Advertisement

ވ. އާރަށުގައި ހެދި "ސިނަމަން ވެލިފުށި މޯލްޑިވްސް" ރިސޯޓް ހުޅުވައިފި

FacebookTwitterWhatsAppTelegramViber

ސްރީ ލަންކާގެ ޖޯން ކީލްސް އިން ވ. އާރަށުގައި ތަރައްގީކުރި "ސިނަމަން ވެލިފުށި މޯލްޑިވްސް" ރިސޯޓް ހުޅުވައިފި އެވެ.

މި ރިސޯޓް ހުޅުވާފައި ވަނީ މި މަހުގެ 1 ވަނަ ދުވަހު އެވެ. މި ރިސޯޓް ހުޅުވައިދެއްވީ ލަންކާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނަމާލް ކަރުނަރަތުނަ އެވެ. މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހްމަދު ސޯލިހް އާއި ޖޯން ކީލްސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ފެލިދޫ ކައިރީގައި އޮންނަ އާރަށުގައި ހަދާފައި ވަނީ އެންމެ މަތީ ފެންވަރުގެ 90 ކޮޓަރި ހިމެނޭ ރިސޯޓެކެވެ. މީގެ ތެރޭގައި މޫދު ކޮޓަރި އާއި ބީޗު ވިލާ ހިމެނޭ ގޮތަށް ހަތަރު ވައްތަރެއްގެ ކޮޓަރި ހުރެ އެވެ. އެއީ، ސުޕީރިއާ ބީޗު ލޮފްޓް، ބީޗް ބަންގަލޯ، ވޯޓާ ބަންގަލޯ، ސަންސެޓް ވޯޓާ ބަންގަލޯ ވިތު ޔަކޫޒީ އަދި ވޯޓާ ސުއިޓް ވިތު ޕޫލް އެވެ.

ސިނަމަން ވެލިފުށި ރިސޯޓުގައި ރާއްޖެ އާއި ލަންކާގެ ކެއުންތައް ވެސް ހިމެނޭ ގޮތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކެއުންތައް ލިބޭ މެއިން ރެސްޓޯރަންޓަކާއި ސީފުޑަށް ހާއްސަ ރެސްޓޯރަންޓެއްގެ އިތުރުން، ބީޗު ބާއަކާއި ޕޫލް ބާއެއް އަދި މެއިން ބާއެއް ހުރެ އެވެ. މީގެ އިތުރުން، ސްޕާ އާއި މޫދު ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ވެސް ހަމަޖައްސާފައި ހުރެ އެވެ.

ލަންކާގެ އެންމެ ބޮޑު ހޮޓެލް ޗެއިން ކަމަށްވާ ޖޯންސް ކީލްސް އިން މިހާރު ވެސް ރާއްޖޭގައި ތިން ރިސޯޓް ހިންގަ އެވެ. އެއީ ސިނަމަން ދޮންވެލި މޯލްޑިވްސް، ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް އަދި އެއްލައިދޫ މޯލްޑިވްސް ބައި ސިނަމަން އެވެ.

އެއްލައިދޫގެ މޫދު ކޮޓަރިތައް އަލުން ހެދުމަށް ފަހު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ހުޅުވާފައިވާއިރު، ސިނަމަން ހަކުރާ ހުރާ މިހާރު އޮތީ އަލުން ހެދުމަށް ބަންދުކޮށްފަ އެވެ. މުޅިން އާ ރިސޯޓެއްގެ ގޮތުގައި މި ރަށް އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ހުޅުވާނީ މަތީ ފަންތީގެ ރިސޯޓެއްގެ ގޮތުގަ އެވެ. ހަމަ އެއާ އެކު، ސިނަމަން ދޮންވެލި ވެސް ވަނީ 2017 ގައި މަރާމާތުކޮށް، އަލުން ހުޅުވާފަ އެވެ.

ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަކީ މި އަހަރުގެ ތެރޭގައި އާ 20 ރިސޯޓް ބާޒާރަށް ނެރުމެވެ. ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިދިޔަ ހަފްތާފައި ވިދާޅުވެފައިވާ ގޮތުގައި، މި އަހަރުގެ މިހާތަނަށް 19 ރިސޯޓެއް ހުޅުވައި 20 ވަނަ ރިސޯޓް އައްޑޫގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަނީ ތައްޔާރުވަމުންނެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top