ކޮވިޑާ ގުޅިގެން އަތޮޅު ތެރޭގައި ބަންދުކުރި ގެސްޓް ހައުސްތަކުގެ ތެރެއިން މިހާތަނަށް 50 އަށްވުރެ ގިނަ ތަންތަން އަލުން ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދީފި އެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބަންދުކުރީ މިދިޔަ މާޗު 17ގަ އެވެ. ގެސްޓްހައުސްތައް އަލުން ހުޅުވަން ޓޫރިޒަމް މިނިސްޓްރީން ހުއްދަ ދޭން ފެށީ އޭގެ 212 ދުވަސް ފަހުން މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަމަހުގެ 15 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ފަސް އަތޮޅެއްގައި ހިންގާ 53 ގެސްޓުހައުސްއެއް ހުޅުމުގެ ހުއްދަވަނީ ދީފަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ކ. އަތޮޅު އާއި އއ. އަތޮޅުގައި ހިންގާ ގެސްޓުހައުސްތަކެވެ. އެގޮތުން ކ. އަތޮޅުން 22 ތަނެއް ހުޅުވުމުގެ ހުއްދަ ދީފައިވެ އެވެ. އަދި އއ. އަތޮޅުން ވެސް 21 ތަނެއް އަލުން ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަނީ ދީފައިވެ އެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ގެސްޓުހައުސްތައް ހުޅުވިފަހުން މިމަހުގެ އެއްވަނަ ދުވަހާ ހަމައަށް ޖުމްލަ 1،210 ޓޫރިސްޓުން ގެސްޓުހައުސްތަކަށް އައިސްފައިވެ އެވެ. މީގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން ގޮސްފައިވަނީ މާފުއްޓަށެވެ. އެރަށަށް 548 ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.