މެދުކެނޑުމެއް ނެތި ހިންގަމުންނެވެ.