ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އިން ނެގި ލޯނެއް ނުދެއްކުމުގެ ސަބަބުން ދެ ރިސޯޓެއް ވިއްކާލަން އިއުލާނު ކޮށްފި އެވެ.

އެސްބީއައި ވިއްކާލަން އިއުލާނު ކޮށްފައިވަނީ ށ. ދޮޅިޔަދޫ އައިލެންޑް ރިސޯޓާއި ގަސްވެލި އެވެ.

ތްރީއޭ ކުންފުނިން ހިންގާ 100 އެނދުގެ ދޮޅިޔަދޫ ރިސޯޓަކީ 2019 ގައި ވެސް އެސްބީއައިއިން ވިއްކުމަށް އިއުލާންކުރި ރިސޯޓެކެވެ. އެ ފަހަރު އެ ރިސޯޓު ވިއްކަން އިއުލާންކުރީ 42 މިލިއަން ޑޮލަރަށެވެ.

އެސްބީއައި އިން ފަހު ކުރި އިއުލާނުގައި އެ ރިސޯޓް ވިއްކުމަށް ކަނޑައަޅާފައިވަނީ 33 މިލިއަން ޑޮލަރަށެވެ.

އެސްބީއައިއަށް ދޮޅިޔަދޫ ރިސޯޓް ވިއްކައިލުމުގެ ހުއްދަ ލިބިފައިވަނީ 2008 ވަނަ އަހަރު އެސްބީއައި އިން ދޮޅިޔަދޫ އިންވެސްޓަމްނަޓް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި ލޯނުތަކެއް ނުދެއްކުމުން އިންޓްރެސްޓާއި ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 11 މިލިއަން ޑޮލަރު ނުދެއްކުމުން އެ ރިސޯޓް އެސްބީއައިއަށް ނެގުމަށް 2015 ވަނަ އަހަރު، ސިވިލް ކޯޓުން ހުކުމް ކުރުމާއެކުގަ އެވެ. އެ ހުކުމަށް ހައިކޯޓުންވެސް ވަނީ ތާއީދުކޮށްފަ އެވެ.

ތްރީއޭ ކޮޕްމެނީ އަކީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމާއި ރައްޔިތުންގެ މަޖިލީހުގެ ބިލަތްދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ހަމްޒާގެ އާއިލީ ކުންފުންޏެކެވެ.

އެސްބީއައިއިން ވިއްކާލަން އިއުލާނުކުރި ގަސްވެއްޔަކީ ރިސޯޓު ހެދުމަށް މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) އާއި އިތުރު ބަޔަކު ގެރެންޓީ ދީގެން އަމިއްލަ ކުންފުންޏަކަށް ނަގާފައިވާ ދެ ލޯނަކަށް 35 މިލިއަން ޑޮލަރު ނުދެއްކުމުން އެ ބޭންކަށް ނެގި ރަށެވެ. ގަސްވެލީގެ އިތުރުން ބޮޑުވެލި އަދި ކުޑަ އުސްފުށީގެ ލީސް ހޯލްޑް ރައިޓްސް ވިއްކައިލުމުގެ ހުއްދަވެސް އެސްބީއައިއަށް ވަނީ ދީފަ އެވެ.

ގަސްވެލި ވިއްކާލުމަށް ކަނޑައަޅާފައި ވަނީ 17 މިލިއަން ޑޮލަރަށެވެ.

ދޮޅިޔަދޫ ރިސޯޓާއި އާއި ގަސްވެލި ގަންނަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އޮތް އިރު، ބިޑް ޑިޕޮސިޓްގެ ގޮތުގައި 15،000 ޑޮލަރު ހުށަހަޅަން ޖެހޭނެ ކަމަށް އެސްބީއައި އިން ބުންޏެވެ. ބިޑް ހުށަހެޅޭނެ އެންމެ ފަހުގެ ތާރީހަކީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ 17:00ގެ ކުރިންނެވެ.