Advertisement

ނީލަކޯރުގައި ހަދާ ޑޭމާ ބެހޭ ވާހަކަތައް ހުއްޓުމުން މެދުވެރިއަކަށް އެދެނީ

FacebookTwitterWhatsAppTelegramViber

ނީލަކޯރު ގައި އިތިއޯޕިޔާ އިން ހަދަމުންދާ ވަރަށް ބިޔަ ޑޭމަކާ ގުޅޭ ގޮތުން ސޫދާނުގައި ބާއްވަމުން އައި މަޝްވަރާތައް ހުއްޓިފައިވާ ކަމަށް ބުނެ އެ ވާހަކަތަކުގައި ބައިނަލްއަޤްވާމީ މެދުވެރިއެއްގެ ދައުރަކަށް މިޞްރުން އެދިއްޖެ އެވެ. އެހެންކަމުން މިޞްރާ އިތިއޯޕިއާ އާ ދެމެދު މިވަނީ ނުތަނަސްކަން އުފެދިފައެވެ.

ސޫދާނާއި، މިޞްރާއި އިތިއޯޕިޔާ އާ ދެމެދު ބާއްވަމުންދިޔަ މަޝްވަރާތައް ހުއްޓުނީ އިތިއޯޕިޔާ އިން 'ގްރޭންޑް ރިނައިސަންސް ޑޭމް' ގެ ނަމުން ނަންދީފައިވާ މި ޑޭމް ބުލޫ ނައިލް ގައި 2012 ވަނަ އަހަރު ހަދަން ފެށުމުންނެވެ. އިތިއޯޕިޔާ އިން ބުނަނީ އެ ޑޭމް ހަދަނީ ކަރަންޓު އުފެއްދުމަށް ކަމަށެވެ.

އެކަމަކު މިޞްރުން ކަންބޮޑުވަނީ، އެ ބޮޑު ޑޭމް ގެ ސަބަބުން ނީލަކޯރުން މިޞްރާ ހަމައަށް ފޯރާ ފެން ވަރަށް ބޮޑަށް މަދުވާނެތީ އެވެ. މިޞްރުން ބުނާ ގޮތުގައި، އެތަކެއް އަހަރެއް ކުރިން ސޮއިކޮށްފައިވާ އެއްބަސްވުންތަކުން މިޞްރަށް ނީލަކޯރުގެ މައްޗަށް ތާރީޚީ ޙައްޤުތަކެއް ލިބިގެން ވެއެވެ.

މި ތިން ޤައުމު ގެ ދެމެދުގައި މަޝްވަރާކުރުމަށް ބައިނަލް އަޤްވާމީ ފަރާތަކުން ދައުރެއް ކުޅުމަށް ކަމަށް މިޞްރުގެ އިރިގޭޝަން މިނިސްޓަރ މިދިޔަ ހޮނިހިރު ދުވަހު ނެރުއްވި ބަޔާނެއް ގައި ވަނީ ވިދާޅުވެފައެވެ. އެއީ، ސޫދާނުގެ ވެރިރަށް ޚްރުޠޫމް ގައި ބޭއްވުނު އާ މަޝްވަރާ ބައްދަލުވުމަކަށް ފަހުގައެވެ.

މި މަޝްވަރާތަކުގައި ބުރަކި ޖެހުނީ، މިޞްރަށް ލިބޭ ފެނަށް ދަތިނުވާ ގޮތަށް ހުށަހެޅުނު ހުރިހާ ހުށަހެޅުންތަކެއް އިތިއޯޕިޔާ އިން ޤަބޫލުނުކުރުމުގެ ސަބަބުންނެވެ. މިޞްރުގެ ބަޔާނުގައި ވާ ގޮތުން، އިތިއޯޕިޔާ އިން ހުށަހެޅި ކަންތައްތަކުގައި އެންމެ މަދުން ފެން ދައުރުވާނެ މިންވަރަކާއި، ހަނަފަސް ދުވަސްވަރު ކަންކުރާނެ ގޮތުގެ ގެރެންޓީއެއް ނެތެވެ.

