Advertisement

ޓީއެމްއޭއަށް ބޮޑު ފައިދާ ލިބޭ ގޮތަށް ހަވާލުކުރަން ނިންމާފައިވާ އާ ސީޕްލޭން ޓާމިނަލް. ފޮޓޯ: އެމްއޭސީއެލް

ޓީއެމްއޭއަށް ބޮޑު ފައިދާ ލިބޭ ގޮތަށް އެންމެފަހުން ސީޕްލޭން ޓާމިނަލް "ދެނީ"

FacebookTwitterWhatsAppTelegramViber

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހަދާ ސީޕްލޭން ޓާމިނަލުން ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އަށް ބޮޑު ފައިދާއެއް ލިބޭ ގޮތަށް "ދޭން" އެންމެފަހުން ނިންމައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާ އާ ސީޕްލޭން ޓާމިނަލް، ދައުލަތަށް ގެއްލުންވާ ގޮތަށް ކުއްޔަށް ދޫކުރަން އުޅޭ ކަމުގެ ތުހުމަތަކާ ގުޅިގެން އޮޑިޓެއް ހަދަން ހަވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިދިޔަ އޮގަސްޓް މަހު ނިންމާފައިވެ އެވެ.

އެ ކޮމިޓީން އެކަން ތަހުގީގުކުރަން ނިންމީ، އާ ޓާމިނަލް ޓީއެމްއޭއަށް ކުއްޔަށް ދޭން އުޅޭ ކަމުގެ އަޑު ފެތުރި، ރާއްޖޭގައި ސީޕްލޭން އޮޕަރޭޓް ކުރާ ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. ނަމަވެސް އެ ތަހުގީގާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް މަޖިލީހުން ހާމަކޮށްފައެއްނުވެ އެވެ.

މާލިއްޔަތު ކޮމިޓީން އެ ތަހުގީގު ކުރިޔަށް ގެންދާނެ ކަމަށް ބުނެފައި ވަނިކޮށް، ރާއްޖޭގެ ބާރުގަދަ ވިޔަފާރިވެރިންތަކެއް އަޑީގައި ތިބެގެން އެ ޓާމިނަލް ޓީއެމްއޭއާ ހަވާލުކުރަން އެމްއޭސީއެލްއަށް ވަރަށް ބޮޑަށް ޕްރެޝާކުރަމުންދާ ކަމަށް އެނގިފައިވެ އެވެ. އެގޮތުން އެމްއޭސީއެލްގެ ބޯޑުގައި ހިމެނޭ ނުފޫޒުގަދަ މެމްބަރަކު ވަނީ ކުންފުނީގެ އިސްވެރިންގެ ތެރެއިން އެކަމާ ދެކޮޅު ހަދާ މީހުންނަށް އެކަމާ ނުބެހުމަށް އަންގާފައިވާ ކަމަށް އެނގިފައިވެ އެވެ.

ޓީއެމްއޭއާ އެ ޓާމިނަލް ހިންގުން ހަވާލުކުރުމާ ދެކޮޅު ހެދި އެމްއޭސީއެލްގެ ބައެއް އިސްވެރިން އެހެން ޑިޕާޓްމަންޓްތަކަށް ބަދަލުކޮށް، އަދި ވަޒީފާއިން ވަކިކުރާނެކަމުގެ އިންޒާރު ވެސް ބޯޑު މެމްބަރު ދެމުން އަންނަ ކަމަށް ނަންހާމަކުރަން ބޭނުންނުވާ އޮފިޝަލަކު ވިދާޅުވި އެވެ.

ޓީއެމްއޭއަށް ބޮޑު ފައިދާ ލިބޭ ގޮތަށް ހަވާލުކުރަން ނިންމާފައިވާ އާ ސީޕްލޭން ޓާމިނަލް. ފޮޓޯ: އެމްއޭސީއެލް

"މިއީ ބަޔަކު ރާވާއިގެން ހިންގާ ވަރަށް ބޮޑު ޖަރީމާއެއް. މިތަން ޓީއެމްއޭއަށް ދީފިނަމަ ހުރިހާ ފައިދާއެއް ނަގާނީ ޓީއެމްއޭއިން،" އޭނާ ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ ޓީއެމްއޭ އިން ޓާމިނަލް ހިންގުމަށްފަހު އެމްއޭސީއެލްއަށް ދައްކާނީ "ރަމްޒީ" ކުއްޔެއް ކަމަށެވެ. އަދި އެތަނުން ވިޔަފާރިކޮށްގެން ހަގީގީ މަންފާ ހޯދާނީ ޓީއެމްއޭއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ދައްކަނީ އަހަރަކު އެތައް މިލިއަން ޑޮލަރެއްގެ ފައިދާ ލިބެން އޮތްވައި އެ ފައިދާ ޓީއެމްއޭއަށް ދޭން އުޅޭ ވާހަކަ. މިއީ މިތަނުގެ ބައެއް ބޯޑު މެމްބަރުން އަޑީގައި ތިބެގެން ހިނގާ ޖަރީމާއެއް،" އެ އޮފިޝަލް ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން އެމްއޭސީއެލް އިން ވާހަކަދައްކާކަށް ބޭނުމެއް ނުވި އެވެ.

