ގައުމީ އެއާލައިން މޯލްޑިވިއަންއިން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރުމަށް އޭޓީއާރު މަރުކާގެ ތިން ބޯޓެއް ގެނެސްފި އެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން އިން ބުނީ އެކުންފުނިން އޭޓީއާރު 600-72 ގެ ދެ މަތިންދާ ބޯޓާއި އޭޓީއާރު 400-72 ގެ އެއް މަތިންދާބޯޓު ގަންނަން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށާއި މި އަހަރުގެ ތެރޭގައި ތިން ބޯޓު ވެސް މޯލްޑިވިއަންގެ ފްލީޓާ ގުޅޭނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ފެންވަރު ރަނގަޅުކޮށް ވައިގެ ދަތުރުފަތުރުން ރަށްތައް ގުޅާލުމަށްކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށާއި އެތެރޭގެ އުދުހުންތަކުގައި މޯލްޑިވިއަން އިން ދޭ ހިދުމަތްތައް ވެސް މިހާރަށް ވުރެ އިތުރަށް ފުރިހަމަވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އައިލެންޑް އެވިއޭޝަން ކުންފުނީގެ މޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ، މިއީ މިވަގުތު މާކެޓުގައި ލިބެން ހުރި އެންމެ ރަނގަޅު ބޯޓުތަކުގެ އިތުރުން، ދަތުރު ކުރާ ފަރާތްތަށް ފަސޭހައިން ހިދުމަތް ދެވޭ ގޮތަށް ކެބިން ފުރިހަމަ ކުރެވިފައިވާ ތިމާވެއްޓާ ރައްޓެހި އަދި ހިންގުމުގެ ހަރަދު ކުޑަ ބޯޓުތަކެއް ކަމަށެވެ. އަދި މިއީ ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް އެންމެ އެކަށޭނެ ބޯޓުތައް ކަމަށް މިހާދު ވިދާޅުވި އެވެ.

މޯލްޑިވިއަންގައި މިހާރު އޮންނަނީ 12 މަތިންދާބޯޓެވެ. އެއީ އެއާބަސް 321، އެއާބަސް 320 އަދި ޑޭޝް8 ގެ 10 ބޯޓެވެ.