ޅ. މަޑިވަރުގައި ކުރެންދޫ ހޯލްޑިންގެ ފަރާތުން ތަރައްގީ ކޮށްފައިވާ މަޑިވަރު އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.

މަޑިވަރު އެއާޕޯޓު ހިންގައި ބެލެހެއްޓުމަށް އިއްޔެ އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފައިވާއިރު، މިކަމަށް، އެ ކުންފުންޏާއި ކުރެންދޫ ހޯލްޑިން ލިމިޓެޑާއި މެދުގައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުމާއެކު މަޑިވަރު އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް އެކުންފުންޏާއި ކުރެންދޫ ހޯލްޑިން ލިމިޓެޑާ ގުޅިގެން ފަށާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފަ އެވެ.

އެ ކުންފުނިން އިތުރަށް ބުނީ އެއާޕޯޓު ހުޅުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިމުމާއެކު މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފެބްރުއަރީ މަހު ފެށުމަށް ނިންމާފައިވާ ކަމަށެވެ.

އައިލެންޑް އޭވިއޭޝަނުން ދަނީ މަޑިވަރުގެ އިތުރުން ވެސް، ބ. ދަރަވަންދޫއާއި ތ. ތިމަރަފުށީގެ އިތުރުން ރ. އިފުރުގައިވާ އެއާޕޯޓު ވެސް ހިންގަމުންނެވެ. އަދި ނ. މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓު ވެސް ހިންގަނީ އައިލެންޑް އޭވިއޭޝަނުންނެވެ.