އިތިއޯޕިޔާ ގެ ޚާރިޖީ ވުޒާރާ އިން ވަނީ މިޞްރުން ބައިނަލް އަޤްވާމީ މެދުވެރިއަކަށް އެދި ކުރި އިލްތިމާސަކީ، ދެކެވޭ ވާހަކަތައް ކުރިޔަށް ނުދާ ކަމަށް މިޞްރުން ދެކޭ ކަމުގެ ހެއްކެއް ކަމަށް ބުނެ އެކަމާ ދެކޮޅު ހަދާފައެވެ.

މިޞްރުގެ ރިޔާސަތުން ވަނީ އެމެރިކާ އިން މި ވާހަކަތަކުގައި އިސް ދައުރެއް އަދާކުރުމަށް އެދިފައެވެ. ވައިޓް ހައުސް އިން ހުކުރު ދުވަހު ވަނީ މި ވާހަކަތަކަށް ތާއީދުކޮށް، ހުރިހާ ޤައުމަކުން ވެސް މި ވާހަކަތަކުން އެކަށީގެންވާ ފަދަ އެއްބަސްވުމަކަށް އައުމަށް އިލްތިމާސްކޮށްފައެވެ.

އިތިއޯޕިޔާ އިން ވަނީ މިވާހަކަތައް ކުރިޔަށް ނުދާ ކަމަށް މިޞްރުން ބުނި ބުނުން ދޮގުކޮށްފައެވެ. އިތިއޯޕިޔާ ގެ މިނިސްޓަރ ފޯރ ވޯޓަރ އެންޑް އެނާޖީ ސްލެއިޝީ ބެކޭލޭ ވިދާޅުވި ގޮތުގައި، މި ވާހަކަތައް ކުރިޔަށް ނުދާ ކަމަށް މިޞްރުން ބުނާ ބުނުމަކީ ބުހުތާނު ދޮގެކެވެ. އޭނާ ވިދާޅުވި ގޮތުގައި، ނުނިމި ހުރި ބައެއް ކަންތައްތައް ހުރި ކަމުގައި ވިޔަސް، ވާހަކަތަކުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

އިތިއޯޕިޔާ އިން ތުހުމަތުކުރި ގޮތުގައި، ވާހަކަތަކުގައި މިޞްރުން ގެންގުޅުނު އުކުޅަކީ، އެ ޤައުމުގެ ހައިޑްރޮލޮޖީއާއި، ތިމާވެއްޓާއި، އިޖްތިމާޢީ ގޮތުން ލިބޭނެ ފައިދާތައް ވަޒަންކުރުމުގެ މަސައްކަތްތައް ހުއްޓުވުމުގެ އުކުޅެކެވެ.

10 ޤައުމެއްގައި ދައުރުވާ ނީލަކޯރަކީ ދުނިޔޭގެ އެންމެ ދިގު ކޯރެވެ. އަދި މި ހުރިހާ ޤައުމަކަށް ފެނާއި ކަރަންޓު ފޯރުކޮށްދިނުމުގައި އެންމެ މުހިއްމު ކޯރެވެ.

ނީލަ ކޯރުގެ މައި ގޮފިތައް ކަމުގައިވާ 'ވައިޓް ނައިލް' އާއި، 'ބުލޫ ނައިލް' ގޮސް ގުޅި އެއްވަނީ ސޫދާނުގެ ޚަރުޠޫމުންނެވެ. އޭގެ ފަހުން މިޞްރު ހުރަސްކޮށް ކޯރު ނިމެނީ މެޑިޓެރޭނިއަން ކަނޑަށެވެ.

އިތިއޯޕިޔާ އިން ހާމަކޮށްފައިވާ ގޮތުގައި، 4 ބިލިޔަން ޑޮލަރުގެ ޑޭމުން ކަރަންޓު އުފައްދަން ފަށާނީ 2020 ގައެވެ. އަދި 2022 ގައި އެއްކޮށް އޮޕަރޭޓްކުރެވެން ފަށާނެ އެވެ.

މުޙައްލިލުން ކަންބޮޑުވާ ގޮތުގައި، ޑޭމް ހުޅުވުމުގެ ކުރިން މި ކަން ޙައްލުނުކުރެވި މިދާ ގޮތަށް ދާ ނަމަ، ނީލަކޯރުގެ އެންމެ މައިގަނޑު ޙިއްޞާދާރު ތިން ޤައުމު ކަމުގައިވާ މިޞްރާއި ސޫދާނާއި އިތިއޯޕިޔާ ބޮޑު ހަމަނުޖެހުމަކަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top