ރާއްޖޭގައި ސީޕްލޭން އޮޕަރޭޓްކުރާ ފަރާތްތަކުން ދެކޭ ގޮތުގައި، އާ ޓާމިނަލް ހަމައެކަނި ޓީއެމްއޭއާ ހަވާލުކުރުމުން، ވާދަވެރިކަމަށް ބުރޫއަރާނެ އެވެ. އަދި މިއީ ރާވައިގެން ޓީއެމްއޭއަށް ބޮޑު މަންފާއެއް ހޯދައިދިނުމަށް ހިންގާ އަމަލެއް ކަމަށް ވެސް އެ އޮޕަރޭޓަރުން ދެކެ އެވެ.

"އަޅުގަނޑުމެންނަށް ދާދިފަހުން ޓީއެމްއޭއިން ގުޅާފައި ބުނި ތިމަންނަމެންނަށް އާ ޓާމިނަލް ލިބުމުން ލައުންޖް ހަދަން ބޭނުން ތަނެއް ދޭނެ ކަމަށް. އެ މީހުންނަށް އެހާ ޔަގީންކަމާއެކު ބުނަން ކެރޭނީ ވަރަށް ބޮޑު ޔަގީންކަމެއް އެހެން ދިމާލަކުން ލިބިފައި އޮތީމަ،" އަލަށް ރިސޯޓެއް ތަރައްގީކުރާ ކުންފުންޏެއްގެ އިސްވެރިއަކު ވިދާޅުވި އެވެ.

އެކި ފަރާތްތަކުގެ ޕްރެޝަރު ސަރުކާރަށް ކުރިމަތިވުމުން ވަކި ކުންފުންޏަކަށް ފައިދާވާ ގޮތަށް ސީޕްލޭން އާ ޓާމިނަލް ކުއްޔަށް ނުދޭނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ މިދިޔަ ޖުލައި މަހުގެ ތެރޭގައި ވިދާޅުވެފައިވެ އެވެ.

"ޓީއެމްއޭ ވިއަސް، ޓާމިނަލެއް ވިއަސް އަދި އެހެން ތަނެއް ވިއަސް ހުރިހާ ރައްޔިތުންނަށް އެކަމުގެ ފައިދާކުރަނިވި ގޮތަކަށް މި ސަރުކާރުން ނިންމާނީ. ވަކި މީހަކަށް، ވަކި ފަރުދަކަށް ފައިދާ ވަނިވި ގޮތަކަށް މި ސަރުކާރުން ކަންތައް ނިންމާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ވިލާ އެއާގެ ބާނީ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން، ނަހުލާ ވިދާޅުވި އެވެ.

އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއާ ހަވާލުކުރަން އުޅޭ ވާހަކަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ދޮގުކުރައްވައިފައިވެ އެވެ. އެމަނިކުފާނު މި ފަހުން ވިދާޅުވީ "ވަކި ބަޔަކަށް ޓާމިނަލް ދޭން ނިންމާފައި ނުވާނެ" ކަމަށެވެ.

ސީޕްލޭން ޓާމިނަލް މިހާރު ހިންގަމުން އަންނަނީ ޓީއެމްއޭ އާއި މޯލްޑިވިއަންއަށް ހުޅުލެއިން ބިން ކުއްޔަށް ދީގެން، އެ ފަރާތްތަކުން އަމިއްލައަށެވެ. އެގޮތުން އެމްއޭސީއެލުން އަކަމީޓަރަކަށް ޗާޖުކުރަނީ ނުވަ ޑޮލަރު (138ރ) އެވެ. އެ ޓާމިނަލްތައް ހަދާފައި ވަނީ ވެސް ކުންފުނިތަކުން އަމިއްލައަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި މަޝްރޫއުތަކުގެ ތެރެއިން އެ އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލް ހަދަނީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ. އެތަނުގައި ކޮންކްރީޓްގެ މަސައްކަތް ނިންމައި މިހާރު ކުރަމުން އަންނަނީ އެތެރޭގެ މަސައްކަތްތަކެވެ. އެތަނުގެ 80 ވަރަކަށް ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.

ރާއްޖޭގައި ސީޕްލޭން އިންޑަސްޓްރީ ފުޅާވެ، އަލަށް ވައިގެ ދަތުރުގެ ހިދުމަތް ދޭން ފެށި މަންޓާ އެއާއިން ސީޕްލޭންގެ ހިދުމަތް ފެށުމަށް ބޯޓުތައް ރާއްޖެ ގެންނަން ވަނީ ދަތުރު ފަށައިފަ އެވެ. އެ ކުންފުނީގެ އިތުރުން ސަރުކާރުގެ ކުންފުނި މޯލްޑިވިއަން އިން ވެސް ސީ ޕްލޭންގެ ހިދުމަތް އަންނަނީ ދެމުންނެވެ. އަދި ވިލާ އެއާގެ ފްލައިމީން ވެސް އަންނަނީ ސީޕްލޭންގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންނެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top